ކާޑުގެ ބަދަލުގައި ބޭނުންކުރެވޭ އެމްއައިބީގެ ފައިސާވެއާ ޓެގު ތައާރަފްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ފައިސާވެއާ ޓެގެއް ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއައިބީން އިއްޔެ ތައާރަފްކުރި މި ހިދުމަތަކީ ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ ޓެގެކެވެ.
ތަފްސީލް - ފޯނުގައި ނުވަތަ ކީ ޗެއިންގައި ވެސް ތަތްކޮށްލެވޭ މި ޓެގަކީ މި ނޫނަސް ކަސްޓަމަރު ބޭނުންވާ އެހެން ތަނެއްގައި ތަތް ކޮށްލެވޭނެ އެއްޗެކެވެ. މި ޓެގް ޕޮސް މެޝިނެއްގައި ޖައްސާލުމުން ފަސޭހަކަމާ އެކު މުދަލާއި ހިދުމަތަށް ފައިސާ ދައްކާލެވޭނެ އެވެ.
އެމްއައިބީން ވަނީ ކޭޝްކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ އަނގޮޓިއެއް ވެސް މިދިޔަ އަހަރު ތައާރަފްކޮށްފަ އެވެ. ވަރަށް އަވަހަށް އާ ޑިޒައިންތަކެއްގެ އަނގޮޓި ނެރުމުގެ މަސައްކަތް ވެސް އެ ބޭންކުން އަންނަނީ ކުރަމުންނެވެ.
މިހާރު ވެސް އެކި ޑިޒައިންތަކުގައި ލިބެން ހުންނަ މި އަނގޮޓިއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
އެނގުން މުހިންމު - ރާއްޖޭގެ ގިނަ ދުވަސްވީ ބޭންކުތައް ފަހަތަށް ޖައްސާލައި ޓެކްނޮލޮޖީގެ ރޭހުގައި އެމްއައިބީން އަންނަނީ ކުރި ހޯދަމުންނެވެ. އެގޮތުން، އިޖާދީ ބަދަލުތަކާ އެކު އެމްއައިބީން މިއަހަރު ވެސް އާ ހިދުމަތްތަކެއް ތައާރަފްކުރުމުގެ މަސައްކަތް އެބަކުރެ އެވެ.
ރައްކާތެރި ބޭންކިން ހިދުމަތެއް ފޯރުކޮށްދެމުން ދާއިރު، ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި ރައްކާތެރިކަމާ އެކު ފައިސާ ރައްކާކުރުމުގެ އިތުރުން، އެ ބޭންކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ބޭންކުގެ ހިދުމަތް ފުޅާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ