ރައްޔިތުންގެ މަޖިލީހުގެ މެމްބަަރު އަހުމަދު ރަޝީދު ވެސް އެމްޑީޕީއާ ދުރަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަަރު އަހުމަދު ރަޝީދު، (ޗެކްމާކް) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުކަމުން ވަކިވެވަޑައިގެންފިއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުން ދެ ފެކްޝަންގެ ތެރެއިން އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަފާތެރި ބޭފުޅުން ތިއްބެވި ފެކްޝަންގައި ހުންނެވި، މެމްބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާދެއްވައި، އެމަނިކުފާނު އެޕާޓީން ވަކިވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އެޑްރެސްކުރައްވައި ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުރުން "އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން." އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި މެމްބަރު އަޙުމަދު ރަޝީދު ފޮނުއްވި ސިޓީގައިވެސް ވަނީ އޭނާ މިއަދު އެމްޑީޕީން އިސްތިއުފާ ދެއްވާފައި ކަމަށް ވިދާޅުވެފައެވެ.
ބެލެވޭ ގޮތުގައި މެމްބަރު އަޙުމަދު ރަޝީދާއި ރައީސް ނަޝީދު އެމްޑީޕީން އިސްތިއުފާދެއްވައި ޕާޓީ ދޫކުރައްވައި ދެން ގުޅިވަޑައިގަންނަވާނީ ދަ ޑިމޮކްރެޓްސްއާއެވެ. އެ ޕާޓިއާ ގުޅިވަޑައިގަތުމުން އެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އަދަދު 15 އަށް އަރާނެއެވެ. އެކަމަކު ދަ ޑިމޮކްރެޓްސް ރަޖިސްޓަރީ ނުވާތީ އެބޭފުޅުން އަދި ތިއްބަވާނީ މިނިވަން މެމްބަރުންގެ ގޮތުގައެވެ.
އެ ދެބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު 54 އަށް ތިރިވާނެއެވެ.
ނަމަވެސް އަދިވެސް އެމްޑީޕީއަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުގެއްލެއެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު މެޖޯރިޓީއަކީ 44 މެންބަރުންނެވެ. ނަމަވެސް، ޤާނޫނުއަސާސީ އިސްލާޙް ކުރުމާއި ފަނޑިޔާރުން ވަކިކުރުމަށް ބޭނުންވާ 58 މެންބަރުންގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަކަށް މިހާރު ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ