މެންބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ކޯޓުގައި އެދިއްޖެ

ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލައި އެފަދަ އެއްވެސް އިޖުރާތެއް ކުރިއަށް ނުގެންދަން އަމުރުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ގާނޫނުއަސާސީގައި ބަޔާންކުރާ މަޖިލީހުގެ މެންބަރުގެ ގޮނޑި ގެއްލޭ ހާލަތްތަކަށް އިތުރުކުރި ބައިތައް ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. ވަގުތީ އަމުރަށް ވެސް އެދިވަޑައިގަތީ އޭނާ އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑު ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅައިފިން،" އަލީ 'އެކްސް'ގައި ޕޯސްޓްކުރެއްވި އެވެ.
ފާހަގަކޮށްލެވޭ - މީގެ އިތުރަށް ވެސް ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނިމެންދެން ފަނޑިޔާރަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރެއް ނެރުމަށް ވެސް އަލީގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވެ އެވެ. އެ ކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އެނގުން މުހިންމު - މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ނެތް ކަމަށް ދައުލަތުން އިޖުރާއީ އިއުތިރާޒެއް ހުށަހެޅި ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެއާ މެދު ފަހުން ގޮތެއް ނިންމާ ގޮތަށް، މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
މި ގޮތަށް ކޯޓުން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ބިލު ހުށަހެޅުއްވި ނަމަވެސް ޕީއެންސީގެ ލީޑާޝިޕުން ވަނީ އެ ބިލަށް މެންބަރުން ތާއީދުކުރުމަށް އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ