ސާފް ވުމަންސް ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭގެ ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ބަންގްލަދޭޝްގެ މީޑިއާއިން ތައުރީފު ކޮށްފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން 11-0 އިން ބަލިވުމުން، ދިވެހި އަންހެން ޓީމަށް އަބަދުވެސް އޮންނަ މަލާމާތާއި ފާޑުކިޔުން އަމާޒުވި އެވެ.
އެކަމަކު ބަންގްލަދޭޝް ކައިރީ ދެއްކި ކުޅުމާ އެކު އެ ގައުމުގެ މީޑިއާއިން ރާއްޖޭގެ ޓީމަށް ކުރީ ތައުރީފެވެ. މެޗު ފެށިގެން 11 ސިކުންތު ތެރޭގައި ބަންގްލަދޭޝްއިން ލަނޑެއް ޖަހައި ރާއްޖޭގެ ގޯލް ހުޅުވި އެވެ. އެ ލަނޑާ އެކު އެ ޓީމުން ވެސް ރާއްޖެ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާނެ ކަމަށް ހީކުރެވުނެވެ.
މެޗުގެ 34 ވަނަ މިނެޓުގައި 2-0 އަށް ނަތީޖާ ބަދަލުކުރި އެވެ. ނަމަވެސް ދިވެހި ކުޅުންތެރިން ހިތްވަރު ދޫކޮށެއް ނުލި އެވެ.
މަރިޔަމް ނޫރާ ދުރުން ފޮނުވާލި ހިތްގައިމު ގޯލަކާއި، އަމީނަތު ފަޒްލާ ކާމިޔާބުކުރި ލަނޑާ އެކު ރާއްޖެއިން ވަނީ 2-2 އިން ނަތީޖާ ހަމަހަމަކޮށް ބަންގްލަދޭޝް ޓީމަށް ހައިރާންކަން ވެސް ގެނެސްފަ އެވެ. މެޗުގެ ފަހުކޮޅު ހެދުނު ގޯސްތަކަކުން 4-2 އިން ބަންގްލަދޭޝް މޮޅުވި ނަމަވެސް މެޗުގެ ހަގީގީ ތައުރީފް ހައްގުވީ ދިވެހި ޓީމަށެވެ.
ބަންގްލަދޭޝްގެ "ދަ ޑެއިލީ ސަން" ނޫހުން ސިފަކުރި ގޮތުގައި، ރާއްޖޭން އެއްވެސް މެޗަކުން މޮޅުނުވި ނަމަވެސް، ދިވެހި ޓީމުން ވަނީ އެންމެންގެ އިހުތިރާމާއި ހިތްތައް އަތުލާފަ އެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު ސަބާހު މުހައްމަދު އިބްރާހިމް ވަނީ ޓީމަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއި
އުނދަގޫތައް ހާމަކޮށްފަ އެވެ. މޭ 24 ގައި އިންޑިއާއަށް ދިއުމަށް ކުރި ދަތުރުގައި، މުމްބާއީ އެއާޕޯޓުން ޓީމުގެ ދެބައިކުޅަ އެއްބައި ތާށިވި އެވެ. ބައެއް ކުޅުންތެރިންގެ ދަބަސްތައް ގެއްލުނުއިރު، ފުރަތަމަ މެޗާ ކުރިމަތިލާން ރިކަވަރީއަށް 24 ގަޑިއިރު ވެސް ނުލިބެ އެވެ. މީގެ އިތުރުން، ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު ވެސް މި މުބާރާތުގައި ބައިވެރިއެއް ނުވެ އެވެ.
"މި މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން އަހަރެމެން އިންޑިއާއަށް އައީ (މި މަހު) 24 ގައި. އޭރު ޓީމުގެ ދެބައިކުޅަ އެއްބައި އޮތީ މުމްބާއީ އެއާޕޯޓުގައި ތާށިވެފަ،" ޗެކް-އިން ކައުންޓަރުތައް ކުއްލިއަކަށް ބަންދުވުމުގެ ސަބަބުން ދިމާވި މައްސަލަތަކުގެ ވާހަކަ ސޮބާ ބުންޏެވެ.
"އަހަރެމެންގެ ބައެއް ސާމާނު (ދަބަސްތައް) ވެސް ހުރީ ގެއްލިފައި... ހަމަޖެހިލައިގެން އަރާމުކޮށްލަން 24 ގަޑިއިރު ވެސް އަހަރެމެންނަކަށް ނުލިބުނު. އެއީ ވެސް އަހަރެމެންނަށް ދިމާވި މައްސަލައަކަށް ވެދާނެ. އަދި މީގެ އިތުރުން އަހަރެމެން މި މުބާރާތަށް މިއައީ އަހަރެމެންގެ އެއްވަނަ ގޯލްކީޕަރާ ނުލައި."
ސަބާ ބުނި ގޮތުގައި އިންޑިއާ އާއި ބަންގްލަދޭޝްއާ އަޅާބަލާއިރު ރާއްޖޭގެ އަންހެން ފުޓްބޯޅަ ޕްރޮފެޝަނަލެއް ނޫނެވެ. ރާއްޖޭގައި ދިގުދެމިގެންދާ އަންހެން ފުޓްބޯޅަ ލީގެއް ނެތެވެ. ކުޅުންތެރިންނަކީ ފުޓްސަލް އަށް ކުޅުންތެރިންނެވެ.
މުބާރާތަށް ތައްޔާރުވާން ކޯޗަށް ލިބުނީ އެންމެ 28 ދުވަހެވެ. ފާއިތުވި އެއް އަހަރު ތެރޭގައި ކުޅުނީ އެންމެ ދެ އެކުވެރިކަމުގެ މެޗެވެ. އެހެން ގައުމުތަކުން ޔޫރަޕްގައި ކޭމްޕްކޮށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރި އެވެ.
"އިންޑިއާ އާއި ބަންގްލަދޭޝާ އަޅާބަލާއިރު އަހަރެމެންނަކީ އެހާ ޕްރޮފެޝަނަލް ބައެއް ނޫން. އަހަރެމެންގެ ގައުމުގައި ޕްރޮފެޝަނަލް ލީގެއް ވެސް ނެތް. މި އަންހެން ކުދިންނަކީ ފުޓްސަލްއިން އައި ކުދިން. މި މުބާރާތް ބާއްވާތީ އަހަރެމެން ހަމައެކަނި އައިސް ބައިވެރިވެލީ،" ސޮބާ ބުންޏެވެ.
މެޗުގެ ކުރިން ކޯޗު ކުޅުންތެރިންނަށް ދިނީ ނަފްސާނީ ގޮތުން ވަރުގަދަ އިރުޝާދެކެވެ. ލަނޑެއް ވަނަސް ހިތްވަރު އެލުވައިނުލާ، އިތުރު ގޯލެއް ނުވަންނާނެ ގޮތަށް ކުޅުމަށެވެ. ކުޅުންތެރިން ވަނީ ދަނޑުމަތީގައި ޓެކްޓިކަލް ސާބިތުކަމެއް ދައްކާފަ އެވެ. ސްޓްރައިކަރު ފަހަތުން ޑިފެންސް ކުރަން ފަށައި، ވިންގަރުން ބަންގްލަދޭޝްގެ ފުލްބެކުން ހުއްޓުވި އެވެ.
"އަހަރެން އަހަރެންގެ އަންހެން ކުދިން ގާތު ބުނިން، '1-0 އިން ބަލިވިޔަސް، ދެވަނަ ގޯލެއް ވަނަނުދޭން މަސައްކަތް ކުރާށޭ. ދެވަނަ ގޯލެއް ވަނަސް، ކުޅުން ކުރިއަށް ގެންދާށޭ.' ތިން ގޯލް ވަނުމަށްފަހު ވެސް، ހަތަރުވަނަ ގޯލެއް ވަނަނުދޭން ހިތްވަރުކުރާށޭ،" އޭނާ ބުންޏެވެ.
"އަހަރެންގެ އަންހެން ކުދިން 90 މިނެޓް ވަންދެން ދިޔައީ ކުރިއަށް. ކުރިއަށް. ކުރިއަށް. އަހަރެން ހަމަ ހައިރާންވެއްޖެ. އަހަރެން މި ކުދިންނާ މެދު ހަގީގަތުގައި ވެސް ވަރަށް ފަހުރުވެރިވޭ."
ކުޅުންތެރިން 90 މިނެޓް ވަންދެން ކުރި ހިތްވަރާ މެދު ފަހްރުވެރިވާ ކަމަށް ސޮބާ ބުންޏެވެ.
މި މެޗަށްފަހު އެފްއޭއެމްއިން ބުނެފައިވަނީ، އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމުން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ. މިއީ ރާއްޖޭގައި އަންހެން ފުޓްބޯޅަ ތަރައްގީކުރުމަށް ކުރިއަށްދާއިރު، ބިނާކުރަން ލިބުނު ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް ފެނިގެންދިޔަ މެޗެއް ކަމަށް އެފްއޭއެމްއިން ފާހަގަކުރި އެވެ.
"ގްރޫޕްގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއާ ދެކޮޅަށް އަހަރެމެންގެ އަންހެން ޓީމުން ދެއްކީ މާ ބޮޑަށް ވެސް ކުރިއެރުން ހޯދި މޮޅު ކުޅުމެއް،" ސޯޝަލް މީޑިއާގައި އެފްއޭއެމުން ކުރި ޕޯސްޓްގައި ވެއެވެ. އަންހެން ފުޓްބޯޅަ ތަރައްގީކުރުމަށް އަހަރެމެން ހުއްޓުމެއް ނެތް މަސައްކަތްތަކެއް ކުރަމުންދާއިރު ކުރިއަށް އޮތް ތަނުގައި ބިނާކުރާނެ ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް މި މެޗުން ފެނިގެން ހިނގައްޖެ."
ނަތީޖާ ބުރަނުވިޔަސް އިހްތިރާމް: ދިވެހި އަންހެން ޓީމަށް ތައުރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ