ކައުންސިލްތަކުގެ ބައިއިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންތައް ބާއްވަން ޖެހޭ އަދަދު އިތުރަށް މަދުކުރަން، މެންބަރެއްގެ ގޮނޑި ހުސްވާއިރު، ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.ރައީސް އޮފީހުން ބުނީ، އެ އިސްލާހު ގެނައުމަށް ނިންމީ، ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ކަމަށެވެ.ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހެވެ. އެ ބިލުގެ މަސައްކަތް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމީ އޭގެ ޖެހިގެން އައި ދުވަހު ދަންވަރު 12:30ގައެވެ.އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާ އެކު އެ ބިލް ފާސްކުރީއެވެ. އެ ބިލާ ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.މިއަދު ރައީސް އެ ބިލް ތަސްދީގު ކުރެއްވުމާއެކު ގެޒެޓުގައި ޝާއިއުކޮށް، އަމަލުކުރަން ވަނީ ފަށައިފައެވެ.ގާނޫނުގައި ކުރިން އޮންނަ ގޮތުން ކައުންސިލުގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލް އުމުރުގެ ބާކީ 365 ދުވަހަށްވުރެ ކުރު ނޫން ނަމަ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.އެ އިސްލާހުގައިވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ ކަމަށެވެ. ކުރިން އޮތް ގޮތުން، ދައުރުގައި ބާކީ އަހަރަކަށް ވުރެ ގިނަ ދުވަސް ނުވަތަ 345އަށް ވުރެ ގިނަ ދުވަސް އޮތް ނަމަ އިންތިހާބު ބާއްވަން ޖެހޭނެ އެވެ.މި އިސްލާހާ އެކު މާލޭ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް މިދިޔަ 12 މާޗުގައި އިސްތިއުފާ ދެއްވުމުން ހުސްވި އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މި ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ