މިއަހަރު ދިވެހިރާއްޖެއިން ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ބައްދަލުކުރެއްވުން އޮތީ، ދިވެހި ޙައްޖުވެރިން ތިބޭ ހޮޓެލް، ބަލަދް އައްޠައްޔިބު އަޖިޔާދު ހޯޓެލުގައެވެ. ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ މެންބަރުންނާއި، ޙައްޖު ކޯޕަރޭޝަންގެ އިސްވެރިންނާއި ޙާޖީން ބައިވެރިވިއެވެ.
ވަޒީރުގެ ޒިޔާރަތުގައި ވަނީ، ވަކިވަކިން ޙާޖީންނާ ބައްދަލުކުރައްވައި ޙާލު އޮޅުންފިލުއްވާފައެވެ. އަދި ދިވެހި ޙައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންދާކަން ފާހަގަކުރައްވާ، އިންތިޒާމްތައް އެންމެ ރަނގަޅަށް ހަމަޖެއްސުމުގެ ކަންކަން ސަރުކާރުން ކުރައްވާކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ، ޙައްޖުވެރިން ތިބޭ ހޮޓަލުގެ އެންމެހާ އިންތިޒާމްތައްވެސް ބައްލަވާލައްވާފައެވެ. އެގޮތުން ސިއްޙީ ޚިދުމަތްތައް ރޭވިފައިވާ ގޮތްތަކާއި އަދި ކްލިނިކުގެ އިންތިޒާމްތައް ބައްލަވާލައްވާ މެޑިކަލް ޓީމާއި ބައްދަލުކުރެއްވިއެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާވެސް ވަޒީރު ސަޢީދު ބައްދަލުކުރެއްވިއެވެ.
މިއަހަރުވެސް ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1000 ޙައްޖުވެރިން ބައިވެރިވެއެވެ. ދިވެހި އެންމެހާ ޙައްޖުވެރިންގެ ޙާލަތުވެސް ޖުމްލަކޮށް ރަނގަޅެވެ.
ޙައްޖުގެ އަޅުކަމަށް އަންނަ އެންމެހާ ދިވެހިން އަންގާރަ ދުވަހުގެ ނިޔަލަށް މިނާއަށް ވަނީ އައިސްފައެވެ. ހުރިހާ ޙައްޖުވެރިންވެސް ޢުމްރާގެ އަޅުކަން ވަނީ، ފުރިހަމަކޮށްފައެވެ.
ޙައްޖުވެރިން ޙައްޖުގެ މަޝާއިރަށް ނުކުންނާނީ، އާދިއްތަ ދުވަހުގެ ރެއެވެ. މިނާގައި 6 ދުވަސް ހޭދަކުރާނެއެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް އައި ޙައްޖުވެރިން އަނބުރާ ރާއްޖެ ދާން ފަށާނީ، ޖޫން 5ވަނަ ދުވަހުން ފެށިގެންނެވެ.
އަމީރުލް ޙައްޖު، ވަޒީރު ސަޢީދު ޙައްޖުވެރިންނާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ