އާ އަމުރެއްގެ ދަށުން ރައުދު އަނެއްކާ ވެސް ހައްޔަރުކޮށްފި

ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލާގައި ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް އަނެއްކާ ވެސް ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފި އެވެ.
ވީކިިހިނެއް؟ - ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު މިއަދު ހެނދުނު ދޫކޮށްލީ މެންދުރު ފަހު ބަންދު އަމުރުގެ އިސްތިއުނާފް ޝަރީއަތް ކޯޓުގައި ފަށަން ތާވަލުކޮށްފައި ވަނިކޮށެވެ. ރައުދު ދޫކޮށްލުމުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ވެސް ވަނީ ދޫކޮށްލާފަ އެވެ.
އެނގިފައިވާ ގޮތުގައި އާ ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
ތަފްސީލް - ރައުދު ދެވަަނަ ފަހަރަށް ހައްޔަރުކުރި އިރު މީގެ ކުރިން ކޯޓުން ހަތަރު ފަހަރެއްގެ މަތިން ރައުދުގެ ބަންދު މުއްދަތު ޖެހި އެވެ. ކޯޓުން މިހާތަނަށް ރައުދުގެ ބަންދުގެ މުއްދަތު ދީފައިވާ ގޮތަކީ:
ފުރަތަމަ 25 އޭޕްރީލްގައި ދިނީ ފަސް ދުވަސް (ބަންދު އަމުރު އާންމުކުރި)
30 އޭޕްރީލްގައި ދިނީ 10 ދުވަސް (ބަންދު އަމުރު އާންމުކުރި)
10 މެއިގައި ދިނީ ފަސް ދުވަސް (ބަންދު އަމުރު އާންމެއް ނުކުރޭ)
މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު ދިނީ 20 ދުވަސް (ބަންދު އަމުރު އާންމެއް ނުކުރޭ)
އެނގުން މުހިންމު - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.
ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އޭގެ ފަހުގައި ރައުދު ހައްޔަރުކުރަނީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ.
ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު ދެވަނަ އަމުރުން އެނގުނު ގޮތުގައި އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ކޮންމެ ވެސް ބަޔަކު ކައިރީ އޭނާ ބުނިކަން އެ އަމުރުގައިވެ އެވެ.
ފާހަގަކޮށްލެވޭ - ޔުމްނު ހޭއެރި ފަހުން ހާދިސާ ހިނގި ގޮތް އާއިލާއަށް ކިޔައިދިން ކަމަށް ބުނެ އާއިލާއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޔުމްނުއާ ހަވާލާދީ އޭނާ އަމިއްލައަށް ނުވެއްޓޭ ކަމަށް ބުންޏެވެ. އަދި ވެއްޓުނުއިރު ރައުދުގެ އިތުރުން ވެސް ބަޔަކު ތިބި ކަމަށް ތުހުމަތުކުރި އެވެ.
ނަމަވެސް ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުންނަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެހެންވެ ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ