ސިޔާމް ވޯލްޑްގައި ވެސް ލޭ ހަދިޔާކުރުން ނިންމައިލައިފި، މި އަހަރު ދެ ގުނަ އިތުރު!
ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ގްރޫޕުން ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ ޚާއްސަ ހަރަކާތުގެ ތެރެއިން، ސަން ސިޔާމްގެ އެންމެ ބޮޑު ރިސޯޓު، ސިޔާމް ވޯލްޑްގައި މިއަދު މި ހަރަކާތް ވަރަށް ކާމިޔާބުކަމާއެކު ނިންމައިފިއެވެ. މި ހަރަކާތް އޮތީ އިއްޔެއިން ފެށިގެން މިއަދުގެ މެންދުރުފަހާ ހަމައަށެވެ. ސިޔާމް ވޯލްޑުގައި ވެސް މި ހަރަކާތް ފައްޓަވައިދެއްވީ ރިސޯޓުގެ އިސްވެރިންނެވެ. ލޭ ހަދިޔާކުރުމުގެ ހަރަކާތް ސިޔާމް ވޯލްޑުގައި ފެށުމަށް އޮތް ހަފްލާގެ ތެރެެއިން ރިސޯޓުގެ އިސްވެރިން -- ސަން ފޮޓޯ/ މުޙައްމަދު ހަމްޒާ މި ހަރަކާތް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ސަން ސިޔާމް ގްރޫޕުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ތަމްހީދު (ތަމްބެ) ވިދާޅުވީ، ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތަށް ޓަކައި ކުރެވޭނެ އެންމެ މަތިވެރި އެއް އަމަލުކަމަށެވެ. އަދި ލޭ ހަދިޔާކުރުމަށް ސިޔާމް ވޯލްޑުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ފަރާތުން ލިބުނު ތަރުހީބު ފެނިވަޑައިގަތުމުން އުފާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. "ވަރަށް ރަނގަޅު މި ފަދަ މާތް މަގްސަދެއްގައި ކުރާ ކަމެއްގައި އެންމެހާ މުވައްޒަފުންގެ ފަރާތުން މިހާ ބޮޑު ތަރުހީބެއް ލިބުނީމާ. މި ފުރުސަތުގައި މި ހަރަކާތް އިންތިޒާމުކުރި ފަރާތްތަކަށް ޝުކުރު އަދާކުރަން،" ތަމްބެ ވިދާޅުވިއެވެ. ސިޔާމް ވޯލްޑުގައި ކުރިއަށް ދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން: ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތުގައި ބައިވެރިވި. އޭގެ ތެރޭ ރިސޯޓުގެ އިސްވެރިންނާއި، މެނޭހްމަންޓުގެ މެންބަރުން ހިމެނޭ -- ސަން ފޮޓޯ/ މުޙައްމަދު ހަމްޒާ އެއާއެކު، ސިޔާމް ވޯލްޑުގެ ރިސޯޓު މެނޭޖަރު އައުސީ ވަސީމް ވިދާޅުވީ، މިއަހަރަކީ ސިޔާމް ވޯލްޑުން އެންމެ ގިނައިން ލޭ ހަދިޔާކުރި އަހަރު ކަމަށެވެ. މި އަހަރު ލޭ ހަދިޔާކުރި މިންވަރު ދެ ގުނަ އިތުރުވެ، 200 އަށްވުރެ ގިނަ މުވައްޒަފުންގެ އެއްބާރުލުން ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ. "މިއީ އަޅުގަނޑުމެންނަށް ހަދިޔާކުރެވިދާނެ ފައިސާއަކަށްވުރެ މާ އަގުހުރި އެއްޗެއް. އަދި އަޅުގަނޑު ހަމަ ތިއިން ކޮންމެ ބޭފުޅަކަށް ވެސް އިލްތިމާސްކުރަން ލޭ ހަދިޔާކުރުމަކީ އަހަރަކު އެއްފަހަރު، ނުވަތަ އެންމެ ފަހަރަކު ކުރާ ކަމަކަށް ނުހަދާށޭ، ބްލަޑް ބޭންކަށް ޑޮނޭޓް ކުރައްވާށޭ. ވަރަށް ގިނަ ކުދިން، މީހުންނަށް މި އެހީ ބޭނުންވޭ،" އައުސީ ވިދާޅުވިއެވެ. މީގެ އިތުރުން މި ހަރަކާތް އިންތިޒާމްކުރެއްވުމުގައި ސަން ސިޔާމް ކުންފުނީގެ ފަރާތުން އިސްކޮށް އުޅުއްވާ އައްޒަ ހަމީދު ވިދާޅުވީ، މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކު ހިންގެނީ ކުންފުނީގެ ޗެއާމަން އަހްމަދު ސިޔާމް މުޙައްމަދު ދެއްވާ އަހަންމިއްޔަތުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް މި އަހަރުގެ މި ހަރަކާތްތަކުގެ ތެރެއިން 400 އަށްވުރެ ގިނަ ލޭގެ ޔުނިޓު ވަނީ ހަދިޔާކޮށްފައެވެ. "އަޅުގަނޑުމެންގެ ޗެއާމަން އޮނަރަބަލް އަހްމަދު ސިޔާމް މުހައްމަދު މި ކަމަށް ވަރަށް ބާރު އަޅުއްވާ، މުޖުތަމައުއަށް އެހީތެރިވުމަށް. އަނެއްކާ ތެލެސީމިއާ ކުދިންގެ ދުވަހަކީ ވެސް 8 މެއި. ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހަކީ ވެސް 8 މެއި. އެހީންވީމާ އެގޮތުން ހަމަ 2015 އިން ފަށައިގެން އަޅުގަނޑުމެން މި ކަން ކުރިއަށް މި ގެންދަނީ ހަމަ އަހަރީ ދުވަހާ ދިމާކޮށްފައި،" އައްޒަ ވިދާޅުވިއެވެ. ލޭ ހަދިޔާކުރުމުގެ މި ހަރަކާތް އިންތިޒާމްކުރެއްވުމުގައި ސަން ސިޔާމް ކުންފުނީގެ ފަރާތުން އިސްކޮށް އުޅުއްވާ އައްޒަ ހަމީދު -- ސަން ފޮޓޯ މީގެ އިތުރުން މި ހަރަކާތްތަކުގެ ތެރެއިން ހަދިޔާކުރާ ލޭ ތާޒާކަމާއި ރައްކާތެރިކަމާ އެކު ބްލަޑް ބޭންކާ ހަމައަށް ފޯރާކަމުގެ ޔަގީންކަން ދެއްވަމުން އައްޒަ އިތުރަށް ވިދާޅުވީ، ލޭ އެންމެ ތާޒާކަމާއެކު ދެމެހެއްޓުމަށް ޓަކައި އެންމެ ފުރިހަމަ ފިޔަވަޅުތައް އަޅާ ކަމަށެވެ. އެގޮތުން ރިސޯޓުތަކުގައި، ކިތަންމެ އޮކިއުޕެންސީ މަތި ދުވަސްވަރަކާ ދިމާވި ނަމަވެސް، މި ހަރަކާތް ހިންގުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ޓީމުތައް ރިސޯޓަށް ގެންދިއުމުގެ ފުރިހަމަ އިންތިޒާމުތައް ރިސޯޓުތަކުގެ މެނޭޖްމަންޓުން ހަމަޖައްސައިދޭކަން އައްޒަ ފާހަގަކުރެއްވިއެވެ. އަދި ހަރަކާތް ނިމުމުން އެމްބީއެސްގެ ގައިޑްލައިންތަކާ އެއްގޮތަށް ވީ އެންމެ އަވަހަށް ލޭ، ބްލަޑް ބޭންކަށް ގެންދެވޭނެ އިންތިޒާމުތައް ވެސް ހަމަޖެއްސުމަށް ހުރިހާ ރިސޯޓުތަކެއްގެ މެނޭޖްމަންޓުން ވެސް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށް އައްޒަ ފާހަގަކުރެއްވިއެވެ. އަދި އެކަމުން ހާމަވަނީ ރިސޯޓުތަކުން މި ކަމަށް ދޭ ޚާއްސަ ސަމާލުކަން ކަމަށާއި، އެ ކަމަށް ޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވެސް އައްޒަ ވިދާޅުވިއެވެ. އަދި ސަން ސިޔާމް ކުންފުނީގެ ނަމުގައި އެމްބީއެސްއަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ސިޔާމް ވޯލްޑުގައި ކުރިއަށް ދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ މި ހަރަކާތުގެ ތެރެއިން ސިޔާމް ވޯލްޑުގެ އެތައް ސަތޭކަ މުވައްޒަފުންނެއް ވަނީ އުފާވެރި ރޫހެއްގައި ބައިވެރިވެފައެވެ. މި ހަރަކާތުގެ ތެރެއިން ވާހަކަދެއްކި މުވައްޒަފުންގެ ތެރޭގައި ހިމެނޭ، މުޅިން އަލަށް ލޭ ހަދިޔާކުރި، ރިސޯޓުގެ ޑައިވް ސެންޓަރުގެ ޑައިވް އިންސްޓްރަކްޓަރު ސަންފާ އަރީބާ އަބްދުﷲ ބުނީ، އެހެން ބަޔަކަށް ހަދިޔާއެއް ދެވޭތީ ވަރަށް އުފާވި ކަމަށާއި، ޑައިވް ކޮމިއުނިޓީގެ ހުރިހާ ކުދިން ވެސް ލޭ ހަދިޔާކުރުމަށް އެދޭ ކަމަށެވެ. މުޅިން އަލަށް ލޭ ހަދިޔާކުރި، ރިސޯޓުގެ ޑައިވް ސެންޓަރުގެ ޑައިވް އިންސްޓްރަކްޓަރު ސަންފާ އަރީބާ އަބްދުﷲ (މެދުގައި) --- ސަން ފޮޓޯ މިފަދަ ކޮންމެ ހަރަކާތެއް ވެސް އެންމެ ފުރިހަމައަށް ހިންގެނީ ކުންފުނީގެ ޗެއާމަން އަހްމަދު ސިޔާމް މުޙައްމަދު އަޅުއްވާ ބާރާއި، ދެއްވާ އިސްކަމާއި، ވެވަޑައިގަންނަވާ ދީލަތި އެހީފުޅުގެ ސަބަބުންކަމަށް އެ މަނިކުފާނުގެ އަރިހުގައި މަސައްކަތްކުރާ ރިސޯޓުތަކުގެ މެނޭޖްމަންޓުގެ ވެރީން ފާހަގަކުރައްވައެވެ. ސިޔާމްއަކީ މިފަދަ، އިންސާނިއްޔަތަށް އެހީވުމުގެ ހަރަކާތްތައް ހިންގެވުމަށް ޚާއްސަ އިސްކަމެއް ދެއްވާ ބޭފުޅެކެވެ. ވިޔަފާރީގެ ތެރެއިން ހޯދާ މާލީ ކުރިއެރުމާއެކު އެއިން މުޖުތަމައުއަށް ޚިދުމަތްކުރުމަކީ ވަރަށް މަތިވެރި ޒިންމާއެއް ކަމަށް ސިޔާމް އަބަދުވެސް ދެކެވަޑައިގަންނަވައެވެ. އަދި އެ މަނިކުފާނު ދެއްކާ ތަގުރީރުތަކުގައި ވެސް އެހެން މީހުންނަށް އޯގާތެރިވެ އަޅައިލާ ލޯބިދިނުމަށް ނަސޭހަތްދެއްވައެވެ. ސިޔާމް ވޯލްޑަކީ ފަތުރުވެރިންނަށް އެންމެ މަތީ ފެންވަރުގެ ލަގްޒަރީ ޚިދުމަތްތައް ދިނުމަށް ޚާއްސަ، އަދި ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންނާއި ތަރިން ޒިޔާރަތްކުރާ ލަގްޒަރީ ރިސޯޓެކެވެ. ސިޔާމް ވޯލްޑަކީ އެކި ފަންތީގެ ލަގްޒަރީ ކޮޓަރިތަކާއި ވޯޓާ ސޫޓްސްގެ އިތުރުން ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުސަތު އޮންނަ، ރާއްޖޭގެ ފަތުރުވެރިކަމުގައި ނަމޫނާ، އެވޯޑްތައް ވެސް ހާސިލްކޮށްފައިވާ ރިސޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ