ޝަކުވާ އޮފީހުގެ ވެރިޔަކަށް ޑރ. މާހިދު ޝަރީފް
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަގާމަށް، މިނިސްޓަރުގެ ފެންވަރުގައި، މުޙައްމަދު މާހިދު ޝަރީފު ޢައްޔަންކޮށްފި އެވެ.ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މާހިދު ވަނީ ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި ޕާމަނަންޓް ސެކްރެޓަރީކަމާއި އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ހިމެނެ އެވެ. ރައީސް އޮފީހަށް އައްޔަން ކުރެއްވުމާ ހަމައަށް މާހިދު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ސީއީއޯގެ މަގާމުގަ އެވެ.ޑރ. މާހިދުގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ މުހިއްމު ފިޔަވަޅެކެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރި އޮފީހެކެވެ. މި އޮފީސް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އިއުލާންކުރެއްވީ މި އަހަރުގެ ފެބުރުވަރީ މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކޮށް، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ