ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) "މިހާރު" އަށް ވިދާޅުވީ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ރާއްޖެ އައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ އިއްޔެ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މިވަގުތަށް އޮތީ މެދުކަނޑާލައިފަ އެވެ. އޭނާގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މާލޭގައި ރޭ ވަނީ ބާއްވައިފަ އެވެ.
މުންދު ވިދާޅުވީ ފިންލެންޑުގެ ޑައިވަރުން މިވަގުތު ތިބީ ރާއްޖޭގެ ކޯސްޓްގާޑުގެ ސިފައިންނާ އެކުގައި ކަމަށާއި ދެ ފަރާތުން މަޝްވަރާ ކުރުމަށް ފަހު އޮޕަރޭޝަން އަލުން ފަށާނެ ކަމަށެވެ.
"އެ މީހުން މަޝްވަރާ ކޮށްފައި ޑިސައިޑް ކުރާނީ. މިވަގުތު ކޯސްޓްގާޑް އާއި އެ މީހުން އެކީ ތިބީ، އެ މަޝްވަރާކޮށްފައި،" މުންދު ވިދާޅުވި އެވެ.
މުންދު އިއްޔެ ވިދާޅުވި ގޮތުގައި، މީހުން ހޯދަން ހަވާލުކޮށްފައި ވަނީ އިޓަލީގެ ޑޭން ނަމަކަށް ކުންފުންޏަކާ އެވެ. ނަމަވެސް، ރާއްޖެ އައީ ހޮހަޅައަށް ފީނުމުގައި ވެސް ތަޖުރިބާ ހުރި ފިންލެންޑުގެ ތިން ޑައިވަރުންނެވެ.
"އެ ޑައިވަރުން އަންނާނީ ޓެކްނިކަލް އިކުއިޕްމަންޓާ އެކު،" މުންދު ވިދާޅުވި އެވެ.
The most trusted news source in the Maldives
އިނގިރޭސި ވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް އެހީތެރިކަން ދޭން އިޓަލީއަށް ހުށަހަޅައިފަ އެވެ. އަދި މި އޮޕަރޭޝަނުގައި އޮސްޓްރޭލިއާ އަދި އިނގިރޭސި ވިލާތުގެ ސަރުކާރުގެ ޓެކްނިކަލް ސަޕޯޓު ލިބޭނެކަން މުންދު ވިދާޅުވެފައިވެ އެވެ.
ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި ހަމަ އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރެކެވެ. ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ހަމަ އެ ދުވަހު ކަނޑުއަޑިން ފެނުނު ނަމަވެސް، ދެން ތިބި ހަތަރު މީހުންގެ ހަށިގަނޑު އަދިވެސް ނުފެނެ އެވެ.
އެމްއެންޑީއެފުން ކުރިން ބުނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީ ކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ އެތެރޭގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ރާއްޖޭގައި ފީނަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރަށެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާއާ ގުޅިގެން އެ ޑައިވަރުން ދަތުރުކުރި ސަފާރީ "އެމްވީ ޑޫކް އޮފް ޔޯކް"ގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
މިނިސްޓްރީގެ ޕޯޓަލް އިން ދައްކާ ގޮތުގައި 12 ކޮޓަރީގެ އެ ސަފާރީގެ ވެރިފަރާތަކީ އަބްދުލް މުހުސިން މޫސާ ކިޔާ މީހެކެވެ. އަދި އެ ސަފާރީ އޮޕަރޭޓްކުރަނީ މުހުސިން އާއި އިބްރާހިމް ރަޝީދުގެ ހިއްސާ އޮންނަ އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.
ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ