ތިން ރައީސުން އަސްލު އެ ދެއްކެވީ ސިޔާސީ ބޮޑު ހަގީގަތެއް

ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް މުހައްމަދު ނާޒިމްގެ ގެއިން، 2015ގައި، ފިސްތޯލައެއް ފެނުނު މައްސަލާގައި އޭނާ ހައްޔަރުކުރުމުގެ ކުރިން ބޭއްވެވި އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސިޔާސީ ގޮތުން އެއަށް ވުރެ މަތީ މަގާމަކަށް އުއްމީދުކުރައްވާ ވާހަކަ އެވެ.
އެ އުއްމީދުކުރެއްވި މަގާމަކީ ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމެވެ. ނަމަވެސް އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ލީ ދިގު މުއްދަތަކަށް ޖަލަށެވެ. އެގެއިން ހޯދި ފިސްތޯލައިން އޭނާގެ އެއްވެސް ނިޝާނެއް ނުވަތަ އާއިލީ އެއްވެސް ބޭފުޅެއްގެ ނިޝާނެއް ވެސް ނުފެނުނެވެ. ފަހުން އެނގުނީ އެހެން މީހެއްގެ ޑީއެންއޭގެ ނިޝާން ހުރި ކަމެވެ.
ޔާމީންގެ ވެރިކަން ނިމުމާ އެކު އެ ހުކުމުން ނާޒިމް ސަލާމަތްވެވަޑައިގެން އަލުން ސިޔާސީ ދާއިރާއަށް ނުކުންނެވި އެވެ. ރައްޔިތުންގެ މަޖިލިހުން ޖާގަ ހޯއްދެވި އެވެ. އޭގެ ބަދަލުގައި ޔާމީނަށް ކުރިމަތިވެވަޑައިގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލުގެ ދެ ހުކުމެވެ. ފުރަތަމަ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ އެކު އޭގެ ދެވަނަ ޝަރީއަތެއްގައި، ކްރިމިނަލް ކޯޓުން އެހެން ހުކުމެކެވެ. އެމަނިކުފާނަށް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުނީ އެހެންވެ އެވެ.
ޔާމީން ބަންދުގައި ހުންނެވި އިރު ޕީޕީއެމްއަށް އެނބުރި ވަޑައިގެން ޔާމީންއާ އެކު ސިޔާސީ މަސައްކަތްކުރެއްވުމުގެ ފުރުސަތު ނާޒިމަށް ލިބިވަޑައިގަތެވެ. ޔާމީންގެ އެދިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ އޭރުގެ މެމްބަރުން ނާޒިމަށް އެކަން ހުށަ ވެސް އެޅުއްވި އެވެ. އެކަމަކު އޭނާ ހުންނެވީ، ޔަމީންގެ ވެރިކަމުގައި ޖަލަށް ލުމުގެ ރުޅިވެރިކަމުގައި ކަމަށް ވާތީ އަލުން ޔާމީނާ އެކު މަސައްކަތްކުރައްވަން، އާއިލާއިން ވެސް ބޭނުން ނުވާ ކަމަށް ވިދާޅުވެ، އެ ފުރުސަތު ދޫކޮށްލެއްވީ އެވެ.
އޭނާ އުފެއްދެވީ އެމްއެންޕީގެ ނަމުގައި ސިޔާސީ ޕާޓީއެކެވެ. މިދިއަ ރިޔާސީ އިންތިހާބުގައި  ވާދަކުރައްވައިގެން ދިޔައީ، އެންމެ 1،849 ވޯޓުން ފުލަށެވެ. އެކަމަކު ނާޒިމަށް ވުރެ ސިޔާސީ ގޮތުން ވިދުން ދަށް އޭރުގެ މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު، ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރައްވައި، ރާއްޖޭގެ ރައީސްކަން އެ ހޯއްދެވީ އެވެ.
ޔާމީން ދެއްވި ފުރުސަތު ގާބޫލުކުރައްވައި ޕީޕީއެމްގައި މަސައްކަތްކުރެއްވި ނަމަ ނާޒިމަކީ ރައީސްގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު އެންމެ ބޮޑުވާނެ އެއް ބޭފުޅެވެ.
އެހެންކަމުން ތަފާތަކީ ކޮބައި ހެއްޔެވެ؟ ހަގީގީ ސިޔާސީ ލީޑަރުންގެ ފަންތީގައި ނާޒިމް އަދި ނުހިމެނޭކަމެވެ. ނާޒިމަށް ޔާމީން ފެނިވަޑައިގަތީ 'ސިޔާސީ ދުޝްމަނެއް'ގެ ސިފައިގަ އެވެ.
ސިޔާސީ ލީޑަރުންނަކީ ކޮބައިކަން ދެނެގަންނަން ދެން ޖެހިލަންވީ މިދިއަ ހުކުރު ވިލޭރޭ އޮތް ކުރީގެ ތިން ރައީސުން ކަމަށްވާ، މުހައްމަދު ނަޝީދާއި ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ 'ހައިރާންކުރުވަނި' ބައްދަލުވުމަށެވެ. ރައީސް މުއިއްޒު 'ހަމަޔަކަށް އެޅެންދެން' އެކުގައި މަސައްކަތްކުރައްވަން ތިން ބޭފުޅުން އެއްބަސްވުމެއްގައި ސޮއި ވެސް ކުރެއްވީ އެވެ.
ތިން ރައީސުންގެ މާޒީއަށް ބަލައިލަމާ ހެއްޔެވެ؟ ނަޝީދަށް 2018ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުނީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ މައްޗަށް އުފުލި ބޭއިންސާފު ޓެރަރިޒަމްގެ ދައުވާއާ ހެދި އެވެ. އެއީ ޓެރަރިޒަމްގެ ނަމުގައި އުފަންކުރުވި އެކަމަކު އަޑިން ރޭވި ސިޔާސީ ދައުވާއެކެވެ.
އެކަމަކު ނަޝީދާއި ދެން ޔާމީނާ ވާދަކުރައްވަން ތިއްބެވި ނާޒިމް އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުގައި ބައިތިއްބައިގެން ވެސް ޔާމީނަށް 2018ގެ އިންތިހާބު ކާމިޔާބެއް ނުކުރެއްވުނެވެ. ނަޝީދުގެ ބަދަލުގައި އެމްޑީޕީން ނެރުނު ސޯލިހު ވެރިކަމަށް ވަޑައިގަތީ އެވެ.
ސޯލިހުގެ ވެރިކަމުގައި ޔާމީން އުޅުއްވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިފައި ހުރި ދައުވާތަކެއްގަ އެވެ. ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓްގެ އިސްތިއުފާނުގައި އޮވެ، ރިޔާސީ އިންތިހާބު އައިއިރު ވެސް ނުނިމުނެވެ. އެއީ ސޯލިހުގެ ސަރުކާރުގެ ނުފޫޒުގައި ތާށިކުރުވި ޝާރީއަތެއްކަން އެނގެ އެވެ.
ޔާމީން އަލުން ވެރިކަމަށް ވަޑައިގަތުމަށް ހުރަސް އެޅީ ސޯލިހުގެ ސަރުކާރުންނެވެ.ރ
ސިިޔާސީ ރުޅިވެރިކަން އަބަދަށް އޮންނާނެ ނަމަ މި ތިން ބޭފުޅުން އެއް މޭޒެއްގައި، އެއްބަސްވުންތަކެއް ނުހައްދަވާނެތާ އެވެ. އެކަކު އަނެކެއްގެ ސިޔާސީ ވާދަ އާއި އަނިޔާ އާއި ބޭއިންސާފު ހުކުމްތަކުގެ މަތިން ހަނދާން ނައްތާލައިފައި، ސިޔާސީ އާ ކުރިމަގު ހޯދުން އޮތީ، ތެލާއި ފެން އެކުނުވިޔަސް، އެއް ފުޅިއަކަށް އަޅައިގެން ކަމަށް ވަންޏާ އެކަން ވެސް ކޮށްގެންނެވެ.
ސިޔާސީ ލީޑަރުންނަކީ ހަގީގަތުގައި މި އެވެ. މިހާރުގެ ސަރުކާރާ ދެކޮޅަށް ތިން ރައީސުން  ނުކުމެވަޑައިގަތީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުން ފުރަތަމަ މަސައްކަތަކަށް ހައްދަވައިގެންނެވެ. އެ ވާހަކައާ އެކު ތިން ބޭފުޅުންނަށް ވެސް ފާޑުކިއުން އަމާޒުވި އެވެ. ހާއްސަކޮށް ޔާމީނަށެވެ. ޔާމީންގެ ވެރިކަމުގައި ނޫސްވެރިކަން ފިއްތި ގޮތާއި ދިމާވި ބިރުވެރިކަމުގެ މަތިން ނޫސްވެރިން ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ.
އެކަމަކު ނޫސްވެރިކަމުގެ މިނިވަންކަމަށް އެކި ވެރިކަމުގައި އައި ހުރަސްތަކަށް ވުރެ، ތިން ރައީސުން އެކުގައި މަސައްކަތްކުރައްވަން ނުކުމެވަޑައިގަތުން ބޮޑުވާ އެހެން ސަބަބެއް އެބަ އޮތެވެ: އަޅާނުލައި ތިބެއްޖެ ނަމަ މި ސަރުކާރު މައިތިރިނުކުރެވޭނެ ކަމެވެ. ނުރައްކާ އޮތީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެކަންޏެއް ނޫނެވެ. ޝަަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް ވެސް، ގޮނޑިކޮއްކޮތަކަކަށް ބަދަލުވުމުގެ ބިރެވެ.
ޔާމީނާ ދެކޮޅަށް އޭރުގެ ސިޔާސީ އިދިކޮޅު ހުރިހާ ބޭފުޅުން، އޭގެ ތެރޭގައި ޕީޕީއެމްގެ ބާނީ އަދި ޔާމީންގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އެރުއްވީ ހަމަ މި ހާލަތަށް ގައުމުގެ ކަންކަން ފުރޮޅިގަތުމުންނެވެ. ޔާމީން ޑިކްޓޭޓަރަކަށް ވެވަޑައިގަތީ އެވެ. އެހެންކަމުން ސިޔާސީ އެހެން ލީޑަރުން ވަކިވަކިން މަސައްކަތްކުރެއްވުމުގެ ބަދަލުގައި އެއް ކޯލިޝަނެއްގައި އެކުވެގެން ނުކުތުމުގެ ބާރާއި މުހިންމުކަން ފެނުނީ އެވެ.
އެއީ ވަރަށް ބޮޑު ބާރެކެވެ. އެ ބާރުގެ ތެރޭގައި ސިޔާސީ ލީޑަރުންގެ ސިޔާސީ ހަޔާތް ހިމާޔަތްކުރެއްވުން ވެސް ހިމެނެ އެވެ. ކުރީގެ ތިން ރައީސުން އެ ފެއްޓެވީ އެ މަސައްކަތެވެ.
ނަޝީދާއި ޔާމީން އަދި ސޯލިހު މިހެން އެކުގައި ސިޔާސީ 'އެކުވެރިންނަށް' ވެދާނެކަމަށް ހީކުރާނީ، ސިޔާސީ ކަންކަން ކޮންމެ ގޮތަކަށް ވެސް ފުރޮޅިދާނެ ކަމަށް ގަބޫލުކުރާ މަދު ބައެކެވެ. މި ހުންނަނީ ރާއްޖޭގެ ސިިޔާސީ ހަޔާތުގައި ވެސް އާދައިގެ ކަންކަމެއް ނޫނެވެ. ވަރަށް ބޮޑެތި ފިލާވަޅުތަކެވެ.
ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ޕީޕީއެމްގެ އިސް ދެ މެމްބަރަކު އަޅުގަނޑަށް ގުޅި އެވެ. ދެ ބޭފުޅުން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށް ޔާމީން ނުކުންނެވުމަކީ ބޮޑު ޖޯކެއް ކަމަށެވެ. ތެދެކެވެ. އެގޮތަށް ވިސްނައިފި ނަމަ އެއީ ބޮޑު ޖޯކެކެވެ. ނަމަވެސް ޔާމީން ބޭނުންފުޅުވި ގޮތަށް ރައްޔިތުންގެ މަޖިިލިހުގެ ތެރެއިން ކަންކަން ފަހިކޮށްދެއްވީ ވެސް، އެ މެމްބަރުންނެވެ. އެއީ އަބުރުގެ ގާނޫނު ފާސްކޮށް، 2 މިލިއަން ރުފިޔާއިން މީޑިއާތައް ޖޫރިމަނާކުރެވޭނެ ބާރު ދިން މަޖިލިހެވެ. މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލި މަޖިލިހެވެ. އެހެންކަމުން ނޫސްވެރިކަމަށް އައި ލޮޅުންތަކުގައި އޭރުގެ ރައީސްއާ އެއްކޮށް ޒިންމާ ނަގަން ޖެހޭ އަނެއް ބަޔަކީ މަޖިލިހުގެ މެޖޯރިޓީ ކޮންޓްރޯލްކުރި މެމްބަރުންނެވެ.
ޔާމީނަކީ އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ލޯބިކުރެއްވި ބޭފުޅެއް ނޫނެވެ. ޔާމީންގެ ގިނަ ސިފަތައް ގޮސް ގުޅެނީ ވެސް ހުދުމުހުތާރުކަމާ އެވެ. ނަމަވެސް މިހާރު އުފެދިގެން އައި ސިޔާސީ ކޯލިޝަނުގެ ބިންގަލަށް ބަލާ ނަމަ މި އުޅެނީ މިވަގުތަށް މާ ބޮޑު އެހެން މައްސަލައެއް ކުރިމަތިވެގެންނެވެ. ރައީސް މުއިއްޒުގެ ހުދުމުހުތާރުކަން ބޮޑުވަމުން ދިއުމެވެ. އެކަމާ ދެކޮޅަށް ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ނުކުންނަވައިގެން ނޫން ގޮތަކަށް ދެން ކުރިއަށް ދެވެން ނެތީ އެވެ.
ތިން ރައީސުންގެ ބައްދަލުވުމުން އަސްލު ސާބިތުކޮށްދިނީ ނަޝީދާއި ޔާމީނާއި ސޯލިހަކީ ހަގީގީ ސިޔާސީ ލީޑަރުންކަމެވެ. އެއް އިރެއްގައި ސިޔާސީ ހަތުރުންނަށް ވިޔަސް ވަގުތު އައިސް ޖެހުމުން އެކަން އެއްފަރާތްކޮށް، މަސައްކަތްކުރަންވީ ސާފު މަގު އެނގިވަޑައިގަންނަވަނީ އެވެ. ސިިޔާސީ ހަޔާތުގެ ދިރުން ކުރިއަށް ގެންދެވެން އޮތް ގޮތް ވެސް ސާފުވެވަޑައިގަންނަވަނީ އެވެ.
އެއީ އެއްގޮތަކަށް ވެސް ދާއިމީ ގުޅުމެއް ނޫނެވެ. ދާއިމީ ރަހުމަތްތެރިކަމެއް ވެސް ނޫނެވެ. އޮތީ ހަމައެކަނި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ ނިޔަތެއް ވެސް ނޫން މެ އެވެ.
އަސްލު ނިޔަތަކީ ސަރުކާރާ ދެކޮޅަށް އެކަތިގަނޑެއްގެ ގޮތުގައި ނުކުންނާނެ އިދިކޮޅު ހަރަކާތް ރުކުރުވާލުމެވެ. ރައީސް މުއިއްޒު ވިސްނަވަންވީ އެވެ. ސަރުކާރުގެ ހުރިހާ ވެރިން ވެސް ވިސްނަވަންވީ އެވެ. ޔާމީންގެ ވެރިކަމުން މިސާލު ނެގެން އެބަ އޮތެވެ. ހަމައެހެން ޔާމީނާއި ނަޝީދާއި ސޯލިހުގެ ގުޅުމުން ވެސް މިސާލު ނެގިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ