ގެނބެމުން ދިޔަ މީހާ އުންމީދު ގެއްލެނިކޮށް ސަލާމަތް ކުރީ ފުކޫ

މާލޭ ނޯތް ހާބަރު ސަރަހައްދުގައި މީހަކު އޮޔާގޮސް ގެނބުނު މަންޒަރު ފެނުނު އެންމެން ތިބީ ފޯނު ހިފައިގެން އެ މަންޒަރު ވީޑިއޯ ކުރާށެވެ. އެ ވަގުތު ފުލުހުންނަށް އެކަން ރިޕޯޓު ކުރަން އަވަސްވެ ގަންނާނެ މީހަކު ވެސް ނެތެވެ. ނަމަވެސް، ނޯތު ހާބަރުގައި އޮތް ދޯންޏަކުން އެއްޗެއް ނަގަން ދިޔަ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ކުރީގެ ރައީސް އަބްދުއްﷲ އަރީފް (ފުކޫ)އަށް އެ މަންޒަރު ފެނުމާއެކު އެއީ ފަތަން ނޭނގޭ މީހެއްކަން އޭނާއަށް އެނގިއްޖެއެވެ. އަދި އޭނާގެ ހަރަކާތްތައް ހުރި ގޮތުން އޭނާ ގެނބެނީކަން ވެސް އެނގުނެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ އެމީހާ ސަލާމަތް ކުރެވޭނެ ގޮތެއް ބެލުމަށެވެ. ނަމަވެސް، ގެނބެމުން ދިޔަ މީހާ ގާތު އަތްދަށަށް އައުމަށް އެދުމުން އޭނާގެ ފަރާތުން އެކަމަށް އިޖާބައެއް ނުލިބުނެވެ. "އެތާ ކައިރީ އޮތް ދޯންޏެއްގައި ހުރި ބިދޭސީއެއް ކައިރި އަހަރެން އެހިން ލައިފް ބޮއެއް އެބަ އޮތްހޭ. އޭނާ ބުނީ ނެތޭ. ދެން ދޯނީގެ އެއް ފަޅިއެއްގައި އޮތް ބެއި ފައްޗެއް އަޅުވާފައި، އަހަރެން ބުނީ އެ ދޭށޭ. އޭތި ހިފައިގެން ފުންމާލީ،" މީހާ ސަލާމަތްކުރަން ކަން ކުރިގޮތް އޭނާ "ސަން"އާ ހިއްސާކުރިއެެވެ. ގެނބެމުން ދިޔަ މީހަކު ފުކޫ ސަލާމަތްކުރަނީ -- ފޮޓޯ/ ކައިރޭ އަރީފް ފުކޫ ބުނީ އޭނާ ފަތާފައި ގޮސް އެމީހާއާ އަރާ ހަމަވި އިރު އެމީހާ އެއްކޮށް އަޑިއަށް ގޮސްފައި ވާކަމަށެވެ. އެހެންކަމުން އޭނާ ލައިގެން އޮތް ޖިންސުގައި ހިފައި މައްޗަށް ނެގުމަށް ފަހު ބޮއެ ފަތީގެ އެހީގައި ގެނައީ ކަމަށް އޭނާ ކިޔައިދިނެވެ. އެވަގުތު ވެސް ކައިރީ ތިބި މީހުން އުޅުނީ ވީޑިއޯ ކުރުމުގައި ކަމަށާއި އެހީއަށް އެދުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފޭބީ އެމްޕީއެލްގެ ޓީޝާޓެއް ލައިގެން ހުރި މީހެއް ކަމަށް އޭނާ ބުންޏެވެ. އެމީހާ އެއްގަމަށް ގެނެވުނުއިރު އަނގައިން ވަނީ ފޮނު އަރާފައެވެ. އަދި ފުކޫއަށް އެއްގަމަށް އެރުނުއިރު އޭނާ އޮތީ ރިކަވަރީ ޕޮޒިޝަންގައި ކަމަށާއި އޭރު އެމްބްއުލާންސަށް ވެސް ގުޅާފައި ވާކަމަށް އޭނާ ބުންޏެވެ. އެެހެންކަމުން އޭނާ ތަނަކަށް ދާން ލަސްވާތީ ދިޔައީ ކަމަށް ފުކޫ ކިޔައިދިނެވެ. "އެއީ ދިވެއްސެއް ކަމެއް ބިދޭސީއެއް ކަމެއް ވެސް އަހަރެންނަކަށް ނޭންގޭ. އޭނާގެ ހާލެއް ވެސް ނޭންގޭ. އޭޑީކޭއަށް ގުޅައިގެން ބެލިން ގެނބުނު މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަތޯ އެކަމަކު ނުގެންދާކަމަށް ބުނީ،" މިރޭ އައިޖީއެމްއެޗަށް ގޮސް އެމީހާގެ ހާލު އޮޅުންފިލުވަން މަސައްކަތް ކުރާނެކަން ފާހަގަކޮށް ފުކޫ ބުންޏެވެ. ގެނބެމުން ދިޔަ މީހަކު ފުކޫ ސަލާމަތްކުރަނީ -- ފޮޓޯ/ ކައިރޭ އަރީފް ގެނބިގެން ފަރުވާ ދިނުމަށް މީހަކު ގެންދިޔަތޯ ބަލަން މި ނޫހުން އައިޖީއެމްއެޗަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އަދި އެމީހާއާ ގުޅޭ މައުލޫމާތު ލިބިފައެއް ނުވެއެވެ. "އަހަރެން ވަރަށް ދެރަވޭ، ކަމެއް ދިމާވާ ވަގުތު މީހަކަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެމަންޒަރު ފެންނަ މީހުން ތިބެނީ ވީޑިއޯކުރަން. އެއީ ވަރަށް ބޮޑު މައްސަލައެއް،" ފުކޫ ބުންޏެވެ. ފުކޫ އަކީ ރާއްޖޭގައި މަޝްހޫރު ރާޅާއެޅުންތެރިއެކެވެ. އަދި ލައިފް ގާޑު ތަމްރީނު ހަދައި ފަސްޓް އެއިޑް ތަމްރީނުތައް ވެސް އޭނާ ވަނީ ފުރިހަމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ