ހައްޖަށް ދާން ޖަހާ ވެކްސިނާއި ބޭސް ސަރުކާރުން ހިލޭ ދެނީ

ދިވެހިން ހައްޖަށް ދާން ޖަހާ ވެކްސިން ކުރިއަށް އޮތް ތަނުގައި ހިލޭ ދޫކޮށް، ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށް ފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރައީސް އޮފީހުގެ ވެބްސައިޓްގައި މިރޭ ޝާއިއުކުރި ލިޔުމެއްގައިވާ ގޮތުން ރައީސް އެކަން ނިންމެވީ މިއަދު ހަވީރު މައްކާގައި ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ހައްޖަށް ދާން ޖަހާ ވެކްސިން ސަރުކާރުން ހިލޭ ދޫކުރުމުގެ އިތުރަށް އެ މީހެއްގެ ރަށުގައި ތިބެގެން ޖެހޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށެވެ.
ރާއްޖޭގެ ކޮންމެ ރަށަކުން ވެސް، ހައްޖަށް ދާއިރު ބޭނުންވާ އެހެން ސިއްހީ ކަންކަން ވެސް ލިބޭނެ ގޮތް ހަމަޖައްސައި ހިލޭ ލިބޭނެ ކަމަށް އެ މަނިިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ:
މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވޭ
ދިވެހި ޙައްޖުވެރިން މިނާގައި ތިބުން ވެސް 'އަޕްގްރޭޑް'ކޮށް ހިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވޭ
ދިވެހިންނަށް ހާއްޞަ ކްލިނިކެއް ވެސް ސައުދީގައި ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ލިބުނު
މިހުރިހާ ކަމަކަށްޓަކައި ދިވެހި ހައްޖާޖީންގެ ފަރާތްޕުޅުން ސައުދީ ރަސްގެފާނަށާއި ވަލީއަހުދަށް ރައީސް ޝުކުރު އަދާކުރެއްވި
އެނގުން މުހިއްމު - ރާއްޖެއަށް ލިބިފައިވާ 1،000 ކޯޓާގެ ދަށުން މި އަހަރު ހައްޖަށް ދާ އެންމެން ވެސް މިހާރު ތިބީ މައްކާގަ އެވެ. އެހެން އަހަރުތަކާ ހިލާފަށް، މި އަހަރު ދިވެހި ހައްޖުވެރިންނަށް، 'މައްކާ ރޫޓް އިނީޝިއޭޓިވް'ގެ ދަށުން ގިނަ ލުއިތަކެއް ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ