އެޗްޕީއޭއިން ބުނީ، އީޑީސް ކިޔޭ މަދިރިއެއްގެ ސަބަބުން ޖެހޭ މި ބަލީގެ އަލާމާތްތައް މަދިރި ހަފާތާ 2-7 ދުވަސްތެރޭގައި ފެންނަން ފަށާނެކަމަށެވެ. އެގޮތުން، ފެންނާނެ އަލާމާތްތަކުގެ ތެރޭގައި:
- 39 ޑިގްރީ ސެލްސިއަސްއަށްވުރެ ހުން ގަދަވުން؛
- ގަދައަށް ބޮލުގައާއި ގައިގައި ރިއްސުން؛
- ލޮލުގައި އަދި ލޮލުގެ ވަށައިގެންވާ ސަރަޙައްދުގައި ރިއްސުން؛
- ގައިގައި ބިހިތަކެއް ނެގުން؛
- ހުޅުހުޅުގައި ރިއްސުމާއެކު ހުޅު ދުޅަވުން؛ އަދި
ބަނޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން ފަދަ ކަންކަން ހިމެނެއެވެ.
ޑެންގީ ބަލި ޖެހިއްޖެނަމަ، އަރާމުކުރުމަށާއި ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށާއި ހުން މަޑުކުރުމަށާއި، ގައިގައި ރިއްސުން ކުޑަކުރުމަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް ބޭނުން ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު، 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، މަދިރި ހެފުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން،
- މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން؛
- ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން؛
- ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން؛ އަދި
- މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން ހިމެނެއެވެ.
އެޗްޕީއޭއިން ބުނީ، އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައި ކަމަށާއި ހުރިހާ ވަގުތެއްގައިވެސް (ދުވާލު އަދި ރޭގަނޑު) މަދިރި ހެފުމުން ރައްކާތެރިވުން މުހިންމުކަމަށެވެ.
ރާއްޖޭގައި އެކި ދުވަސްވަރު މޫސުމީ ވިއްސާރައާއި ދިމާކޮށް މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް އިތުރުވެއެވެ. އެގޮތުން، އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޑެންގީ ހުމާގުޅޭ 778 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެހެންކަމުން، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރަމުންނެވެ.
ޑެންގީ ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ