2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ބޭއްވި ”ބޮޑު ބަދަލު“ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މިވަގުތު އެމްޑީޕީއަށް އެންމެ ބޭނުންވަނީ ޕާޓީގެ ތެރޭގައި އަލުން އެއްބައިވަންތަކަން ގާއިމުކޮށްދެވޭނެ ފަދަ ވަރުގަދަ ލީޑަޝިޕެއް ކަމަށެވެ.
ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުން އެއް އަމާޒަކަށް ގެނައުމުގެ ސިޔާސީ ގާބިލުކަމާއި ނުފޫޒު ހުރި ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދެވެ. އަދި ޕާޓީގެ ހިންގުމުގެ އިސް ދައުރެއްގައި ރައީސް ނަޝީދު ނެތި، އިންތިޚާބީ ކާމިޔާބީއެއް ހޯދުމަކީ ޕާޓީއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީ އަދި އިގްތިސާދީ ގޮތުން ގައުމަށް ނުތަނަވަސްކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރައީސް ނަޝީދުގެ ”ޙިކުމަތްތެރިކަމާއި، ތަޖުރިބާއާއި، ލީޑަޝިޕް“ ގައުމަށް ނުހަނު ބޭނުންތެރި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ”ބޮޑު ބަދަލު“ ހަރަކާތަކީ ގައުމުގެ ސިޔާސީ ނިޒާމާއި ވެރިކަން ހިންގުމުގެ އޮނިގަނޑަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފެށި ހަރަކާތެއްކަން ފާހަގަކުރައްވައި، މި ހަރަކާތުގެ ކާމިޔާބީ ވެސް ގުޅިފައިވަނީ ރައީސް ނަޝީދުގެ ލީޑަޝިޕާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވި ގޮތުގައި، ”ބޮޑު ބަދަލު“ ގެ ލަނޑުދަނޑިތައް ފުރިހަމައަށް ހާސިލުކުރެވޭނީ ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެންނެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކުރުމާއި، ރައްޔިތުންގެ މަޖިލިސް އިސްލާހުކުރުމާއި، ކައުންސިލްތައް ބާރުވެރިކުރުވުމުގެ އިތުރުން ސިޔާސީ ނިޒާމުގެ ތެރޭގައި އޮތް ކޮރަޕްޝަން ނައްތާލުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ އޮނިގަނޑާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ފައްޔާޒް ވިދާޅުވީ، ސިޔާސީ ނުފޫޒަކީ ފައިސާއާއި ކޮރަޕްޝަނާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. ފުވައްމުލަކުގައި ބޭއްވި މި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވާއިރު، ޖަލްސާގެ ތަގުރީރުތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ސިޔާސީ އިސްލާހީ ބަދަލުތަކަށާއި، ވެރިކަން ހިންގުމުގެ ނިޒާމަށާއި، ކުރިއަށް އޮތް އިންތިޚާބުތަކަށް ޕާޓީން މިސްރާބު ހިފަންވީ ގޮތުގެ މައްޗަށެވެ.
2028 އެމްޑީއަށް ކާމިޔާބު ކުރެވޭނި ރައީސް ނަޝީދް ޗެއަރޕާސަންއަށް ވެގެން: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ