ގަދަ ނުވާ ވަރަށް ބަލިވުމުން ޕެންޝަން ފައިސާ ނެގޭ ގޮތަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ބަލީގެ ހާލަތު ހުރި ގޮތުން އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދެއް ނެތް މީހުންނަށް، އެ މީހުންގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާ އެއް ފަހަރާ ނެގޭ ގޮތަށް ޕެންޝަންގެ ގާނޫނަށް ގެނައި އިސްލާހު, ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، 2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކޮށް، ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭނެ ހާލަތްތަކާއި، ޕެންޝަން އޮފީހާއި ޕެންޝަންގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އުސޫލުތައް ޕެންޝަނާބެހޭ ޤާނޫނަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލުން ތައާރަފުކުރެވިފައިވެއެވެ. https://sun.mv/221976 ބިލަށް ގެނެސްފައިވާ އިސްލާހުތަކަށް ބަލާލާއިރު، "ޓާމިނަލް އިލްނަސް" ނުވަތަ ފަރުވާ ދިން ކަމުގައި ވިޔަސް އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތްތަކުގައި އެ ފައިސާ ނެގޭނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބިދެވޭ ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ، އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭ ނަމަ، އެމީހެއްގެ އަސާސީ ޕެންޝަން ނުލިބޭނެއެވެ. މީގެ ކުރިން އޮންނަ ގޮތުން މި ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ ހަމައެކަނި އިމާރާތްކޮށް ނިންމާފައިވާ ފްލެޓްތައް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށެވެ. އެހެންނަމަވެސް މިހާރު ގެދޮރު ޢިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ޙައްޖުވުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ހިންގުން ހަރުދަނާކުރުމަށްޓަކައި، ބުނެވިދިޔަ ޤާނޫނަށް މުހިންމު އިތުރު އިޞްލާޙުތަކެއް ގެނައުމަށް މި ބިލުގައި ހިމަނާފައިވެއެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ