އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ލުބުނާނުގައި ހިންގާ އޮޕަރޭޝަންތައް ފުޅާކުރަމުންދާ ދަނޑިވަޅެއްގައި، ހަމާސްގެ އަސްކަރީ ވެރިޔާ އަވަހާރަކޮށްލާފައިވާ ކަމަށް ބުދަ ދުވަހު އިޒްރޭލުން ބުނެފި އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މުހައްމަދު އޫދާ އަވަހާރަކޮށްލާފައިވަނީ އަންގާރަ ދުވަހު ގާޒާގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގަ އެވެ.
އޭނާގެ އާއިލާގެ މީހަކު ރޮއިޓާސް ނިއުސް އެޖެންސީއަށް އެކަން ކަށަވަރުކޮށްދެމުން ބުނީ، އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ގާޒާ ސިޓީގައި ކަމަށެވެ. މިކަމާ ގުޅޭގޮތުން ހަމާސްއިން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވި ނަމަވެސް، އޫދާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ އަވަހާރަކޮށްލާފައިވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާ ވެސް އެކުގައި ކަމަށެވެ.
އިޒްރޭލުން ބުނާ ގޮތުގައި އޫދާއަކީ ކުރިން ހަމާސްގެ އިންޓެލިޖެންސް ޑިވިޝަންގެ ވެރިޔާ އެވެ. އަދި އޭނާ އަސްކަރީ ކޮމާންޑަރު ކަމަށް އައްޔަންކުރީ މެއި 15 ގައި ދިން ހަމަލާއެއްގައި ކުރީގެ ކޮމާންޑަރު އިއްޒުއްދީން އަލް-ހައްދާދު އަވަހާރަވުމުން ކަމަށް ބުނެފައިވެ އެވެ.
ގާޒާގެ ސިއްހީ އޮފިޝަލުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް މިދިޔަ އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 900 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.
އޭގެ އިތުރުން 2023 އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނީއްސުރެ ގާޒާގެ 72،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އާންމުންނެވެ.
ހަމާސްގެ އާ އަސްކަރީ ވެރިޔާ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ