ޔޫކްރެއިން މައްސަލައިގައި ރަޝިއާ އެމްބެސެޑަރުގެ ފާޑުކިޔުން އަމާޒުވުމުން ނަޝީދު މައާފަށް އެދިއްޖެ ޔޫކްރެއިން މައްސަލައިގައި ރަޝިއާ އެމްބެސެޑަރުގެ ފާޑުކިޔުން އަމާޒުވުމުން ނަޝީދު މައާފަށް އެދިއްޖެ

ރަޝިއާ ޔޫކްރޭން ހަނގުރާމައާ ގުޅޭގޮތުން މިދިޔަ ހަފުތާ އދ. ގެ ނެގި ވޯޓެއްގައި ރާއްޖެއިން ޔޫކްރޭން އާ އެއްކޮޅަށް އެރުމުން އެކަމަށް މަރުހަބާ ކިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައާމެދު ނުރުހުންވެ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފާޑުވިދާޅުވުމުން، ނަޝީދު މައާފަށް އެދިވަޑައިގެންފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު މި މަހުގެ 25 ގައި ކުރެއްވި ޕޯސްޓަކީ ރަޝިއާ އާ ދެކޮޅު ވިސްނުމެއްގައި ކުރެއްވި ޕޯސްޓެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނާއި ދިވެހިން އެދެނީ އެ ސަރަހައްދަށް ސުލްހަވެރި އަމާން ދުވަސްތަކަކަށް ކަމަށްވެސް ނަޝީދު ލިޔުއްވާފައިވެ އެވެ.
"ދިވެހި ސަރުކާރުން ޔޫކްރޭން ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ގޮވާލާ ދިން ވޯޓަށް ތައުރީފުކޮށް އަޅުގަނޑު ކުރި ޕޯސްޓާ ގުޅިގެން ސަފީރު ނުރުހުމުން، އެކަމަށް މައާފަށް އެދެން،" ނަޝީދުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށާއި ބަދަލުވަމުންދާ ބައިނަލްއަގުވާމީ އޮއެވަރުގައި ބެދެން ރާއްޖެއިން ބޭނުން ނުވާކަމަށްވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ. އަދި، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމުގެ ގޮތުން ރަޝިއާގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ލިބޭ ފައިދާތަކަށް ނަޝީދު ޝުކުރު އަދާކުރެއްވި އެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގައި އެންމެ މަގުބޫލު އެއް ދިވެހި ސިޔާސީ ލީޑަރު ކަމަށްވާ ނަޝީދުގެ ޕޯސްޓު ނިންމަވާލެއްވީ މާދަމާ ފެށޭ ރޯދަ މަހުގެ ތަހުނިޔާ ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިން އަދި ސަފީރު ލިވަން އެސް ޖަގަރްޔަން އަށް ރައްދުކުރައްވަމުންނެވެ.
މިިދިޔަ ހަފުތާ އދ. ގައި ނެގި ވޯޓާ ގުޅިގެން ނަޝީދު އެކްސްގައި ލިޔުއްވީ އެމެރިކާއިން ރަޝިއާ އަދި އުތުރު ކޮރެއާއާ އެއްކޮޅަށް ވޯޓު ދިނުމުން ހައިރާންކަން ފާޅުކުރައްވަމުންނެވެ. އަދި ރާއްޖެއިން ޔޫކްރޭނާ އެއްކޮޅަށް ވޯޓު ދިނީތީ ތައުރީފުކުރެއްވި އެވެ.
މިކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ސަފީރު ވަނީ ރަޝިއާ އާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމަކީ ނަޝީދަށް ފަހުރަކަށްވުމުން ހައިރާންވާކަމަށް ވިދާޅުވެފަ އެވެ.
އަދި، ނަޝީދު ފަދަ ތަޖުރިބާކާރު ސިޔާސީ ލީޑަރެއްގެ ވިސްނުން އެ ސަރަހައްދަށް ސުލްހަ ގެނައުމަށް އަލަށް އެކުލަވާލެވޭ ހިޔާލުތަކާ އެހާ ދުރުގައި ހުރުމުން ސުވާލު އުފެދޭ ކަމަށްވެސް ލިވަން ވިދާޅުވި އެވެ.
"އެމެރިކާއިން ހަގީގަތާ ކައިރި ވިސްނުމަކުން ޔޫކްރޭނަށް ސުލްހަ ގެނައުމަށް މަސައްކަތްކުރާއިރު ނަޝީދުގެ ވިސްނުން ހުރީ ޔޫރަޕުން ގެންގުޅޭ ގަދަބާރުން ކަންކަންކުރާ ވިސްނުމާ ދިމާލުގަ" ރަޝިއާގެ ސަފީރު ވިދާޅުވި އެވެ.
އަދި، ނަޝީދު މިއަދު ޝުކުރު އަދާކުރެއްވި އިގުތިސޯދީ އެހީތަކާމެދު ވިސްނުމަށްވެސް އިއްޔެ ރަޝިއާގެ ސަފީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ