ސުޕްރީމް ކޯޓު ފަނޑިޔާރެއްގެ މައްސަލައެއް ނުބަލަން: ފުލުހުން ސުޕްރީމް ކޯޓު ފަނޑިޔާރެއްގެ މައްސަލައެއް ނުބަލަން: ފުލުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި އެހެން ސިޔާސީ މީހުން ތުހުމަތުކުރި ނަމަވެސް, އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލަމުން ނުދާ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި އެ ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި އެކަން އެ ޕާޓީން ކުށްވެރިކޮށްފަ އެވެ.
އެމްޑީޕީން މި ތުހުމަތުތައް ސަރުކާރަށް އަމާޒުކުރީ, މި މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނަމުންނެވެ.
މިހެން ނަމަވެސް "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް "އަދި ނެތް" ކަމަށެވެ.
އެމްޑީޕީގެ އިތުރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވެސް ވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް ގޮވާލައިފަ އެވެ.
އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުން ކޮށްގެން ސުޕްރީމް ކޯޓުގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް އަރައިނުގަތުމަށް ގޮވައިލާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެގޮތަށް ތުހުމަތު ކުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވިދާޅުވެފައި ވަނީ ޝަރުއީ ކޯޓުތަކަށް އެމަނިކުފާނު ނުފޫޒު ނުފޯރުވާނެ ކަމަށެވެ. ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަކީ ރައީސް މުއިްއޒުގެ ރިޔާސީ ވައުދުފުޅެއް ވެސްމެ އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ފެބްރުއަރީ 17، ގެ ހެނދުނު 11:00 އަށެވެ. މި މައްސަލަ ބައްލަވާނީ ހަތް ފަނޑިޔާރުންގެ ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާ ހިލާފު ކަމަށެވެ.
ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ވެސް އެ އިސްލާހު ހިލާފު ކަމަށް އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށެވެ.
އެ ސަބަބުތައް އެހެން ހުރުމުން ސުޕްރީމް ކޯޓަށް އަލީ ހުސެއިން ހުށަހަޅާފައި ވަނީ ގާނުނުއަސާސީއަށް ގެނައި އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ އިސްލާހަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހިނގާނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް ގެނައި ބަދަލުގެ ތެރޭގައި ގާނޫނުއަސާސީގެ 73 އަށް ގެނައި ބަދަލާއެކު އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ