ދުންފަތް ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކަކާއެކު ޤަވާއިދު އާންމުކޮށްފި

ދުންފަތް ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކަކާއެކު "ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤަވާއިދު" ޞިއްޙަތާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ. މި ޤަވާއިދު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި ޤަވާއިދު އެކުލަވާލުމުގެ މަޤްޞަދުތަކުގެ ތެރޭގައި ދުންފަތަކީ އެންމެ ވިހަގަދަ މާއްދާތަކުގެ ތެރޭގައި ހިމެނޭ އަދި އޭގެ ރައްކާތެރިކަން ވަކި މިންވަރެއް ކަނޑައެޅިފައިނުވާ ވިހައެއްކަމަށް ވެފައި، ދުންފަތުގެ ސަބަބުން ފުރާނައަށް ނުރައްކާތެރި ބަލިތައް ޖެހޭތީ، މި ވިހައިން މުޖުތަމަޢު ރައްކާތެރިކުރުމެވެ. އަދި އާންމު ޞިއްޙަތު ރައްކާތެރިކޮށް ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން އާންމު ތަންތަނާއި ވަޒީފާގެ މާޙައުލުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ އަދި ދުންފަތުގެ ދުމުން ރައްކާތެރި މާޙައުލުތަކަށް ހެދުމާއި، ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް އެކަން ހުއްޓައިލުމަށް މަގުފަހިކުރުމަކީވެސް މި ޤަވާއިދުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގައި ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ވަނީ ކަނޑައަޅާފައެވެ. އަދި ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތުކުރުމަށް ދޫކުރެވޭ ހުއްދައިގެ ބާވަތްތަކާއި، އެ ހުއްދަތައް ދޫކުރެވޭ ގޮތާއި، ބާޠިލުކުރެވޭ ގޮތާއި، ހުއްދައާ ގުޅޭ އުސޫލުތައް މި ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.
މި ޤަވާއިދުގައި ވާގޮތުން މިސްކިތްތަކާއި ސްކޫލްތަކާއި، އިޖުތިމާޢީ ތަންތަނާއި، އާންމު ޚިދުމަތްދޭ ތަންތަނާއި، އާންމު ހަރަކާތްތައް ހިންގާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ. އަދި ދައުލަތުގެ އެންމެހައި އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ޤާނޫނީ ޝަޚްޞުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރުގެ ރަސްމީ ޒިންމާތައް އަދާކުރާ އެންމެހާ ތަންތަނާއި ގޯތިތަކާއި، އެ ތަންތަނުގެ އިމާރާތްތަކާއި އިމާރާތުން ބޭރަށް ނެރެފައި ހުންނަ ބެލްކަނި ތަކާއި އެ ތަންތަނުގެ ދޮރުމަތީގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ.
ހަމައެހެންމެ އާންމު ދަތުރުފަތުރުކުރާ އެންމެހައި އުޅަނދުފަހަރާއި ތަންތަނާއި، ޙަފުލާތައް ބާއްވާ ތަންތަނާއި، ކުޅިވަރާއި، ކަސްރަތާއި، މުނިފޫހިފިލުވުމާއި، ހިތްފަސޭހަކުރުމަށް މީހުން ވަދެނުކުމެއުޅޭ ތަންތަނުގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފައެވެ.
ދުންފަތުގެ ދުމުން ރައްކާތެރި ތަންތަނުގައި އާންމުންނާއި އެހެން ފަރާތްތަކަށް ނުރައްކަލެއް ނުވާ ގޮތެއްގައި، އަދި ދުންފަތުގެ އިސްތިއުމާލުކުރުން އިސްތިހާރުނުވާ ގޮތަށް ސްމޯކިންގ ރޫމް ނުވަތަ ސްމޯކިންގ އޭރިއާތައް ހެދުމުގައިވެސް ޢަމަލުކުރަންޖެހޭ އުޞޫލުތައް އަލަށް އެކުލަވާލި ޤަވާއިދުގައި ވަނީ ހިމަނާފައެވެ.
މި ޤަވާއިދުގައިވާގޮތުން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި މުޢާމަލާތުކުރާ ފަރާތްތަކުން ވިޔަފާރިކުރުމަށް މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަކި ހުއްދައެއް ހޯދަންޖެހެއެވެ. އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި، 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ލައްވައި ދުންފަތުގެ ބާވަތްތައް ވިއްކުމާއި ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ދުންފަތުގެ ބާވަތްތައް ބަންދުކުރުމަކީވެސް މި ޤަވާއިދުގެ ދަށުން މަނާކަމެކެވެ.
މި ޤަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނ،ީ ޞިއްޙަތާބެހޭ ވުޒާރާއިން ދޫކުރާ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރ-ީއެކްސްޕޯޓްކުރުމުގެ ލައިސަންސް ނުވަތަ ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ. ޞިއްޙަތާ ބެހޭ ވުޒާރާގެ ޤަވާއިދުގައި ދުންފަތާއި ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި ޕްރޮމޯޓުކުރުމާއި ސްޕޮންސަރކުރުން ކަމުގައި ބެލެވޭނެ ކަންކަންވެސް ހިމަނާފައިވެއެވެ. އަދި އެއިން އެއްވެސްކަމެއް ކުރުމަކީވެސް މަނާކަމެއްގެގޮތުގައި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި، ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ޕެކެޓްކޮށް ލޭބަލްކޮށްފައި ހުންނަންޖެހޭނެގޮތުގެ ތަފްޞީލުވެސް މި ޤަވާއިދުގައި ހިމަނާފައިވެއެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ ދޭތެރޭ އެޅޭނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތުކުރުމުގައި ކަނޑައަޅައިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާއި، ވަގު ވިޔަފާރިކުރާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާއި، ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތަކުން މުޢާމަލާތުކުރުމުން އެޅޭނެ ފިޔަވަޅުތައް ހިމަނާފައިވެއެވެ. އަދި ޤަވާއިދާ ޚިލާފަށް އިސްތިހާރުކުރާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، ޕެކެޓްކޮށް ލޭބަލްކުރުމާ ގުޅޭ އުސޫލުތަކާ ޚިލާފުވުމުން އެޅޭނެ ފިޔަވަޅުތަކުގެ ތަފްޞީލުވެސް މި ޤަވާއިދުގައި ހިމަނާފައިވެއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ޤަވާއިދު ޝާޢިއުކުރާ ތާރީޚުން ފެށިގެން އަމަލުކުރަން ފަށާއިރު، މި ޤަވާއިދާއެކު މިހާރު އަމަލުކުރަމުންދާ ބައެއް ޤަވާއިދުތައް އުވިގެންދާނެއެވެ. އޭގެ ތެރޭގައި 2012 ވަނަ އަހަރު އެކުލަވާލި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު، 2019 ވަނަ އަހަރު ވުޖޫދުވި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދާއި މި 2 ޤަވާއިދާ ގުޅިގެން ގެނެސްފައިވާ އިސްލާޙުތައް ވަނީ އުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ