ރާއްޖެ އަތުން ސިންގަޕޫރަށް ފަސޭހަ މޮޅެއް
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ ބަލިކޮށް ސިންގަޕޫރުން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފި އެވެ. ސިންގަޕޫރުގެ ބިޝަން ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު އެ ގައުމުން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ ސީނިއާ ފުޓުބޯޅައިން ރާއްޖެއާއި ސިންގަޕޫރުގެ އަށްވަނަ ކުރިމަތިލުމެވެ. މިހާތަނަށް ސިންގަޕޫރު އަތުން ރާއްޖެއަށް މޮޅެއް ނުވެވެއެވެ. ރާއްޖެއިން މެޗު ފެށީވެސް ގޮންޖެހުންތަކާއެކު އެވެ. އެގޮތުން މެޗު ފެށުމުގެ ކުރިން ބޭއްވި ވޯމްއަޕުގެ ތެރެއިން ޓީމުގެ ފަހަތް ބެލެހެއްޓުނުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ހައިޝަމް ހަސަނަށް އަނިޔާވުމާއި ގުޅިގެން ބަދަލަކަށް އެހެން ކުޅުންތެރިއަކު ކުޅެން އެރުވިއެވެ. އޭނާގެ ބަދަލުގައި ކުޅެން އެރުވީ އައިހަމް އަހުމަދެވެ. މިއީ ގައުމީ ފުޓުބޯޅަ ޓީމުގައި އައިހަމްގެ ފުރަތަމަ ފެނިލުމެވެ. އަދި ފުރަތަމަ އެގާރައިގައި ހިމެނިގެން ގައުމީ ޓީމުގައި ކުޅުނު ފުރަތަމަ މެޗެވެ. ސިންގަޕޫރުން މެޗު ފެށީ ވަރުގަދަކޮށެވެ. މުޅި ޓީމު ކުރިއަށްޖެހި ދިވެހި ޓީމަށް ޕްރެޝަރުކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ސިންގަޕޫރުން ލީޑުނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު، އަމީރުލް އަދްލީއެވެ. މިއީ ލިބުނު ކޯނަރެއްގައި ޖެހި ލަނޑެކެވެ. އަދި މިއީ ސިންގަޕޫރު ޓީމަށް އަދްލީ ޖަހައިދިން ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިންގަޕޫރުން ވަނީ އިތުރު ދެ ގޯލު ޖަހާފައެވެ. ސިންގަޕޫރުގެ ދެވަނަ ގޯލު 20 ވަނަ މިނިޓްގައި ޖެހީ އެ ޓީމުގެ ފޯވާޑް އިހުސާން ފާންޑީ އެވެ. މި ލަނޑު ޖެހިތާ 12 މިނިޓް ފަހުން އެ ޓީމުގެ ތިންވަނަ ލަނޑުވެސް ޖެހީ އިހުސާން އެވެ. މިއީ ހިލޭޖެހުމަކުން އޭރިއާތެރެއަށަ ހުރަސްވި ބޯޅައަކުން ޖެހި ލަނޑެކެވެ. މެޗުގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކުރިއެވެ. ރާއްޖެއިން މި މެޗުގައި ސުން ކަނޑުވާލީ ދެވަނަ ހާފުގެ އިތުރުވަގުތުގައެވެ. މިއީ ޕެނަލްޓީއަކުން އަހުމަދު ރިޒުވާން (ރިޒޭ) ކާމިޔާބުކުރި ލަނޑެކެވެ. މިއީ މި އަހަރު ސިންގަޕޫރަށް ލިބުނު ފުރަތަމަ މޮޅެވެ. އެންމެފަހުން އެ ޓީމު މޮޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ. އެއީ ޓިމޯ ލެސްޓޭ އާއި ކެމްބޯޑިއާ ަައަތުން މޮޅުވި މެޗުގައެވެ. މިއަހަރުގެ މިހާތަނަށް ކުޅުނު ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. މިއީ ފަސް ދުވަސް ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ސިންގަޕޫރު ކުޅޭ މެޗުގެ ކުރިން ލިބުނު މުހިންމު މެޗެއްގެ ގޮތުގައި ސިންގަޕޫރުގެ ޖަޕާނު ކޯޗު ވަނީ މެޗުގެ ކުރިން ފާހަގަކޮށްފައެވެ. އަދި މި މޮޅަކީ އެ މެޗާ ކުރިމަތިލާއިރު ސިންގަޕޫރަށް ލިބުނު ބޮޑު ހިތްވަރެކެވެ. ސިންގަޕޫރުން މި މެޗު ކުޅޭ ދުވަހު ރާއްޖެއާ ޓިމޯ ލެސްޓޭ ބައްދަލުކުރާނެ އެވެ. މި މެޗު ކުޅޭނީ އޮސްޓްރޭލިއާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ