ހުކުރު ޚުޠުބާގައި އިލްތިމާސްކުރީ ދަރަނި ނަގަންޖެހޭ ހާލަތެއް މެދުވެރިނުވަނީސް ނުނެގުމަށް
ދަރަނި ނަގަންޖެހޭ ހާލަތެއް މެދުވެރިނުވަނީސް ދަރަނި ނުނެގުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށްފިއެވެ. ހޭދަކުރުމުގައި އިގްތިސޯދުކުރުމުގެ މައްޗަށް ބިނާކޮށް މިއަދު އިއްވި ހުކުރު ޚުޠުބާގައިވަނީ ބިމުގައި ލައްވަވާފައިވާ ތަކެތީގެ ތެރެއިން މުދަލަކީ ﷲ އެ ކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެއްކަން ހަނދާންކޮށްދީފައެވެ. މުދަލަކީ އަހަރުމެންނަށްޓަކައި ލައްވާފައިވާ ތަކެތި ކަމުގައިވީ ނަމަވެސް އެ ތަކެތީގެ ހަގީގީ މިލްކުވެރި ފަރާތަކީ މާތްﷲ ކަމަށާއި އެއީ އަހަރެމެން އިމްތިހާނު ކުރުމަށްޓަކައި ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. ޚުޠުބާގައި ވަނީ، މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު އެ މުދާ ހޯދުމުގައި ޝަރުއީ މިންގަނޑުތަކަށް ރިއާޔަތްކުރަންވާނެ ކަމަށާއި މުދާ ލިބުމަށްފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުއީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭނެކަމަށެވެ. މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި ފޭރުމާއި ޓެކުމާއި ވައްކަންކުރުމުގެ އިތުރުން ރިޝްވަތު ދިނުމާއި ރިބާގެ މުއާމަލާތްކުރުމާއި ޖުވާކުޅުންފަދަ ކަންކަން ކުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަމެއްކަން ހުކުރު ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. ހުކުރު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން މުދާ ލިބުމަށްފަހު މުދަލަށް ގެއްލުން ދިނުމާއި މުދާ ހަލާކުކުރުމާއި ބޭކާރު ގޮތުގައި މުދާ ބޭނުންކުރުމަކީ ހުއްދަކަމެއް ނޫންކަން ވަނީ ބުނެދީފައެވެ. އަދި މުދާ ހޯދުމަށްފަހު އެއިން އެއްވެސް ބޭނުމެއްނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެ ކަމަށާއި ބޭނުންވާ ވަރަށްވުރެ އިތުރަށް މުދާ ގަތުންފަދަ ކަންކަމުން ދުރުވާންޖެހޭ ކަމަށް ޚުޠުބާގައި ބުނެދިނެވެ. އަދި އިތުރަށް ގަންނަ މުދާ ބޭނުން ނުކޮށް ހުރެ އުކައިލާން ޖެހޭ ހާލަތުތައް އަންނަކަން ފާހަގަކޮށް، އެ ކަންތައްތަކާމެދު ވިސްނައި އަހަރެމެންގެ އަމަލުތައް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ސީދާކުރުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު އޭގައި އެހެން މީހުންގެ ހައްގުތައްވެސް މާތްﷲ ލައްވަވާފައިވާ ކަމަށާއި ތިމާއަށް ދެއްވާފައިވާ މުދަލުގައި ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންގެ އިތުރުން ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ހައްގުތައްވެސް ވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި އަހަރެމެންނަށް ދެއްވާފައިވާ ނިއުމަތްތަކާމެދު ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަންވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. ޚުޠުބާގައި ވަނީ ދިރިއުޅުމުގެ ކަންތައްތަކާއި އާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިގްތިސޯދީ ވިސްނުމަކުން ވިސްނަންޖެހޭ ކަމަށް ބުނެފައެވެ. އަދި އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި ތިމާއަށް ލިބޭ މިންވަރަށްވުރެ އިތުރަށް ޚަރަދު ކުރުން ހިމެނޭ ކަމަށް ޚުޠުބާގައި ބުންޏެވެ. އެހެންކަމުން ދަރަނި ނަގައިގެން ޚަރަދުކުރަންޖެހޭ ހާލަތެއް މެދުވެރިނުވަނީސް ދަރަނި ނެގުންފަދަ ނުރަނގަޅު އާދަތަކުން ދުރުވާންޖެހޭކަން ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން ހައްގުނޫން ގޮތުގައި މުދާ ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަންވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ