ކައުންސިލްތަކަށް އަލަށް އިންތިޚާބުވި ގިނަ މެންބަރުން ހުވައިކޮށްފި

ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ބާއްވަން ފަށައިފިއެވެ. މި ރަސްމިއްޔާތުތައް ގިނަ ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުއެވެ. ބައެއް ސިޓީތަކާއި ރަށްރަށުގައި ހުވާކުރުމުގެ ރަސްމިއްޔާތުތައް ބާއްވާނީ މިއަދުގެ އެކި ގަޑިތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ހެނދުނު 9:00 ޖެހިއިރު ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތައް އެއްވަގުތެއްގައި އެއްފަހަރާ ކުރިއަށް ގެންދެވޭނެ އިންތިޒާމު ލޯކަލް ގަވަމެންޓް އޮތޯރިޓީން ކައުންސިލްތަކާއި ގުޅިގެން ހަމަޖައްސާފައިވެއެވެ. ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ހުވާލައިދެއްވީ އެރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ. މި އުސޫލުން ރާއްޖޭގެ 5 ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމާއި، ސިޓީތަކަށް ނިސްބަތްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރިރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނެއެވެ.
މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގަ ރާއްޖޭގެ ސިޓީތަކާއި ރަށު ކައުންސިލްތަކަށް ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭއިރު، 677 ކައުންސިލަރުން ހުވާކުރުމާ ހަމައަށް އިންތިޚާބުކޮށްފައިވާ ކަމަށް، އެލްޖީއޭއިން ވިދާޅުވިއެވެ. އެލްޖީއޭއިން ވިދާޅުވީ މިއަދު 676 ކައުންސިލަރުން ހުވާކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހުވާނުކުރާ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު ފަހުން ހަމަޖެހިގެންދާނެ ކަމަށް، އެލްޖީއޭއިން ވަނީ ވިދާޅުވެފައެވެ.
މިދައުރަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބު ކުރަން ޖެހެނީ ކައުންސިލަރުންގެ ތިބި އަދަދަށް 678 ފަރާތެކެވެ. އޭގެ ތެރެއިން 673 ޑަބްލިއުޑީސީ މެންބަރުން އިންތިޚާބުކޮށްފައިވާއިރު، މިއަދު 662 މެންބަރުން ހުވާކޮށްފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވިދާޅުވިއެވެ.
އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމާއެކު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާނެއެވެ. މި ބައްދަލުވުންތަކުގައި ޑޕޮއުޓީ މޭޔަރުންނާއި، ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މިއީ އައު ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށްވެސް އެލްޖީއޭއިން ވިދާޅުވެއެވ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ، އެ ކޮމިޓީ ހިންގުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމް މަޤާމެކެވެ.
މި ރަސްމިއްޔާތަށްފަހު މަސައްކަތް ފަށާ އައު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ މި މަސައްކަތަކީ، ދިވެހިރާއްޖޭގެ ލޯކަލް ގަވަރމަންޓް ހިންގުމުގެ ނިޒާމުގެ މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް އެލްޖީއޭއިންވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 26ވަނަ ދުވަހުއެވެ. އެއަށްފަހު ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ