ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު އިތުރުވެއްޖެ

މިއަހަރުގެ ތެރޭގައި ބޭންކުތަކުން ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކައިފިއެވެ. މީގެތެރޭގައި އިޤްތިޞާދުގައި މުހިންމު ދައުތެއް އަދާކުރާ ސިނާއަތްތައް ހިމެނެއެވެ.
އެމްއެމްއޭގެ އޭޕްރީލް މަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ވިޔަފާރި ބޭންކުތަކުން ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްފައިވާ ކްރެޑިޓް ނުވަތަ ލޯނު އިތުރުވި މިންވަރު، މިއަހަރުގެ ފެބުރުވަރީ މަހު ހުރީ %13 ގައެވެ. އަދި މާރޗް މަހު މި އަދަދު ވަނީ %14 އަށް އިތުރުވެފައެވެ.
މި ރިޕޯޓުން ދައްކާގޮތުން އިޤުތިޞާދުގެ މައިގަނޑު ދާއިރާތައް ކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، އަމިއްލަ ބޭނުންތަކަށް ދޫކުރާ ލޯނު، ވިޔަފާރި އަދި ރިއަލް އެސްޓޭޓް ދާއިރާއަށް ދޫކުރި ކްރެޑިޓްވެސް މިއަހަރުގެ މާރިޗު މަހު ވަނީ އިތުރުވެފައެވެ.
މި މުއްދަތުގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ މިންވަރުންކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. އެ ދާއިރާއަށް ދޫކުރި ކްރެޑިޓް މާރޗް މަހު %12 އިތުރުވެފައިވާއިރު، ބޭންކުތަކުން ދޫކުރި ޖުމްލަ ކްރެޑިޓްގެ އެންމެ ބޮޑު ހިއްސާއެއްވެސް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ދޫކޮށްފައިވާ ލޯނުގެ %34 އަކީ ފަތުރުވެރިކަމުގެ ސިނާއަތައް ދޫކޮށްފައިވާ ލޯނުކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ކްރެޑިޓް މިގޮތަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އާ ރިސޯޓުތައް ތަރައްޤީކުރުމަށާއި، ރިސޯޓް އަދި ގެސްޓްހައުސް މަރާމާތުކުރުމަށް ދޫކޮށްފައިވާ ލޯނު އިތުރުވެފައިވުމުންކަމަށް މި ރިޕޯޓުން ދަައްކައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރާގޮތުގައިވެސް އެ ބޭންކުން ދޫކުރާ ލޯނުގެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތައް ދޫކޮށްފައިވާ ލޯނުގެ އަދަދެވެ. މީގެތެރެއިންވެސް ޑޮލަރުން ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުކަމަށް އެ ބޭންކުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ