ރައީސް އެދިވަޑައިގަތީ ރޯދަމަހުން ފެށިގެން އިހުސާންތެރިއަކަށްވުމުގެ މޮޓޯގައި ހިފަހައްޓަން
ކޮންމެ ދިވެއްސަކު ވެސް އާއިލާ ދެކެ ލޯބިވެ، އަވަށްޓެރީންނަށް ކަމޭހިތައި، ރަޙްމަތްތެރިކަމުގެ ހައްގުތައް އަދާކުރާ އިޙްސާންތެރިއަކަށްވުމުގެ މޮޓޯގައި މި މަހުން ފެށިގެން ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މި ކަމަށް އެދިވަޑައިގަތީ ރަމަޟާން މަހުގެ ހެޔޮއެދުންތައް ފޮނުއްވައި، އެ މަނިކުފާނު ފޮނުއްވި ޚިތާބުގައެވެ. ރަމަޟާން މަހުގެ މަތިވެރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ބަރަކާތްތެރި މަހުގައި ހިފާ ރޯދައާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި، ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ، ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއް ކަމަށެވެ. ކޮންމެ ރޯދަ މަހެއްގައި ވެސް ދިވެހީންގެ ސިލްމާއި ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމްދީނާކަން ހަނދާންކުރުމަށް އެ މަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގަތެވެ. އެ ގޮތުން ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރުކުރާ ހާލު، އެއް ހަށިގަނޑެއް ފަދަ މި އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚްތުން މަތީން ހަނދާން ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ. އަދި ވަކީން ޚާއްސަކޮށް ނުތަނަވަސްކަމާއި ދަތި ހާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދީ ހެޔޮ ފޯރުވައިދިނުމަށް ހަނދާންކޮށްދެއްވިއެވެ. ރައީސްގެ ޚިތާބުގައިވަނީ ފަލަސްތީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫން މުސްލިމް މުޖުތަމައުތަކާއި އާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ދެމި ތިބުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އަހަރަކު އެއް ފަހަރު އަންނަ މަތިވެރިވެގެންވާ ރަމަޟާންމަހުގައި އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތަށް ވެސް ދަމަހައްޓަން ރައީސްވަނީ ހިތްވަރު ދެއްވައިފައެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ފަދަ ނުކިއްސަރު އާދަތަކާއި، ދޮގާއި ފިތުނައާއި ދުރުވެ، ދުނިޔަވީ އަދި އުޚްރަވީ ގޮތުން މަންފާހުރި އަމަލުތަކާއި ހެޔޮކަން ގޮވާންކުރުމުގެ އާދައިގައި ހިފެހެއްޓުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ. މީގެ އިތުރުން ވެސް ދަރީންނަށާއި، ދިވެހި ކޮންމެ ކުޑަކުއްޖަކަށާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހެދުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ. ރައީސްގެ ޚިތާބުގައިވަނީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރުމާއެކު، ކޮންމެ ރޯދަ މަހަކު ވެސް އޯގާތެރިކަމާއި، ކުލުނާއި، ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސް ނަގާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރައީސްގެ ޚިޔާބު ނިންމަވާލައްވާފައިވަނީ ރަމަޟާން މަހުގެ ފާގަތިކަމާއި ބާއްޖަވެރިކަން ދިވެހި ގައުމަށް އަބަދުމެ ތަކުރާރުކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި މި ގައުމު އިސްލާމްދީނުގެ ހިދާޔަތުގައި އަބަދުމެ ލަހައްޓަވައި، ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބަޔެއްގެ ގޮތުގައި އަބަދުމެ ލައްވައި، ވިޔަވަތި ދިރިއުޅުމެއް މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ