އައިސީޖޭގައި އޮތް ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ މައްސަލައިގައި ރާއްޖެއިން ބަޔާނެއްދީފި
އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓަށް ލިޔުމުން ބަޔާނެއް މިއަދު ހުށަހަޅައިފިއެވެ. މި މައްސަލައަކީ، އދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް އިސްރާއިލުން ހުރަސް އަޅާތީ ހުށަހެޅި މައްސަލައެކެވެ. މީގެ އިތުރުން މައްސަަލަ ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ މައި ޖަމިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރުޑަބްލިއުއޭ) ގެ މަސައްކަތްތައް ހުއްޓުވާލުމަށް ޓަކައި، އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުން ހިމެނެއެެވެ. އަދި ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާތައް ދެމުންގެންދިއުން ވެސް ހިމެނެއެެވެ. އެހެންވެ މައްސަލަ ހުށަހެޅީ އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ.ގެ ޢާންމު މަޖިލީހުގެ ޤަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުންނެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ރާއްޖެއިން މިއަދު ހުށަހެޅި ބަޔާނުގައި، އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ބައެއް މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތައް ފާހަގަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައި ވާނެ ކަމަށެވެ. އަދި އދ.ގެ މެންބަރެއްގެ ޙައިސިއްޔަތުން އިސްރާއީލުގެ މައްޗަށް ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތަކާ ގުޅޭގޮތުން އޮތް ޒިންމާ ތަފްޞީލުކޮށް، ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވާލައި އިސްރާއިލުން އެ ޖަމްޢިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަޤްވާމީ ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވާ ކަމަށެވެ. އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި އަސާސީ ޙައްޤުތަކުން މަޙުރޫމްވެ، ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި، ސަރަޙައްދުގެ އަމަންއަމާންކަމަށާއި ހަމަޖެހުމަށް ހުރަސްއެޅެމުންދާ ކަމާއި، އިސްރާއީލުގެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ. ދިވެހި ސަރުކާރުން ފެށުނީއްސުރެ ވެސް ގަބޫލުކުރާ ސިޔާސަތަކީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށެވެ. އެހެންވެ، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އޭޖީ އޮފީހުން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ