މުއިއްޒުގެ ސަރުކާރުން ރޭ ބަންދު ކުރި ސިޔާސީ ހައްޔަރީން ދޫކޮށްލައިފި

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުރާސްފަތި ދުވަހުގެ ރޭ ވެރި ރަށް މާލެއިން ބަންދު ކުރި ސިޔާސީ ހައްޔަރީން މިއަދު ދޫކޮށްލައިފި އެވެ. 
ރޭ ފަސް މީހަކު ފުލުހުން ހައްޔަރު ކުރީ މުއިއްޒު އަންގަވައިގެން ހައްޔަރުކޮށް ޖަލަށްލި އަދަދުގެ ނޫސްވެރިން މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ދޫކޮށްލަން ގޮވާލައި މުޒާހަރާ ކުރި ފަސް މީހެކެވެ. 
އޭގެ ތެރޭގައި ޝަހުޒާންގެ ކޮއްކޮ މުހައްމަދު ފައުޒާން އާއި ބޮޑުދައިތަ ހަލީމަތު ޒުހައިރާ ވެސް ހިމެނެ އެވެ. ފައުޒާން ރޭ ދޫކޮށްލި އިރު، ހަލީމަތު ދޫކޮށްލާފައި ވަނީ މިއަދު އެވެ. 
ރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން ހުސެއިން ވެސް ހިމެނެ އެވެ. ހުސެއިން ދޫކޮށްލާފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ. އޭގެ އިތުރުން ޕީއެންއެފްގެ ދެ އެކްޓިވިސްޓެއް ވެސް ރޭ ހައްޔަރު ކުރި އެވެ. 
ސިޔާސީ އިދިކޮޅު ފަރާތްތަކާއި ނޫސްވެރިންނަށް މުއިއްޒު ސަރުކާރުން ޓާގެޓު ކުރަމުންދާއިރު، ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށް އެމަނިކުފާނު ވަނީ ރޭ ވިދާޅުވެފަ އެވެ. 
"ނޭޝަން ޓޯކް" ގެ ނަމުގައި މުއިއްޒު އިއްޔެ ފެށްޓެވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިން މި ގައުމުގައި އޮތީ ސިޔާސީ ގޮތުން ބަދަލު ހިފުން ކަމަށާއި ނަމަވެސް އެކަން އެމަނިކުފާނު މިހާރު ބަދަލު ކުރައްވާފައިވާނެ ކަމަށެވެ. 
"ރާއްޖޭގައި މީގެ ކުރިން މުޅިން ވެސް އޮތީ ސިޔާސީ ގޮތުން ބަދަލު ހިފުން. ސިޔާސީ މީހުން ޖަލަށްލުން. ސިޔާސީ ގޮތުން ހަމަ ވިޝަސް ނެވާ އެންޑިން ސައިކަލްއެއްގެ ތެރޭގައި އުޅެންޖެހިފައި ރައްޔިތުން. އަޅުގަނޑު ވައުދުވީ އެކަން ނިންމަން. އިރާދަކުރެއްވީތީ ރާއްޖޭގައި ނުހުންނާނެ ސިޔާސީ ގޮތުން ޖަލަށްލާފައި ހުރި މީހެއް،" މުއިއްޒު ވިދާޅުވި އެވެ. 
ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި ބަޔަކު ރާއްޖެއަކު ނުހުންނާނެ ކަމަށް ވިދާޅުވުމަށްފަހު މުއިއްޒު ވަނީ އިދިކޮޅު ޕާޓީތަކަށް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިދިކޮޅު ފަރާތްތަކަށް ނިސްބަތްކޮށް ރައީސް ވިދާޅުވީ އެބޭފުޅުންގެ ސިކުނޑީގައި އަބަދުވެސް ހުންނަނީ ބަދަލުހިފުމުގެ ރޫހު ކަމަށެވެ.
"އަޅުގަނޑުމެންގެ ސިކުނޑީގައި މި ހުންނަނީ އަބަދުވެސް ބަދަލު ހިފުމުގެ ރޫހާއި އަޅުގަނޑުމެންގެ ތެރޭގައި ހަމަ ހަމަނުޖެހުން ގާއިމް ކުރުމާއި ތިމަންނައަށް މޮޅު ގޮތް އެކަނި ތިމަންނަ އިހުތިޔާރު ކުރުމާ، ގައުމަށް ކޮންމެހެން ވިސްނުމެއް ނެތި ކަން ކުރުމާ މިކަހަލަ ކަންތައްތައް،" ރައީސް ވިދާޅުވި އެވެ. 
"އެހެންވީމާ، މި ގައުމުގައި ޑިމޮކްރަސީ ފައްކާ ކުރާ ކަމަށްވަންޏާ އެބަޖެހޭ ޒިންމާދާރުކަމާއެކީ އޮޕޮޒިޝަން ވެސް މަސައްކަތް ކުރަން. އޭރުން އަޅުގަނޑުމެންނަށް މި ގައުމުގައި، އެހާ މަސައްކަތުން ގެނައި ޑިމޮކްރަޓިކް ސިސްޓަމް ފައްކާވާނީ. އެކަމެއް ފައްކާއެއް ނުވާނެ އަޅުގަނޑުމެންގެ ސިކުނޑި ފައްކާނުވެ."
ސިޔާސީ ގޮތުން މީހަކު ހައްޔަރު ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވާއިރު، މީގެ ކުރިން ބޭއްވި މުޒާހަރާއަކުން ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫން ޖަލީލު ވެސް ވަނީ ހައްޔަރުކޮށް ބަންދުކޮށްފަ އެވެ. 
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދު ހައްޔަރުކޮށް އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލާފައި ވަނީ ވެސް ސިޔާސީ ގޮތުން ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހައްޔަރު ކުރަން އުޅުނު ކަމަށް ވެސް މި ދޭތެރެއަކުން އަޑު ފެތުރުނެވެ. އޭނާ ވަނީ މިހާރު ރާއްޖެ ދޫކޮށް ގޮސްފަ އެވެ. 
އޭގެ އިތުރުން، މުއިއްޒަށް ފާޑުކިޔާ ނޫސްތަކާއި ނޫސްވެރިންނަށް ވެސް އެމަނިކުފާނު ދަނީ ހަރުކަށި އަދަބު ދެމުންނެވެ. މުއިއްޒަށް ކުރެވޭ ޖިންސީ ތުހުމަތުތަކެއްގެ ވާހަކަ އަދަދު ނޫހުން ގެނެސްދިނުމުން މުއިއްޒު ވަނީ މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފަ އެވެ. 
އެ މައްސަލައިގައި މުއިއްޒުއާ ސުވާލު ކުރި މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށްލައިފަ އެވެ. އަދި ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު މެދުވެރިކޮށް މަނާ ކުރި ހަބަރު ލިޔުނު ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށްލައިފަ އެވެ. ލީވާން ވަނީ މިއަދު މިނިވަންވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ