ބްރެޒިލްގެ ކޯޗު ކަމާ އެންޗެލޯޓީ ހަވާލުވާކަން ޔަގީން ވެއްޖެ

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ ކޯޗު އަދި ކްލަބް ފުޓްބޯޅައިގަައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކޯޗު ކަމަށްވާ, ކާލޯ އެންޗެލޯޓީ މި ސީޒަން ނިމުމުން ރެއާލްއިން ވަކިވެ ބްރެޒިލް ޤައުމީ ޓީމުގެ ކޯޗު ކަމާ ހަވާލުވާން ނިންމައިފިއެވެ. އިޓަލީވިލާތަށް އުފަން, އުމުރުން 65 އަހަރުގެ އެންޗެލޯޓީ, ބްރެޒިލްގެ ކޯޗު ކަމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ ރެއާލް ދޫކޮށްދާއިރު އޭނާއަކީ އެ ކްލަބް ދުށް އެންމެ ކާމިޔާބު އެއް ކޯޗެވެ. އެންޗެލޯޓީ ވަނީ ރެއާލްއަށް ދެފަހަރެއްގެ މަތިން ކޯޗުކޮށްދީ 15 ތަށި އެ ކްލަބަށް ހޯދާދީފައެވެ. އަދި މިދިޔަ ސީޒަންގައި ރެއާލް އިން ވަނީ ލަލީގާގެ ޗެމްޕިއަންކަމުގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށިވެސް އުފުލާލައިފައެވެ. ނަމަވެސް މި ސީޒަންގައި ރެއާލްއަށް އެ ޓީމުން މިދިޔަ ސީޒަންގައި ދެއްކި ކުޅުންވަނީ ތަކުރާރު ކުރެވޭގޮތް ނުވެފައެވެ. މިގޮތުން އެންމެ ވާދަވެރި އެފްސީ ބާސެލޯނާ އަތުން ޖެހިޖެހިގެން ހަތަރު ފަހަރު ވަނީ މިސީޒަންގައި ބަލިވެފައެވެ. އަދި ލީގުގައި މިހާރު އުޅެނީ ބާސާއަށް ވުރެ ހަތް ޕޮއިންޓް ފަހަތުން ތާވަލްގެ ދެވަނައިގައެވެ. ބްރެޒިލް ފުޓްބޯލް ފެޑެރޭޝަން، ސީބީއެފްއިން އާންމުކުރި ސްޓޭޓްމަންޓެއްގައި ވަނީ އެންޗެލޯޓީ އަކީ ފުޓްބޯލައިގެ ލެޖެންޑްއެއްގެގޮތުގައި ފާހަގަ ކޮށްފައެވެ. އަދި އެ ފެންވަރުގެ ކޯޗެއް ބްރެޒިލްގެ ކޯޗު ކަމާ ހަވާލުވާން ތައްޔާރު ވަމުންދާތީ އެކަމުގެ މުހިންމުކަން އެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. މި ގޮތުން ތާރީހީ މުނާސަބަތާއެކު އެކުވެގެން މި ދަނީ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗާއި ޤައުމުކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ. އެއީ ފީފާ ވޯލްޑް ކަޕް ފަސް ފަހަރަށް ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޤައުމާއި ޔޫރަޕް ދުށް އެންމެ ފާހަގަ ކޮށްލެވޭ ކޯޗުގެ ގުޅުމެވެ. އަދި މިގޮތުން ސީބީއެފްއިން ވަނީ އެންޗެލޯޓީއަށް ވަރަށް ހޫނު މަރްހަބާއެއް ކިޔާ އޭނާގެ ކޯޗު ކަމުގެ ދަށުން ބްރެޒިލްއަށް ކާމިޔާބީގެ އާ މުސްތަގްބަލެއް ބިނާކުރެވިގެންދާނެކަމަށް އުންމީދު ކުރާކަން ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ސީބީއެފްއިން ވަނީ އެންޗެލޯޓީ ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުމުން މިނިވަން ކޮށްދިނުމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވީ އެހީތެރިކަމާއި މިކަން ކޮށްދިނުމުގައި ބްރެޒިލްގެ ވިޔަފާރި ވެރިޔާ ޑިއެގޯ ފެނާންޑޭޒް ކުޅުނު ދައުރަށް ޝުކުރު އަދާކޮށްފައެވެ. ރެއާލް އާއެކު އެންޗެލޯޓީ ހަދާފައިވާ އެއްބަސްވުން ހަމަވުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބްރެޒިލްގެ ކޯޗު ކަމާ އެންޗެލޯޓީ ހަވާލުވުމަށް ތައްޔާރު ވަމުންދާއިރު ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗު މަގާމުވަނީ މި އަހަރުގެ މާޗް މަހު ޑޮރިވާލް ޖޫނިއާ މަގާމުން ވަކިކުރިފަހުން ހުސްކޮށެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަތުން ހަތަރު ލަނޑު އެއް ލަނޑުން ބަލިވި މެޗަށް ފަހުއެވެ. ބްރެޒިލް މިހާރު އުޅެނީ ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާ ސަރަހައްދުގެ ހަތަރު ވަނައިގައެވެ. އެއީ ކުޅުނު 14 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވުމާއެކުއެވެ. ނަމަވެސް މިއާއެކުވެސް ބްރެޒިލް މި އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުގެ ބިރެއް ނެތެވެ. ބްރެޒިލްއަށް އެންމެ ފަހުން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައިވަނީ 2002 ވަނަ އަހަރު އެވެ. އަދި ކޮޕާ އެމެރިކާ މުބާރާތް އެންމެ ފަހުން ކާމިޔާބު ކުރެވިފައިވަނީ 2019 ވަނަ އަހަރުއެވެ. ކޯޗެއްގެގޮތުގައި އެންޗެލޯޓީ ހޭދަކޮށްފައިވާ 30 އަހަރުގެ ތެރޭގައި އޭނާވަނީ ރެއާލްގެ އިތުރުން ޔޫރަޕްގެ ބޮޑެތި ކްލަބްތައް ކަމަށްވާ ޔުވެންޓަސް، އޭސީ މިލާން، ޕެރިސް ސެއިންޓް ޖާމެއިން، ޗެލްސީ އަދި ބަޔޭން މިޔުނިކްގެ ކޯޗުކަން ކޮށްފައެވެ. އަދި އޭނާ ވަނީ އިޓާލިއަން ސެރިއާ، ސްޕެނިޝް ލަލީގާ، ފްރެންޗް ލީގް އާން، ޖަރުމަނު ބުންޑެސްލީގާގެ އިތުރުން އިންގްލިޝް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ