ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޕާޓީން ރޭ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ އިސް ބޭފުޅަކު ސަންގު ޓީވީގެ ނޫސްވެރިޔާ ފާތުމަތު މަދަދާއަށް ފުރައްސާރަކޮށްފައި ވަނިކޮށް، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް އެކި ޕްލެޓްފޯމުތަކުގައި އިންޒާރު ދިނުމާއި ފުރައްސާރަކުރުމުގެ ކަންބޮޑުވުންތައް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެފަދަ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު ބުނެފި އެވެ.
މައްސަލައިގެ ފެށުން - ނޫސްވެރިންނަށް ގަނާ ކުރުން ކުށްވެރިކޮށް އެމްއެމްސީން ބަޔާނެއް ނެރެފައިވަނީ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީންގެ ހާޒިރުގައި މަދަދާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައި ވަނިކޮށެެވެ. ޕާޓީއެއްގެ ޖަލްސާގައި އެފަދަ ގޮތަކަށް ވާހަކަ ދެއްކުން ނޫސްވެރިން ވެސް އަންނަނީ ކުށްވެރިކުރަމުންނެވެ.
ވީ ކިހިނެއް؟ - އެމްއެމްސީން ބުނީ ހާއްސަކޮށް ވަކި ޖިންސަކަށް އަމާޒުކޮށް ދޭ އެފަދަ ފިނޑި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ބުނީ ކީކޭ؟ - ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަށް ގަނާ ކުރުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަށަށް ގޮސްދާނެ ފަދަ އަމަލެއް ކަމަށް ވެސް އެމްއެމްސީން ބުންޏެވެ.
އެ ކައުންސިލުން ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރާއިރު ޒާތީ ތައައްސަބުން އެއްކިބާވެ، ޒިންމާދާރުކަމާ އެކު އެ މިނިވަންކަމުގެ ބޭނުން ހިފުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން:
ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ މީހުން އަދި އެކި ބާވަތްތަކުގެ އަމަލުތައް ތަހައްމަލުކުރަމުންދާ މީހުން އެފަދަ ކަންކަމަށް އަނބުރާ ހުށަހެޅޭ ގޮތަށް ހަބަރާއި ފޮޓޯ އަދި ވީޑިއޯ އާންމު ނުކުރަން ވެސް އެ ކައުންސިލުން އިލްތިމާސްކުރި
އެއްވުންތަކުގެ ކަވަރޭޖު ގެނައުމުގައި އާންމު އަހުލާގީ މިންގަނޑުތަކާ ހިލާފަށް ކޮންޓެންޓު ގެނައުމާއި ދޮގު މައުލޫމާތު އަދި އޮޅުވާލައިގެން ރުޅިވެރިކަން އުފެދޭ މައުލޫމާތު އާންމު ނުކުރަން އެދުނު
އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންނާއި މީޑިއާތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަވެފައިވާ ކަމަށް އެމްއެމްސީން ބުނި؛ އެ ކައުންސިލުން ވަނީ އެފަދަ ކަންތައް ތަކުރާރު ނުކުރަން އިލްތިމާސްކޮށްފައި
ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަކުރުން އެމްއެމްސީން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ