މެކްސިކޯގެ މޮންޓެރޭގައި ކުޅުނު ވޯލްޑް ކަޕްގެ މެޗެއްގައި، ޖަޕާނުން 4-0 ގެ ތަފާތަކުން ޓިއުނީޝިއާ ބަލިކޮށްފި އެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި ކުޅުނު 1000 ވަނަ މެޗުގެ ގޮތުގައި ފާހަގަކުރެވުނު މި މެޗު މުޅިން ވެސް ކޮންޓްރޯލްކޮށްގެން ކުޅުނީ ޖަޕާނުންނެވެ. މި މެޗާއެކު ޖަޕާނުން ވަނީ ވޯލްޑް ކަޕް މެޗެއްގައި ހަތަރު ލަނޑު ޖެހި އޭޝިއާގެ ފުރަތަމަ ގައުމުގެ ޝަރަފު ހޯދައިފަ އެވެ. މިއީ އަށް ފަހަރު ވޯލްޑް ކަޕްގައި ވާދަކުރި ޖަޕާނުން މުބާރާތުގެ ތާރީހުގައި ހޯދި އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗު ވެސް މެ އެވެ.
ޓިއުނީޝިއާ މި މެޗާ ކުރިމަތިލީ ބޮޑު ޕްރެޝަރަކާ އެކު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސުވިޑަން އަތުން 5-1 އިން ބަލިވުމުން، އެ ގައުމުގެ ހެޑް ކޯޗު ސަބްރީ ލަމޫޗީ މަގާމުން ވަކި ކުރި އެވެ.
އޭނާގެ ބަދަލުގައި ކޯޗުކަމާ ހަވާލުވީ ވޯލްޑް ކަޕްގެ ތަޖުރިބާކާރު ކޯޗި ހާވް ރެނާޑް އެވެ. އެކަމަކު އޭނާ އަށް ވެސް ޖަޕާނު ކައިރިން ޓިއުނީޝިއާ ސަލާމަތެއް ނުކުރެވުނެވެ.
ޖަޕާނުގެ ގޯލަށް ނުރައްކާ ކުރެވޭނެ ރަނގަޅު ފުރުސަތެއް ޓިއުނީޝިއާއަކަށް ނުއުފެއްދުނެވެ.
މެޗުގެ ހަތަރުވަނަ މިނެޓުގައި ކެއިޓޯ ނަކަމޫރާ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަޕާނަށް ލީޑު ނަގައިދިނީ ދައިޗީ ކަމާޑާއެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި ޖަޕާނުން ޖެހި އެންމެ އަވަސް ލަނޑެވެ.
އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި ޖަޕާނުގެ ފޯވާޑް އަޔާސޭ އުއެދާ ވަނީ ލިބުނު ހުސްޖާގައެއްގެ ބޭނުން ހިފައި، އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ހަމަލާއަކުން ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އުއެދާ ދިން މޮޅު ޗިޕް ޕާހަކުން ތަނަވަސްވި ފުރުސަތެއްގައި، ޖުންޔާ އިޓޯ ވަނީ ޓިއުނީޝިއާގެ ކީޕަރު ދަހްމެން ކައިރިން ނައްޓާލުމަށްފަހު ޖަޕާނުގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.
އޭގެފަހުން ކައިޝޫ ސާނޯ ނަގައިދިން ކްރޮސްއެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އުއެދާ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހައި ޖަޕާނަށް ތިން ޕޮއިންޓް ކަށަވަރުކޮށް ދީފަ އެވެ.
މި ބައްޔާ އެކު ކުޅުނު ފުރަތަމަ ދެ މެޗުން ޓިއުނީޝިއާ ކޮޅަށް ނުވަ ލަނޑު ވަނެވެ. އެ ޓީމަށް ޖެހުނީ އެންމެ ލަނޑެކެވެ. އެ ޓީމު ވަނީ، މިހާރު މުބާރާތުން ކަޓާފަ އެވެ.
ޖަޕާނަށް ވަނީހަތަރު ޕޮއިންޓް ހޯދާފަ އެވެ. އެ ޓީމު އޮތީ ގްރޫޕް އެފްގެ އެއްވަނައިގައި ނެދަލޭންޑްސްއާ އެއް ހަމައެއްގަ އެވެ. ޖަޕާނުން ދެން ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހު، ސުވިޑަންއާ ދެކޮޅަށެވެ. މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމަށް ޖަޕާނަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ވޯލްޑް ކަޕްގެ 1000 ވަނަ މެޗުން ޖަޕާނަށް ހާއްސަ ޝަރަފެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ