ރާއްޖޭގައި ރިޔާސީ އިންތިހާބެއް ދެން ވެސް ކާމިޔާބުކުރެވޭނީ އެެހެން ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ވީކިިހިނެއް؟ - ކޯލިޝަން ހަދައިގެން 2018ގައި ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ސޯލިހް މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލް - ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ސޯލިހް ވިދާޅުވީ އިންތިހާބެއް ކާމިޔާބުކުރުމަށް އެންމެ މުހިންމު ކަމަކީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮތުން ކަމަށެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެވުނީ އެހެންވެގެން ކަމަށް ސޯލިހް ވިދާޅުވި އެވެ. އަދި އެ ކަމުގެ ކްރެޑިޓް ސޯލިހް ދެއްވީ، މިހާރު ވަގުތީ ޗެއާޕާސަނަކަށް ހުންނެވި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާއަށެވެ.
"އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮތުން. އެކަން ގަފޫރު ވަރަށް ބޮޑަށް ދައްކުވައިދީފި. [ގަފޫރު ހަވާލުވެވަޑައިގެންނެވި ފަހުން] ފަހަރަކު އިންތިހާބެއް، ފަހަރަކު އިންތިހާބެއް ކާމިޔާބުކުރަމުން މި ދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ހަމައެކަނި އެމްޑީޕީގެ މެންބަރުންގެ ތާއީދު ނުފުދޭނެ ކަމަށް ސޯލިހް ވިދާޅުވި އެވެ. އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް ތިބި އެހެން ޕާޓީތަކާ ގުޅި، ކޯލިޝަނަކަށް މަރުހަބާ ކިޔަން ޖެެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބެއް ކާމިޔާބުކުރުމަށް، އަޅުގަނޑު ކެރިހުރެ މިއަދު ވެސް މި ބުނަނީ މިއީ އެންމެ ޕާޓީއަކަށް އެކަނި ކުރެވޭ ވަރު ކަމެއް ނޫން އަދިވެސް. އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް މި ރާއްޖެ ތަރައްގީކުރަން ބޭނުންވާ އެންމެންނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން ޖެހޭނެ،" ސޯލިހް ވިދާޅުވި އެވެ.
ސޯލިހް ދެން އިޝާރާތްކުރެއްވީ ބޮޑު ކޯލިޝަނެއް ހަދައިގެން މީގެ ކުރިން ތިން ފަހަރު ސަރުކާރު އެކުލަވާލަން ޖެހުނު ކަމެވެ. އެގޮތުން:
2008 ވަނަ އަހަރު އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ ދެވަަނަ ބުރަށް ކޯލިޝަން ހަދައިގެން
2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ދެވަނަ ބުރަށް ކޯލިޝަން ހަދައިގެން
2018 ވަނަ އަހަރު ސޯލިހު ވެރިކަމަށް ވަޑައިގަތީ، ފުރަތަމަ ބުރުގައި ކޯލިޝަން ހަދައިގެން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައިގެން
ބުނީ ކީކޭ؟ - "ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެވޭނީ އަޅުގަނޑު މި ދެންނެވިހެން ގިނަ ބައެއްގެ ތާއީދު އޮވެގެން. ތިމަންނަ އާއި ތިމަންނަ ވަށައިގެން ތިބި މީހުން އެކަނި އެއްކޮށްގެން އިންތިހާބެއް، ހާއްސަކޮށް ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ،" ސޯލިހް ވިދާޅުވި އެވެ.
ސޯލިހް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގައި މި ވަގުތު ތިބީ ގާތްގަނޑަކަށް 60،000 މެންބަރުންނެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އޭގެ އިތުރަށް މަދުވެގެން 91،000 ވޯޓު ހޯދަން ޖެހޭ ކަމަށާއި އެ ކަން ވާނީ ވީހާ ވެސް ގިނަ ބަޔަކާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސޯލިހަށް 2018ގައި ވެރިކަން ލިބިވަޑައިގަތުމުން، އެމްޑީޕީގެ ސަރުކާރެއް ނުހިންގާ ކަމަށް އެ ޕާޓީގެ އެތެރޭގައި ތިބި ސޯލިހުގެ ވާދަވެރިންނާއި ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރާ މީހުން ދައްކާ ވާހަކަތަކަށް ސޯލިހް ރޭ ރައްދު ދެއްވި އެވެ.
"އަޅުގަނޑުމެން އައީ ކޯލިޝަނެއް ހަދައިގެން. އެގުރިމެންޓެއްގައި ސޮއިކޮށްގެން. އެ އެގުރިމަންޓްގައި ސޮއިކުރީ ހުރިހާ ޕާޓީއެއްގެ ވެރިން. އެމްޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރައީސް ނަޝީދު،" ޖަލު ހުކުމެއްގެ ސަބަބުން ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭތީ، އެމްޑީޕީ ކޮންގްރެސް މެދުވެރިކޮށް އެ ފަހަރު ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ސޯލިހް ވިދާޅުވި އެވެ.
ސޯލިހް ވިދާޅުވި ގޮތުގައި، އެ ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެއްބަސްވުމުގައި ސޮއިކުރެއްވީ ވެސް ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ސޯލިހް ސޮއިކުރެއްވުމުންނެވެ.
"އެ ދުވަހު ގާސިމް އިބްރާހީމް ވިދާޅުވި ތިމަންނަ އިތުބާރެއް ނުކުރަމޭ މި ތިއްބެވި ހުރިހާ ލީޑަރުން ސޮއިކޮށްގެން. އިބޫ ޖެހޭނެއޭ ސޮއިކުރަން. ތިމަންނައަށް މި އެގުރިމަންޓަށް އިތުބާރުކުރެވޭނީ އަޅުގަނޑު މީގައި ސޮއިކޮށްގެންނޭ. ރިޔާސީ ކެންޑިޑޭޓުގެ ހައިިސިއްޔަތުން އަޅުގަނޑު ވެސް ސޮއިކުރިން،" ސޯލިހް ވިދާޅުވި އެވެ.
ސޯލިހް ސަރުކާރު ހިންގެވީ، ނަޝީދު ވެސް ސޮއިކުރައްވާފައިވާ ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އޭގައި އޮތް ސަރުކާރު ހިންގާނެ ގޮތާއި ބައިކުރާނެ ގޮތް ލިޔެގެން. އަޅުގަނޑު އަމިއްލައަށް ދިން މަގާމެއް ނޯންނާނެ. އެގުރިމަންޓްގައިވާ ގޮތަށް އަޅުގަނޑު މަސައްކަތްކުރީ،" ސޯލިހް ވިދާޅުވި އެވެ.
އެ އެއްބަސްވުމުގައި މަޖިލީހުގެ ގޮނޑިތަކާއި ކައުންސިލްގެ ގޮނޑިތައް ވެސް ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ބަހައިގެން ކުރިމަތިލުމަށް ހިމަނާފައި އޮތްކަން ވެސް ސޯލިހް ފާހަގަކުރެއްވި އެވެ. ނަމަވެސް އެއްބަސްވުމާ ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ގައުމީ މަޖިލީހުން ނިންމުމުން އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނާ އެކު މަޖިލިސް އިންތިހާބު ކާމިޔާބުކުރަން ނުކުންނަވައި މަސައްކަތްކުރެއްވި ކަމަށް ސޯލިހް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބެއް ދެން ވެސް ކާމިޔާބު ވާނީ ކޯލިޝަނަކަށް: ސޯލިހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ