ކުރީ ސަރުކާރުގެ ވެރިން ޖަލަށް ނުލާ އެ ތިބީ ނުފޫޒު ނުފޯރުވާތީ: އިހުސާން

މިދިޔަ ސަރުކާރުގެ ސިޔާސީ އިސް ބޭފުޅުން ޖަލަށް ނުލާ މިނިވަންކޮށް އެ ތިއްބެވީ، ފުލުހުންގެ މުއައްސަސާއަށް އޭނާ ނުފޫޒު ނުފޯރުވާތީ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުސާން އެގޮތަށް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވަމުންނެވެ.
ތަފްސީލު - އެމްޑީޕީން ހުށަހެޅި މައްސަލައިގައި އެއް ކަމަކަށް ފާހަގަކޮށްފައި އޮތީ އިހުސާންގެ މިިނިސްޓްރީގެ ދަށުގައި އޮންނަ ފުލުހުންގެ މުއައްސަސާއަށް އޭނާ ސިޔާސީ ނުފޫޒު ފޯރުވާ ކަމަށެވެ.
އެ ތުހުމަތަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ އެއީ ވަރަށް "ތާކުންތާކު ނުޖެހޭ ވާހަކައެއް" ކަމަށެވެ. 
"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާ ނަމަ، މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭފުޅުން މިހާރު ވެސް މިނިވަންކަމާ އެކު އެ ތިބީ،" އިހުސާން ވިދާޅުވި އެވެ.
"ކަމެއް ގޯސްކޮށް ނުކޮށްގެން ނޫން އެ ވެރިން މިނިވަންކޮށް އެ [ތިބީ]. ދައުލަތުން އެ ތަހުގީގުތައް ކުރޭ. އެ ދާ ސްޕީޑްގައި ދަނީ. ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ތެރެއިން އެކަން ކުރާނީ. ސީޔާސީ ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފޯރާކަށް ނުވެސް ޖެހޭ."
އެމްޑީޕީގެ މައްސަލައިގައި ތުހަމަތުކޮށްފައިވާ ގޮތުގައި މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކަށް ތުހުމަތުވާ މައްސަލަކުގެ ތަހުގީގުތަކަށް ވެސް އިހުސާން ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ. އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ:
ކަރެކްޝަންސް، އިމިގްރޭޝަން، ކަސްޓަމްސް، އެޗްޑީސީ، އެފްއެސްއެމް އަދި ހައުސިން މިނިސްޓްރީއާ ގުޅުން ހުރި މައްސަލަތަކުގެ ތަގީގުތައް މިހާރު ވެސް ފުލުހުން ކުރަމުން އެބަގެންދޭ
"މިއީ ސަރުކާރުގެ މުއައްސަސާތަކޭ، ސަރުކާރަށް ނިސްބަތްވާ މީހުން މިތަންތާ ތިބީ. މި މައްސަލަތަކަށް ހުރަސް އަޅާ ނަމަ، މިއިން އެއްވެސް މައްސަލައެއް ނުހިނގާނެ ނޫންތޯ؟" 
ފާހަގަކޮށްލެވޭ - އެ ތަންތަނުގެ ވެރިންނަށް ހިޔާނާތުގެ ތުހުމަތު އަމާޒުވާ މައްސަލަތަކުގެ ތަހުގީގުތައް ފުލުހުން ފެށިތާ އެތައް ދުވަހެއް ވީއިރު، އަދި މިހާތަނަށް އެ ތަހުގީގުގެ އަޕްޑޭޓެއް ފުލުހުންގެ މުއައްސަސާއިން ހިއްސާކޮށްފައެއް ނުވެ އެވެ. އޭގެ ތެރެއިން ނިމުނު ތަހުގީގެއް ވެސް ނެތެވެ.
"މިދިޔަ ފަސް އަހަރު ކިތައް ތަނުގެ ތަންތަންތޯ ހިނގައިދިޔައީ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މިދިޔަ ފަސް އަހަރު ހިނގާފައިވާ މައްސަލަތައް. މި މައްސަލަތައް ބަރާބަރަށް ތަހުގީގު ކުރަމުންދޭ. ތިބޭފުޅުން ބުނަނީ ތަހުގީގު ނުކުރޭ،" އިހުސާން އޭނާގެ ދިފާއުގައި އިތުރަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ