ހޭނެތިފައި އޮއްވާ ފެނުނު އަންހެންމީހާ ފަރުވާއަށްފަހު ދޫކޮށްލައިފި، ފުލުހުންނަށް މައްސަލައެއް ނުފެނުނު
އިއްޔެ ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރަކުން މީހަކު ހަޅޭއްލަވާތީ ފުލުހުން ބެލިއިރު، ޚަބަރު ހުސްވެފައި އޮއްވާ ފެނުނު އަންހެންމީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު ދޫކޮށްލައިފިއެވެ. މި މައްސަލައާއި ގުޅިގެން "ސަން"އިން މިއަދު ސުވާލުކުރުމުން ފުލުހުން ބުނީ، އެ އަންހެން މީހާއަށް ފަރުވާ ދިނުމަށްފަހު އިއްޔެ ހުޅުމާލޭ ހޮސްޕިޓަލުން ޑިސްޗާޖުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގަން ނުޖެހޭ ކަމަށް ނިންމައި ޖިނާއީ ތަހުގީގެއް މިހާރު ކުރިއަށް ނުގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެ އަންހެންމީހާއަށް ވީ ކީއް ކަމެއް ނުވަތަ ހޭނެތެން މެދުވެރިވީ ކީއްވެ ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން އިއްޔެ ފުލުހުން ބުނީ، އިއްޔެގެ ހެނދުނު 06:05 ހާއިރު ވިނަރެސް ޓަވަރެއްގެ އެޕާޓްމަންޓަކުން އަންހެނަކު ހަޅޭއްލަވާ އަޑަށް ފުލުހުން ވަގުތުން އެޓެންޑުވި ކަމަށެވެ. https://sun.mv/205321 އަދި އެ ގެއަށް ވަދެ، ވީނުވީ ބެލިއިރު 21 އަހަރުގެ އަންހެނަކު ޚަބަރު ހުސްވެެފައި އޮއްވައި ފެނުނު ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. އެއާއެކު އެ އަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާ ދިންކަމަށް ވެސް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. މި ފަހުން ވަނީ މި މަހުގެ 18 ވަނަ ދުވަހުވެސް އުމުރުން 21 އަހަރުގެ އަންހެނަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވާ މައްސަލއެއް ފެންމަތިވެފައެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ