ޔުމްނުގެ ހާދިސާއާ އޮތީ ދިވެއްސަކަށް ވީތީ އޮތް ގުޅުމެއް، އިސްތިއުފާ ދޭކަށް ނުޖެހޭ: އަމީން
މިދިޔަ މަހު 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު (21އ) ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ޒައްރެއްގެ މިންވަރުގެ ގުޅުމެއް ވެސް ނެތް ކަމަށާއި އެ ފަދަ މައްސަލައެއްގައި އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. އެރޭ ވެއްޓުމުގެ ކުރިން ޔުމްނުއާއި އޭނާއާ އެކު އުޅުނު މީހުން ފުރަތަމަ ދިޔައީ މއ. މާންދޫގެދެކުނުގެއަށެވެ. އެ ގެއަކީ މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅެވެ. އެ ގޭގައި އެ މީހުން 'ޕާޓީކުރި'ކަމަށް ބުނާއިރު ހާދިސާ ހިނގިއިރު ޔުމްނުއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެސް ވެފައެވެ. ހާދިސާއަށް ހަ ދުވަސް ފަހުން އޭނާ ހައްޔަރުކުރިއިރު އަދިވެސް އޭނާ ހުރީ ބަންދުގައެވެ. އޭނާގެ ބަންދަށް މިއަދު ވަނީ އިތުރު 20 ދުވަސް ޖަހައިފައެވެ. އަމީންގެ އާއިލީ ގެކޮޅުގައި 'ޕާޓީކުރި' ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔައި ދެ މީހަކު ވެސް ހިމެނެއެވެ. އެހެންވެ، މި މައްސަލައިގައި އަމީންގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް އޭނާ މަގާމުން ވަކިކުރަން ވަނީ ހުށަހަޅައިފައެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން އަމީން ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާއާއި އޭނާއާ ޒައްރެއްގެ މިންވަރުގެ ގުޅުމެއް ވެސް ނެތް ކަމަށެވެ. https://sun.mv/206062 އެހެންވެ، މި މައްސަލައިގައި އޭނާ އިސްތިއުފާ ދޭން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އޮތް ގުޅުމަކީ އަޅުގަނޑު ވެސް ދިވެއްސަކަށް ވީތީ އޮތް ގުޅުމޭ. އަޅުގަނޑު މި މާލޭގައި އުޅޭތީ އޮތް ގުޅުމޭ. އެހެންވީމާ މި މައްސަލައާއި އަޅުގަނޑާ ގުޅުވާނަމަ ހަމަ [ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު] ޝަމްހީދާ ވެސް އޮތީ އެއް ގުޅުމެއް،" އަމީން ވިދާޅުވިއެވެ. "...މި ކަމާ ގުޅިގެން އަޅުގަނޑު އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން އެނގޭތޯ،" ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގައި ވާހަކަދައްކަވަމުން އަމީން ވަނީ މި މައްސަލައިގައި ހިމެނޭ މީހުންނާ އެކު އުޅުނު އަމީނަށް ބޮޑުބޭބެ ކިޔައި ދެ މީހުންނާއި ޔުމްނު ވެއްޓުނު ހާދިސާއާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި، އެ މީހުން އަމީންގެ އާއިލީ ގެކޮޅުގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް ވެސް އެއްވެސް ތަހުގީގު އިދާރާއަކުން އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/206059 އެކަމަކު، މި މައްސަލައިގައި ދެން ހިމެނޭ މީހުން ކުޑަކަމުދާ ތަކެތި ދޭން ދެކޮޅު ހެދުމުން މަސްތުވާތަކެއްޗަށް ޓެސްޓު ނުކުރެވުނު ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. މި ހާދިސާއާއި އަމީނާ ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި ނަމަވެސް މި މައްސަލައިގައި ހިމެނޭ މީހުން ފުރަތަމަ ދިޔައީ އަމީންގެ ގެކޮޅަށެވެ. އެ ގޭގައި 'ޕާޓީކުރި'ކަމުގެ ތުހުމަތުކުރެވޭއިރު އެ ގޭގައި ހުރި ސީސީޓީވީ ކެމެރާތައް ހަލާކުވެފައި ހުރުމުގެ ސަބަބުން އެ ފުޓޭޖްތައް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަމީން ވަނީ އޭނާ ދިރިއުޅުއްވާ ގެކޮޅަކީ އާއިލީ ގެކޮޅެއް ކަމަށާއި އެ ގޭގައި ކުށެއް ކުރި ނަމަވެސް އޭނާ ޒިންމާވާން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/205781 މި މައްސަލަައިގައި ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އެ ޒުވާނުން ގެންދަނީ ޓްރާންސްޕޯޓު މިނިސްޓަރުކަމުން އަމީން އިސްތިއުފާދެއްވަން ވެސް ގޮވާލަމުންނެވެ. މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން ވެސް ޒުވާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ހާދިސާ ތަހުގީގުކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ކޮމިޝަނުން އެ ހާދިސާއަށް އެއްވެސް މިނިސްޓަރަކު ނުފޫޒު ފޯރުވި ކަމަށް ނިންމައިފި ނަމަ އެ ބޭފުޅަކު މަގާމުން ވަކިކުރައްވާނެ ކަމަށެވެ. މި މައްސަލައިގައި އަމީން ސަސްޕެންޑުކުރަން ވެސް މީގެ ކުރިން އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ