ސަރުކާރުގެ ދަރަނި ދައްކަން ބޭންކް އޮފް މޯލްޑިވްސްގައި ހުރި ކަސްޓަމަރުންގެ ޑޮލަރު ދޫކޮށްފައި ނުވާނެކަމަށް އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން ވިދާޅުވީ، މިފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސުކޫކާއި، ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދަނީ ސަރުކާރުން މި ފައިސާ ދައްކާފައިވަނީ ބީއެމްއެލްގައި ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާއިންކަމަށެވެ.
މިކަމަށް ރައްދުދެއްވައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވީ، އެއީ ހަޤީގަތާއި ޚިލާފު ވާހަކައެއްކަމަށެވެ. ބޭންކްގައި ހުރި ކަސްޓަމަރުންގެ ޑިފޮސިޓް ރައްކާތެރިކުރުމަކީ އެ ބޭންކުން އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ. ބޭންކްގެ ޑިޕޮސިޓްގެ ގާތްގަނޑަކަށް %70 ގާތްކުރާ އަދަދަކަށް ހުރީ ލޯނު ދޫކޮށްފައިކަމަށާއި، ސަރުކާރަށް ލޯނު ދޫކުރުމަށް ބޭންކުން އެއްވެސް ވަރަކަށް ޑޮލަރު ދޫކޮށްފައިނުވާނެކަމުގެ ޔަޤީންކަން ބީއެމްއެލްގެ ސީއީއޯ ވަނީ ދެއްވާފައެވެ.
"އަޅުގަނޑު ޔަޤީންކަން ދޭން ބޭނުން އަޅުގަނޑުމެންގެ ބޭންކް ހިންގަމުން މިދަނީ ބޭންކިން އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަސްޓަމަރުންގެ ޑިޕޮސިޓް ރައްކާތެރިކޮށްގެން. ޑިޕޮސިޓް އަޅުގަނޑުމެން މިކުރާ ކަމަކީ އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރުން އެންމެ ބޮޑަށް އަޅުގަނޑުމެން ޑޮލަރު ލޯނު ދޫކުރެވިފައިވާނީ ފަތުރުވެރިކަމުގެ ސިނާޢަތަށް. ފަތުރުވެރިކަމުގެ ސިނާޢަތަށް ގާތްގަނޑަކަށް 600 މިލިޔަން ޑޮލަރާއި ކައިކުރާ އަދަދަކަށް އަޅުގަނޑުމެންގެ ޑޮލަރު ލޯނު ޕޯޓްފޯލިއޯ މިހާރު ޑޮލަރުން އެބަހުރި ޓޫރިޒަމް ސެކްޓަރއަށް. މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައިވެސް އަޅުގަނޑުމެން 35 މިލިޔަން ޑޮލަރު އަލަށްވެސް ދޫކުރިން. އަދިވެސް އަޅުގަނޑުމެން މިދަނީ ޓޫރިޒަމް ސެކްޓަރއަށް އިންވެސްކުރަމުން." ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި މި ސަރުކާރުން ވަނީ ދައްކާފައެވެ. މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާކަމަށް މާލީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
އެސްޑީއެފަށް ޖަމާކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބޭ އަދަދެވެ. ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރަސްމީ ރިޒާވް މިހާ މަތީ މިންވަރަކަށް އިތުރުވި ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ ދަރަނި ދައްކަން ކަސްޓަމަރުންގެ ޑޮލަރު ދޫކޮށްފައެއް ނުވާނެ: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ