ޕާޓީގެ އެތެރޭގެ ބައިބައިވުންތައް ހައްލުކޮށް، އެކަތިގަނޑެއްގެ ގޮތުގައި ޕާޓީ ކުރިއަށް ނުގެންދެވުމަކީ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދޭން ޖެހުނު އެއް ސަބަބުކަމަށް ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް، ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވައި ފައްޔާޒް މަސައްކަތް ކުރައްވަނީ އެމަނިކުފާނާއި އެކު އެވެ.
ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅުތަކުގައި، ފައްޔާޒް އަދި ރައީސް ނަޝީދަށް އަމާޒުވާ އެއް ސުވާލަކީ އެމްޑީޕީ ބައިބައިވެގެން ދިއުމާއި ގުޅޭގޮތުންނެވެ. އަދި ރައީސް ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގުޅުން ހީނަރުވުމާއި ގުޅޭގޮތުން ސުވާލު ކުރެ އެވެ.
އާންމު މެމްބަރުންގެ ފަރާތުން އަމާޒުވި ސުވާލުތަކަށް ފައްޔާޒް ވިދާޅުވީ އޭނާ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ޕާޓީ ހިންގާލުމަށް އާންމު މެމްބަރުންނަށް ވައުދުވެގެން ކަމަށެވެ. ނަމަވެސް މަގާމާ ހަވާލުވެވަޑައިގަތް ފަހުން އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނީ ޕާޓީ ދެބައިވިޔަނުދީ ހިފެހެއްޓުމަށާއި، ރިޔާސީ އިންތިހާބަށް ތައްޔާރުވުންކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި އޭރު ރޭވިފައި އޮތީ ވެސް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުނު ރިޔާސީ ޕްރައިމަރީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ބައިބައިވުންތައް އުފެދި، ޕާޓީގެ ތެރެއިން ބަޔަކު ވަކިވެގެން ދިއުމަކީ ދުވަހަކު ވެސް ބޭނުންވި ގޮތެއް ނޫންކަމަށެވެ. އެހެންވެ އެމްޑީޕީގެ ޕްރައިމެރީއަށް ދިއުމުގެ ކުރިޔަށް މައްސަލަ ހައްލު ކުރުމަށް ވަރަށް މަސައްކަތް ކުރިކަމަށާއި އެކަން ރައީސް ސޯލިހާއި، ރައީސް ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ޕާޓީ ދެބައިވެގެންދާނެ ތަނެއް ފުރަތަމަ ކަމަކަށް އަޅުގަނޑަށް ދުވަހަކުވެސް ފެނުނު ތަނެއް ނޫން މިއީކީ. ޕްރައިމަރީއަކަށް ނުގޮސް މިކަން ހައްލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރިން. އެކަން ރައީސް ނަޝީދަށާއި ރައީސް ސޯލިހަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ
ފައްޔާޒް ވިދާޅުވީ، އޭނާގެ އެންމެ އިސް ޒިންމާއެއްގެ ގޮތުގައި އޭރު ބެލީ ވެރިކަން ދެމެހެއްޓުން ކަމަށެވެ. ނަމަވެސް އުއްމީދުކުރި ގޮތަށް ކަންކަން ނުގޮސް، ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު ޕާޓީ އޮތީ ބައިބައިވެފައިކަމަށް ފައްޔާޒް ވިދާޅުވި އެވެ. ޕާޓީގެ ވަރުގަދަ ތަނބުތަކެއް ވަކިވެގެން ދިއުން ވެގެން ދިއުމަކީ، ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކަށްކަމަށް ފައްޔާޒް ފާހަގަކުރެއްވި އެވެ. އެއަށްފަހު ފައްޔާޒް ވިދާޅުވީ އެހާހިސާބުން އޭނާއަށް ގަބޫލު ކުރެވުނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމަށް ކުރި މަސައްކަތް ކާމިޔާބު ނުވެ، ދޫވެގެން ދިޔައީކަމަށެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި އޭނާ ޗެއާޕާސަންގެ މަގާމުގައި ހޭދަކުރެއްވީ ދެ އަހަރު ދުވަހެވެ. އަދި ޕާޓީގެ އެތެރޭގެ ބައިބައިވުންތައް ހައްލުކޮށް، އެކަތިގަނޑެއްގެ ގޮތުގައި ޕާޓީ ކުރިއަށް ނުގެންދެވުމަކީ އޭނާ އިސްތިއުފާ ދެއްވަން ނިންމެވި މައިގަނޑު ސަބަބުކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ބައިބައިވުންތައް ހައްލު ކުރަން ވަރަށް މަސައްކަތް ކުރިން، އެކަން ދެ ރައީސުންނަށް އެނގޭނެ: ފައްޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ