އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވުމުން މުޖުތަމައުއާއި އިގުތިޞާދަށް ފައިދާ ކުރާނެ: އިހުސާން
އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވުމުން މުޖުތަމައުއާއި އިގްތިޞާދަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިހުސާން އެހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. އެގޮތުން، މިނިސްޓަރު ވަނީ، ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްޔިތުންނަށް ފޮނުއްވާފައެވެ. މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ޓެކޮނޮލޮޖީ ދުވަހުގެ ޝިއާރަކަށް މުއާސަލާތީ ޖަމިއްޔާ، އައިޓީޔޫއިން ކަނޑައަޅާފައި ވަނީ، 'ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން' އެވެ. ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިގުތިޞާދާއި ދިރިއުޅުމުގެ ކަންކަން ބަރޯސާވެ، ކުރިއަރަމުން އަންނައިރު، ބަލައިލަން ޖެހޭ މުހިންމު ކަމެއް އެބަ އޮތް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އެންމެނަށް ފުރުސަތު ދެވޭތޯއާއި އެކަމުގައި އެއްވެސް ބަޔަކު ފަހަތަށް ޖެއްސޭތޯ މިނިސްޓަރު ސުވާލުއުފެއްދެވިއެވެ. ސަރުކާރުގެ 2.0 މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސާއި މިނިސްޓަރު އިހުސާން: މިނިސްޓަރު ވިދާޅުވީ، އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވުމުން މުޖުތަމައުއާއި އިގުތިޞާދަށް ފައިދާ ކުރާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި އަންހެން ދަރީން ޑިޖިޓަލް އިންގިލާބުގެ ހަވާސައިގައި މަޑުޖެހިލައިގެން ތިބެން ޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން އެ މީހުން ތަހަންމަލުކުރާ ދަތިތަކުގެ ތެރޭގައި، ޓެކްނޮލޮޖީ ބޭނުންކުރުމުގައި ހަމަހަމަކަން ނެތުމާއި ޑިޖިޓަލް ދާއިރާގެ ވަޒީފާތަކާއި ލީޑަޝިޕްގައި ބައިވެރިވުމުގައި ހުރަސްތައް ހުރުން ހިމެނެއެވެ. ޓެކްނޮލޮޖީގެ ފަސޭހަކަމާއި ޓެކްނޮލޮޖީ ގެނުވާ އިންގިލާބުތަކުގައި، އެއްވެސް ބަޔަކު ބާކީ ކުރެވުން މިއީ އެދެވިގެންވާ ކަމެއް ނޫން. ޚާއްސަކޮށް، ތަރައްގީވަމުން އަންނަ ޤައުމުތަކާ އަޅާބަލާއިރު، އަޅުގަނޑު ފާހަގަކޮށްލާނީ ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގް ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެން ބޭފުޅުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މަދެއް ނޫން. އެ ނިސްބަތް އަންނަނީ އިތުރުވަމުން އެއާއެކު، ރާއްޖޭގައި އަންހެން ދަރީންނަށް ތަޢުލީމު ޚާސިލު ކުރުމުގައި ތަފާތު ކުރުމެއް ނެތި ފުރުސަތު އޮންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެކަމަކު، ވަކި ބާވަތްތަކުގެ ވަޒީފާތަކާއި ހިންގުމުގެ ދާއިރާގައި އަންހެނުން ދައުރު ނިސްބަތުން މަދުކަމީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށް އިހުސާން ވިދާޅުވިއެވެ. ރާއްޖޭގައި އެފަދަ ފަރަގުތައް ކުޑަ ނަމަވެސް، އެކަން އެއްކޮށް ނައްތާލުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހައްމިއްޔަތު ކަމަކީ ކޮންމެ ދިވެއްސަކު ވެސް ފާހަގަކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ދެކިވަޑައިގަންނަވައެވެ. އަންހެނުންތަކެއް: އިހުސާން ވިދާޅުވީ، އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވުމުން މުޖުތަމައުއާއި އިގުތިޞާދަށް ފައިދާ ކުރާނެ ކަމަށް --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަމަކީ، ތަޢުލީމާއި ޞިއްޙަތާއި ވިޔަފާރިއާއި ދަނޑުވެރިކަމުގެ އިތުރުން ވެރިކަން ކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުން ވެސް ބާރުވެރި ކުރުވުން ކަމަށް އިހުސާން ވިދާޅުވިއެވެ. އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު އާއިލާތަކާއި މުޅި މުޖުތަމަޢުއަށް އަދި މުޅި އިޤްތިޞާދަށް ވެސް އޭގެ ފައިދާ ކުރާނެ މިނިސްޓަރުގެ ޚިތާބު ނިންމާލެއްވީ، ސަރުކާރުގެ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން، އަންހެނުން ހިމެނޭހެން ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ޚިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވެ، އިގުތިޞާދުގައި ހަމަހަމަ ބައިވެރީންނަށް ވުމުގެ ފުރުސަތު ބޮޑުވާނެ ކަަމަށް ވިދާޅުވެފައެވެ. ސަރުކާރުން މިފަހުން ވަނީ، މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް "މޯލްޑިވްސް 2.0" އިފްތިތާހުކޮށްފައެވެ. އެ މަޝްރޫއަކީ، ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި އިގްތިޞާދު ކުރިއަރަމުންދާ ގޮތާއި އާންމު ޚިދުމަތާއި ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއް ކަމަށް ސަރުކާރުން ބުނެއެވެ. "މޯލްޑިވްސް 2.0" ގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދައިކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން ކަމަށް ރައީސް މުއިއްޒު އެ ރޭ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުގެ 2.0 މަޝްރޫއަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރުގެ ތެރެއިން އުޅެނީ ކޮރަޕްޝަން ޑިޖިޓަލް ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ތުހުމަތުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ