ޝަރުއީ ދާއިރާގެ މިނިވަންކަމާއި ރައްކާތެރިކަން ދަމަހައްޓަން އދ. އިން ސަރުކާރަށް ގޮވާލައިފި

ރާއްޖޭގޭ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ އެއްގޮތަށް މިނިވަން ޝަރުއީ ދާއިރާއެއް ދަމަހައްޓައި ރައްކާތެރިކުރުމަށް އދ. އިން ދިވެހި ސަރުކާރަށް މިއަދު ގޮވައިލައިފިއެވެ. ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް އދ. އިން ނެރުނު ބަޔާނެއްގައިވަނީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅިގެން، ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަދާކުރާ އިހުތިރާމާމެދު ސުވާލު އުފެދޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައި، އިތުރު ދެ ފަނޑިޔާރުން މަޖިލީހުން ވަކިކުރިއިރު، އޭގެ ފަހުން އުއްތަމަފަނޑިޔާރު މަގާމުން ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާތީ ވެސް އެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. "ފަނޑިޔާރުންނާ ދެކޮޅަށް ޝަރީއަތް ހިންގާ ގޮތާ މެދު ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ. މި ކަންތައްތައް ހިނގާފައިވަނީ، މެންބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތަކަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން އުޅެނިކޮށެވެ," އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައިވަނީ ދައުލަތުގެ އެކި ބާރުތަކާއެކު ވަރުގަދަ އަދި މިނިވަން ޝަރުއީ ދާއިރާއެއް އޮތުމަކީ، ސަރުކާރުގެ ހުރިހާ ބާރުތަކަކުން ގާނޫނުގެ ވެރިކަމަށް ތަބާވުމާއި އިންސާނީ ހައްގުތައް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކުރުން ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކޮށްފައެވެ. އދ. އިން ވަނީ، މިނިވަން ޝަރުއީ ދާއިރާއެއް ދަމަހައްޓައި ރައްކާތެރިކުރުމަށް ކަމާބެހޭ ފަރާތްތަކުން ވެފައިވާ ވައުދުގެ މަތީގައި ދެމިތިބެން ވެސް ހަނދާންކޮށްދީފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަށް، ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރިއެވެ. https://sun.mv/206013 ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒުގެ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ފާސްކުރީ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށެވެ. އެ މައްސަލަ މަޖިލީހަށް ފޮނުވުމާއެކު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ނިންމީ ޖޭއެސްސީގެ ނިންމުމާ އެއްގޮތަށެވެ. އެއީ ފަނޑިޔާރުންނަށް ޖަވާބުުދާރީވާން ފުރުސަތު ނުދީ، ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައެވެ. ކޮމިޓީގެ އެ ނިންމުމާ ގުޅިގެން ބޭރުގެ ގާނޫނީ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ގޮވާލިއެވެ. އެހެންނަމަވެސް އެ ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދެ ފަނޑިޔާރުން ވަކިކުރީއެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށެވެ. އެހެންވެ، ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން އެ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ