ތިން ރައީސުންގެ އިއްތިހާދުން "މަގުޗާޓް" އެކުލަވާލަން މާދަމާ ފުރަތަމަ ފަހަރަށް ބައްދަލުވަނީ

ދިވެހިރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދުއާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެެދުވުމަށް އެކުލަވާލި އިއްތިހާދުން "މަގުޗާޓު" އެކުަލަވާލުމުގެ ފުރަތަމަ ބައްދަލުވުން މާދަމާއަށް ތާވަލުކޮށްފި އެވެ. 
މި ބައްދަލުވުމުގައި ނަޝީދުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެވެ. ސޯލިހުގެ ފަރާތުން ބައިވެރިވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ޔާމީންގެ ފަރާތުން ބައިވެރިވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި މާލެ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު އެވެ. 
މި ކޮމިޓީ ވެގެންދާނީ ތިން ރައީސުން އެއްބަސްވެވަޑައިގެންނެވި ގޮތަށް ހަރަކާތްތައް ރާވައި ހިންގުމުގައި އަދި ކުރިއަށް ހުރި ދުވަސްތަކަށް އިސްތިރާޖީ ގޮތުން މަސައްކަތް ކުރާނެ ކޮމިޓީއަށެވެ. މިއީ މި ތިން ރައީސުންގެ މެދުގައި މަޝްވަރާ ކުރުމަށް މިފަދަ ކޮމިޓީއެއް އެކުލަަވާލި ފުރަތަމަ ފަހަރެވެ. 
ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިން ރައީސުން ވަނީ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ނިންމާފަ އެވެ. ނަމަވެސް އެއީ ރިޔާސީ އިންތިހާބަށް ދިޔުމުގެ ކޯލިޝަނެއް ނޫންކަން ތިން ރައީސުން ވެސް ފާހަގަކުރެއްވި އެވެ. 
ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން އިސްލާހުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ތިން ރައީސުން އެ ރޭ ގޮވާލެއްވި އެވެ. 
ތިން ރައީސުން އެކުގައި ނެރުއްވި ބަޔާނެއްގައި ވަނީ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. މި ބައްދަލުވުމަށްފަހު ތިން ރައީސުން ވަނީ ގައުމުގެ އިސްލާހީ މަސައްކަތުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
އެ ބަޔާނުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސްވެރިން ޖަލަށްލައި، އެމީހުންގެ މަސައްކަތަށް ދަތިކުރުމެވެ. ނޫސްވެރިންގެ މައްޗަށް މިހާރު ހިންގަމުންދާ ޝަރީއަތްތަކަކީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަންކަން ކަމަށް ސިފަކުރައްވައި، އެ ޝަރީއަތްތައް ވަގުތުން ހުއްޓާލުމަށާއި، ހައްޔަރުކޮށްފައިވާ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ތިން ރައީސުން ވަނީ ގޮވާލައްވާފަ އެވެ. މީގެ އިތުރުން، ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން އަތްބާނައި، ފަނޑިޔާރުންގެ މިނިވަންކަން ގެއްލުވާލަމުންދާ ކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކުރައްވާފަ އެވެ.
އިގްތިސާދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އަލިއަޅުވާލައްވަމުން، ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށަށް ގޮސް، ތަކެތީގެ އަގު އަތްނުފޯރާ މިންވަރަށް ބޮޑުވަމުންދާކަން ތިން ރައީސުން ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ އިސްރާފު ބޮޑުވެ، ދައުލަތުގެ ބަޖެޓުން ބޭކާރު ހަރަދުތައް ކުރަމުންދާއިރު، ރައްޔިތުންގެ ފައިސާއާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ކަމުގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. ސަރުކާރުގެ ތެރޭގައި އަށަގަނެފައިވާ ކޮރަޕްޝަނާއި ނުރަނގަޅު އަމަލުތައް އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް ތިން ރައީސުން ވިދާޅުވި އެވެ.
ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ރައްޔިތުން ކުރި ބުރަ މަސައްކަތުން ހޯދި ހަމަތަކާއި އުސޫލުތައް މިއަދު ގެއްލިގެންދާ މަންޒަރު ފެންނަމުންދާ ކަމީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. ރައްޔިތުންގެ ބާރު ކެނޑި، މުއައްސަސާތަކުގެ މިނިވަންކަން ގެއްލުމަކީ ދިވެހި ދައުލަތުގެ ބިންގާ ބަލިކަށިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެ،
ގައުމު އަލުން ހަމަމަގަށް އެޅުވުމަށްޓަކައި ހުރިހާ ސިޔާސީ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ތިން ރައީސުން ވަނީ އެއްބަސްވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ