ކަރުގައި މެޑެއްޔެއް ނޭޅުނު އެކަމަކު މި ނިންމާލީ އުއްމީދާ އެކު: ކޯޗު ޝާކިރު

ސާފްގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ އިންޑިއާ އަތުން 3-0 އިން ރާއްޖެ ބަލިވެ، ވަނަޔަކާ ހަމައަށް ނުދެވުނަސް ދިވެހި ފުޓްބޯޅައިގެ ކުރިމަގާ މެދު އުއްމީދު ލިބުނު ކަމަށް، ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.
އިންޑިއާގެ އަރޫނަޗަލް ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ޔޫޕިއާގައި ކުރިއަށްދާ މުބާރާތުގެ ފައިނަލްގައި ބަންގްލަދޭޝްއާ އެކު ކުޅެން އިންޑިއާއިން ފުރުސަތު ހޯދީ ފުރަތަމަ ހާފުގައި ޖެހި ދެ ލަނޑާއި ފަހު ހާފުގައި ޖެހި ލަނޑުންނެވެ.
އެކަމަކު ޔޫރަޕްގައި ކޭމްޕްކޮށް، އެއްކޮށް ގެންގުޅޭތާ ގިނަ ދުވަސްތަކެއް ވީ އިންޑިއާ ޓީމާ ދެކޮޅަށް ރާއްޖެއިން ދެއްކި ކުޅުމާ މެދު ޝާކިރު ހިތްހަމަޖެހެ އެވެ.
އުމުރު ފުރައިގެ މިކަހަލަ ވާދަކުރުންތަކުގައި ޓީމު އެކުލަވާލަން ލިބޭ ފުރުސަތުތައް މުހިންމެވެ. އެ ނަޒަރުން ބަލާއިރު އިންޑިއާ ގޮތަށް ގިނަ ދުވަހު އެކުގައި ގެންގުޅެ، ބޭރުގައި ތަފާތު ކޭމްޕްތައް ކުރިއަށް ގެންދިއުމަކީ ދިވެހި ފުޓްބޯޅައިގައި އަދި ނެތް އިންތިޒާމެކެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދިޔައީ ބަންގްލަދޭޝް އާއި ބޫޓާންއާ އެކު ކުޅުނު ދެ މެޗު 2-2 އިން އެއްވަރުވެގެންނެވެ.
"އިންޑިއާއަކީ މި ސަރަހައްދަށް ބަލާއިރު ވެސް ވަރަށް ވަރުގަދަ ޓީމެއް. ވަރަށް ގިނަ ދުވަހު އެކުގައި އެ ގެންގުޅެނީ. ޔޫރަޕްގައި ކޭމްޕް ޖަހަައި، މެޗުތައް ކުޅޭ،" ޝާކިރު ބުންޏެވެ.
"އަހަރެމެންނަށް މި ލިބުނީ އެންމެ މަހެއް ޕްރެކްޓިސްކުރަން. މުޅި މުބާރާތަށް ބަލާ ނަމަ ބުނާނީ ދިވެހި ފުޓްބޯޅަ ފަހަތަށް ނުދާކަން އެނގެއޭ."
އެންމެ ބޮޑު ފިލާވަޅަކީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ އެކު އުފެދުނު އުއްމީދެވެ.
"ތެދެއް، އަހަރެމެންގެ ކަރުގައި މެޑެއްޔެއް ނޭޅުވޭ. އެކަމަކު އަހަރެމެން އެނބުރި މި ދަނީ އުއްމީދު ހިފައިގެން. އުއްމީދާ އެކު މުބާރާތް ނިންމާލީ،" ޝާކިރު ބުންޏެވެ.
މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖެއިން ވާދަކުރި 19 އަހަރުން ދަށުގެ އެންމެ މޮޅު ޓީމު ކަމަށް އޭނާ އެއްބަހެވެ. އެހެންވީ މުޅި ޓީމު އެކުގައި މަހެއްހާ ދުވަހު ޕްރެކްޓިސްކުރަން ލިބުމެވެ.
"ކުރީގައި ނަމަ ދެ މަސް ތިން މަސް ކުރިން ޕްރެކްޓިސް ފެށިޔަސް މުޅި ޓީމު އެކުގައި ކުޅެން 10 ވަރަކަށް ދުވަސް ވެސް ނުލިބޭނެ. އެއީ އޭރު މުބާރާތްތައް އޮންނާތީ ޓީމުތަކުން ކުޅުންތެރިން ދޫނުކުރާތީ،" ޝާކިރު ބުންޏެވެ.
"މިފަހަރު މާލޭގައި މުބާރާތެއް ނެތީމާ ބަރާބަރު މަހެއްހާ ދުވަހު އެކުގައި ޕްރެކްޓިސް ކުރެވުނު. ކުޅުންތެރިން އެއްކުއްޖަކު އަނެއް ކުއްޖަކު އެނގި، ޓެކްޓިކަލީ ވެސް ކަންކަން ރަނގަޅު ކުރެވުނު."
އޭނާ ބުނީ މި ޓީމު އެކުގައި ގެންގުޅެވިއްޖެ ނަމަ މި ސަރަހައްދުގެ އުމުރު ފުރައިން ތައްޓެއް ހޯދަން މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.
އަންނަ އަހަރު ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް އޮންނާނެ އެވެ. އެއީ މި ޓީމަށް އޮތް ރަނުގެ ފުރުސަތެއް ކަމަށް، ޝާކިރު ގަބޫލުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ