އުމަރު ޒާހިރުގެ ހަނދާނުގައި ފޮތެއް: ނައިބު ރައީސް ސިފަކުރެއްވީ 'ޖީލުގެ ޝަހުސިއްޔަތު'ގެ ގޮތުގައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގަވާ 'މައުމޫން ފައުޑޭޝަން'ގެ ފަރާތުން، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު، މިދިޔަ ޑިސެމްބަރު މަހު އަވަހާރަވި އުމަރު ޒާހިރުގެ ހަނދާނުގައި ފޮތެއް ރޭ ނެރެފި އެވެ. 
ވީ ކިހިނެއް؟ - މި ފޮތް ނެރެދެއްވީ ރޭ ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމް އެވެ. 'ނަމޫނާ ޝަހުސިއްޔަތެއް'ގެ ނަން ދީފައިވާ މި ފޮތް ނެރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި މައޫމުން ސަރުކާރުގެ ވަޒީރުންނާއި އުމަރު ޒާހިރުގެ އާއިލީ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ތަފްސީލު - ފޮތް ނެރެދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ އެ މަނިކުފާނަށް އެފަދަ ފުރުސަތެއް ލިބިވަޑައިގަތުމަކީ "ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ.
"އަޅުގަނޑު އެއްވެސް ހާލެއްގައި ނުދެކެން މިފަދަ ކަމަކަށް، އޮނަރަބަލް އުމަރު ޒާހިރުގެ ހަޔާތްޕުޅާ މެދު އަދި ހާއްސަކޮށް ގައުމީ ހިދުމަތާ މެދު މި ނެރުއްވި ފޮތް، މިކަމަށް އެންމެ އެކަށޭނެ މީހަކީ އަޅުގަނޑު ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އެ ފޮތް ނެރުމުގެ ޝަރަފު މައުމޫނު ދެއްވީތީ އެކަމަށް ޝުކުރު އަދާކުރައްވައި ފައިސަލް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ފައިސަލްގެ ވިދާޅުވީ އުމަރު ޒާހިރުގެ ހިދުމަތްތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
އުމަރު ޒާހިރު ދުނިޔޭގައި މިއަދު ނެތް ނަމަވެސް، އޭނާގެ ހިދުމަތްތަކާއި ވިދާޅުވެފައިވާ ވާހަކަތައް ހަނދާނުން ފޮހެވިގެން ނުދޭ؛ އެ ހަނދާންތައް ތާއަބަދަށް ދެމިގެން ދާނެ
މި ފޮތާއި އުމަރު ޒާހިރުގެ މުޅި ހަޔާތުން ދަސް ކުރެވޭނެ ކިތަންމެ ގިނަ ފިލާވަޅުތައް އެބަހުރި
މާލެއަށް ޖަމާވާ ކުނި ނައްތާލުމަށް ތިލަފުށި ތަރައްގީކުރަން އުމަރު ޒާހިރު ކުރެއްވި މަސައްކަތަކީ މުހިންމު މަސައްކަތެއް
ހުޅުމާލެ ހިއްކުމާއި މާލޭގެ މަގުތައް ހެދުމާއި ގަލޮޅު ބޯޅަދަނޑު ތަރައްގީކުރުމަށް އުމަރު ޒާހިރު ކުރެއްވި ބުރަ މަސައްކަތް
"އަޅުގަނޑަށް ބުނެވޭނީ [އުމަރު ޒާހިރަކީ] މި ޖީލުގެ ޝަހުސިއްޔަތެއް. އަޅުގަނޑުމެންގެ މި ޖީލުގެ ޝަހުސިއްޔަތެއްގެ ގޮތުގައި އަޅުގަނޑަށް އުމަރު ޒާހިރު ސިފަ ވަނީ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ގަބޫލު ކުރައްވާ ގޮތުގައި، އުމަރު ޒާހިރުގެ އެންމެ ކަމުދާ ސިފައަކީ "ކަމަށް ކަމޭ ހިތުމެ"ވެ. ޒިންމާ ހަވާލުނުކުރެއްވި ނަމަވެސް، ގައުމުގެ ހައްގުގައި އަމިއްލައަށް އެކަމަކާ ހަވާލުވެވަޑައިގެން، ވަރަށް ކައިރިން އެކަން ބައްލަވާ ކޮންމެ ކަމެއް ވެސް ރަނގަޅަށް ކުރެއްވުމުގެ އިތުރަށް، ގަޑިއަށް ފަރުވާތެރިވުން އަދި ރީތި އަހްލާގުކަން ފައިސަލް ފާހަގަކުރެއްވި އެވެ.
އިތުރަށް ކިޔާލަން - 'މިވަރުގެ ޝަހުސިއްޔަތެއް ރާއްޖޭގައި މަދުވާނެ'
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަން ފައްޓަވަމުން މައުމޫން ފުރަތަމަ ވެސް ކުރެއްވީ ސުވާލެކެވެ؛ އުމަރު ޒާހިރު ދުނިޔޭގައި ހުންނެވި ނަމަ، ހުންނަވާނީ ކޮންތަނެއްގައިތޯ އެވެ.
"ހުންވާނީ ހިޔާ ކުރި ތަނެއްގައެއް ނޫނޭ، ގެއަކު ނޫނޭ ހުންނަވަނީ. މަގުމަތީގައި ހުންނަވާނީ،" އެ ސުވާލުގެ ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވި އެވެ.
މި ރަސްމިޔާތު ހިނގަމުންދިޔައިރު، މާލޭގެ ބޮޑެތި މަގުތަކުގައި އޮތީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ. އިއްޔެ ހެނދުން ފެށިގެން މާލެއަށް ކުރަމުންދިޔަ ވިއްސާރަ ރޭ ވެސް ދިޔައީ ކުރަމުންނެވެ.
މައުމޫން ވިދާޅުވި ގޮތުގައި، އުމަރު ޒާހިރު ދުނިޔޭގައި ހުންނެވި ނަމަ އޭނާ ހުންނަވާނީ ރަށުތެރޭގެ ހަލާތު ބެއްލުވުމުގަ އާއި ފެން ބޮޑުވި ތަންތަން ބެއްލުވުމުގަ އާއި އެހީ ބޭނުން ވަނީ ކޮންބަޔަކަށްތޯ ބެއްލެވުމުގަ އެވެ.
"އެއީ އުމަރު ޒާހިރުގެ ހަޔާތްޕުޅުން މި ލިބޭ އިބުރަތަކީ. ގައުމު ނުވަތަ އެ ތަނެއް ބޭނުންވާ ކަންތައްތައް ކުރެއްވުމުގައި އަބަދުވެސް ހުންނަވަނީ. ސައުވީސް ގަޑިއިރު ތެރޭ، ވަކި ވަގުތެއް ނޯންނާނެ އެކަމުގެ ތެރޭގައި ނޫޅުއްވާކަށް،" މައުމޫންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި އެ މަނިކުފާނާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުމަރު ޒާހިރާ ގުޅޭ ގޮތުން މައުމޫން ވިދާޅުވި އެވެ.
މައުމޫން، އުމަރު ޒާހިރު ސިފަ ކުރެއްވީ "ނަމޫނާ ބޭފުޅެއް"ގެ ގޮތުގަ އެވެ. ކަންކަން ދަސްކޮށްދިނުމަށާއި މަގު ދެއްކުމަށް "އެންމެ މޮޅު ވަޒީރު"ގެ ގޮތުގަ އެވެ.
މައުމޫން ފައުންޑޭޝަނުން އިސް ނައިގެން އުމަރު ޒާހިރުގެ ހަނދާނުގައި ފޮތެއް ލިޔުނީ، މައުމޫން ވިދާޅުވި ގޮތުގައި، އުމަރު ޒާހިރަކީ އެ ފައުންޑޭޝަނަށް އެހާމެ މުހިންމު ބޭފުޅަކަށް ވާތީ އެވެ.
"އުމަރު ޒާހިރަކީ މައުމޫން ފައުންޑޭޝަންގެ އެންމެ މައި އެއް ތަނބު... އުމަރު ޒާހިރު މި ފައުންޑޭޝަންގެ މެންބަރަކަށް ވެވަޑައިގެން އަޅުގަނޑުމެންގެ ވަރުގަދަ ތަބަކަށްވެވަޑައިގެންނެވި،" މައުމޫން ވިދާޅުވި އެވެ.
އެ ފައުންޑޭޝަންގެ ކޮންމެ ކަމަކަށް ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ވެސް ގިނަ ގުނަ އެހީތަކެއް އުމަރު ޒާހިރު ވެދެއްވިކަން މައޫމުން ފާހަގަކުރެއްވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން އުމަރު ޒާހިރާ ގުޅޭ ގޮތުން ފޮތެއް އިފްތިތާހް ނުކުރާ ކަމަަށް ވަންޏާ ދެން ކާކާ ބެހޭ ގޮތުންތޯ ކުރާނީ. އެެހެންވެގެން އުމަރު ޒާހިރާ ބެހޭ ފޮތެއް ލިޔަން އަޅުގަނޑުމެން ހިތަށް އެރީ،" މައުމޫން ވިދާޅުވި އެވެ.
ޖުމްލަ 150 ސޮފުހާގެ މި ފޮތް ލިޔުއްވީ، ތަޖުރިބާކާރު ނޫސްވެރިޔާ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޮގްރަފީ ވެސް ލިޔުއްވި މުހައްމަދު ޖަމީލު
އުމަރު ޒާހިރު ކުރެއްވި ހިދުމަތްތަކާއި އަދާކުރެއްވި މަގާމުތައް ހިމަނާފައިވޭ
އަވަހާރަވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ހުޅުމާލެ ހިއްކުމުގެ މަޝްރޫއު އާއި އަދިވެސް އެހެން ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން އުމަރު ޒާހިރު ދެއްވާފައިވާ އިންޓަވިއުއެއް ހިމަނާފައިވޭ
މައުމޫން ހިމެނޭ ގޮތަށް އުމަރު ޒާހިރާ ގާތް 25 ބޭފުޅުން އޭނާއާ މެދު ދެކެވަޑައިގަންނަވާ ގޮތާއި ހަނދާންތައް އެ ބޭފުޅުންގެ ނަޒަރުން ހިއްސާކުރައްވާފައިވޭ
އުމަރު ޒާހިރާ ގުޅޭ ގޮތުން ޅެންވެރިން ހަދާފައިވާ ދިގު ތިން ޅެން ހިމަނާފައިވޭ
އުމަރު ޒާހިރުގެ މަސައްކަތްތަކާއި ހަނދާންތައް އާކޮށްދިނުމަށް ފޮޓޯ ގެލެރީއެއް ހިމަނާފައިވޭ
އެނގުން މުހިންމު - މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު، އުމުރުފުޅުން 80 އަހަރުގައި އުމަރު ޒާހިރު އަވަހާރަވެފައި ވަނީ، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އުމަރު ޒާހިރުގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ އިއްޒަތުގަ އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ދިވެހި ދިދަ ތިން ދުވަސް ވަންދެން ބައި ދަނޑިއަށް ތިރި ވެސް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ