އަންހެނުން ކޮމިޓީގެ މުސާރަ ބޮޑުކޮށްފި: ސިޓީތަކުގެ ރައީސާއިންނަށް 41،000، ރަށްރަށުގެ ރައީސާއިންނަށް 21،000 ރުފިޔާ!
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (ޑަބްލިއުޑީސީ) ނުވަތަ އަންހެނުންގެ ކޮމިޓީ މެންބަރުންގެ މުސާރަތައް ވަރަށް ބޮޑަށް ބޮޑުކުރަން ނެޝަނަލް ޕޭ ކޮމިޝަނުން މިއަދު ނިންމައިފިއެވެ. މިއީ އަންހެނުން ކޮމިޓީގެ މުސާރަތަކަށް ގެނައި ބޮޑު ބަދަލެކެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި އެ މިނިސްޓްރީގެ ދަށުން ހިންގާ ޕޭ ކޮމިޝަނުން މިއަދު ވަނީ އަންހެނުން ކޮމިޓީތަކުގެ މުސާރަ ވަރަށް ބޮޑަށް ބޮޑުކުރަން ނިންމައި، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުވާފައެވެ. އެ ގޮތުން، ސިޓީތަކުގެ އަންހެނުން ކޮމިޓީ ރައީސާއިންނަށް މި ބަދަލާ އެކު 41،000 ރުފިޔާ ލިބޭނެއެވެ. އަދި، ރަށްރަށުގެ އަންހެނުން ކޮމިޓީގެ ރައީސާއިންނަށް ވެސް މި ބަދަލާ އެކު މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ލިބޭނެއެވެ. https://sun.mv/220171 އަދި، ސިޓީތަކުގެ އަންހެނުން ކޮމިޓީ ނައިބުންނަށް 7،000 ރުފިޔާ ލިބޭއިރު، ރަށްރަށުގެ ނައިބުންނަށް ލިބޭނީ 6،000 ރުފިޔާއެވެ. ސިޓީތަކުގެ ކޮމިޓީ މެންބަރުންނަށް މުސާރައިގެ ގޮތުގައި ޖުމުލަ 6،000 ރުފިޔާ ލިބޭއިރު، ރަށްރަށުގެ މެންބަރުންނަށް 5،000 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ކުރިން ސިޓީތަކުގެ އަންހެނުން ކޮމިޓީ ރައީސާއިންނަށް ލިބެނީ 7،000 ރުފިޔާއެވެ. އަދި، ރަށްރަށުގެ ރައީސާއިންނަށް ލިބެނީ 6،000 ރުފިޔާއެވެ. އެހެންވެ، މި ބަދަލާ އެކު ސިޓީތަކުގެ އަންހެނުން ކޮމިޓީ ރައީސާއިންގެ މުސާރަ މި ވަނީ 34،000 ރުފިޔާ ބޮޑުވެފައެވެ. އަދި، ރަށްރަށުގެ ރައީސާއިންގެ މުސާރަ ވެސް ވަނީ 15،000 ރުފިޔާ ބޮޑުވެފައެވެ. މިއީ ވަރަށް ބޮޑު ބޮޑުވުމެކެވެ. https://sun.mv/189514 އަންހެނުން ކޮމިޓީ މެންބަރުންގެ މުސާރަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީސް ކެމްޕޭން ތެރޭ ވައުދުވެވަޑައިގެންނެވިއެވެ. އެ ގޮތުން، މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފި ނަމަ އަންހެނުން ކޮމިޓީ ބާރުވެރިކޮށް، ބަޖެޓު ދެގުނަކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ. އެ ގޮތުން، މިދިޔަ ރޯދަމަހާ ދިމާކޮށް އަންހެނުން ކޮމިޓީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭން ވެސް މަޖިލީހުން ފާސްކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ