އިންޑިއާ ޕާކިސްތާނު ހަމަލާތައް: ބައެއް ފްލައިޓްތައް ކެންސަލް ކުރަނީ

އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ބަދަލުކުރާ ހަމަލާތަކުގެ ސަބަބުން ޔޫރަޕަށް ދާ ފްލައިޓްތައް ކެންސަލް ކުރަންޖެހިފައިވާ ކަމަށް އޭޝިއާގެ ބައެއް އެއާލައިންތަކުން ބުނެފިއެވެ. ޓައިވާންގެ އީވީއޭ އެއާއިން ބުނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރާ ހަމަލާތަކުގެ ސަބަބުން, ސަލާމަތީ ސަބަބުތަކަށްޓަކައި ވައިގެ ސަރަހައްދަށް އަސަރު ނުކުރާނެ ގޮތަށް ޔޫރަޕަށް ދިއުމާއި އެނބުރި އަންނަ ފްލައިޓް ރޫޓްތަކަށް ގެންނަންޖެހޭ ބަދަލު ގެންނާނެ ކަމަށެވެ. އެގޮތުން ވިއެނާއިން ފުރި ފްލައިޓެއް އަނބުރާ އެ ސިޓީއަށް ޖައްސާފައިވާއިރު، ޓައިވާނުން މިލާނަށް ދިޔަ ފްލައިޓެއް މަންޒިލަށް ދިއުމުގެ ކުރިން ތެޔޮ އަޅަން ވިއެނާއަށް ޖެއްސި ކަމަށް އެ އެއާލައިނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ދެކުނު ކޮރެއާގެ އިންޗިއޮން އާއި ދުބާއީއާ ދެމެދު ދަތުރުކުރާ ކޮރެއަން އެއާ އިން ދަތުރުތައް ކުރަމުން އަންނަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ނުވަދެ ކަމަށް ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓުކުރެއެވެ. ޓައިވާންގެ ޗައިނާ އެއާލައިންއިން ވެސް ވަނީ ފަސިންޖަރުންނާއި ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައި ކަމަށް އެ އެއާލައިނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެއެވެ. އެ އެލާއިނުން ކޮންމެ ދުވަހަކު ދަތުރުކުރާ ލަންޑަން ދަތުރުތައް މިއަދަށް ވަނީ ކެންސަލްކޮށްފައެވެ. ރަޝިއާ ޔޫކްރެއިން ހަނގުރާ ފެށުމުގެ ކުރިން ޓައިވާނުން ޔޫރަޕަށް ދަތުރުކުރާ ގިނަ ފްލައިޓްތައް ރަޝިއާގެ މަތިން އުދުހުނެވެ. ނަމަވެސް ޓައިވާނުގެ އެއާލައިންތަކުން މިހާރު އެކަން ކުރުން މަނާކޮށްފައި ވަނީ މޮސްކޯއަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދުކުރުމުގެ ގޮތުންނެވެ. ރަޝިއާގެ ބަދަލުގައި އެ އެލާއިންތަކުން މިހާރު އުދުހެނީ އިންޑިއާ ޕާކިސްތާނު އަދި މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ މަތިންނެވެ. އިންޑިއާއި ޕާކިސްތާނާއި ދެމެދު އޮތް ގުޅުން ގޯސްވެ، ރޭ މެންދަމު އިންޑިއާއިން ވަނީ ޕާކިސްތާނަށް މިސައިލް ހަމަލާތަކެއް ދީފައެވެ. ރައްދުގައި ޕާކިސްތާނުންވެސް ވަނީ އިންޑިއާއަށް ހަމަލާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ