ގާނޫނީ ވަކީލު އަދި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދަށް ވަޅިން ހަމަލާ ދޭންވީތޯ ސުވާލުކޮށް ސޯޝަލް މީޑިއާގައި މީހަކު އޭނާއަށް އިންޒާރު ދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ރޫހު އަލީ'ގެ ނަމުގައި ހަދާފައިވާ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި މަހްފޫޒު ޓެގްކުރުމަށް ފަހު ލިޔެފައިވަނީ "ވަޅިއެއް ޖަހަންވީތަ؟" މި ގޮތަށެވެ.
އެ ޕޯސްޓްގެ ސްކްރީންޝޮޓެއް ހިއްސާކޮށް މަހްފޫޒު ވެސް ޕޯސްޓެއް ކުރެއްވި އެވެ.
ބުނީ ކީކޭ؟ - "ތިޔަ ފަދަ މުހިންމު ކަމެއްގައި އަޅުގަނޑުގެ މަޝްވަރާއަކަށް ދުރާލާ އެދިވަޑައިގެންނެވީތީ ވަރަށް އުފާވެއްޖެ. ތިޔަ ބާވަތުގެ ކަމެއް ކުރައްވަން ޖެހޭ ޖާއިޒް އެއްވެސް ސަބަބެއް ވެސް ނެތުމާއެކު އަޅުގަނޑަށް ފެންނަނީ އަދި އެދެނީވެސް ތިކަހަލަ އެއްވެސް ކަމެއް ހަމަ އެއް ގޮތަކަށް ވެސް ނުކުރެއްވުން،" މަހްފޫޒުގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
ފުލުހުންގެ ބަސް - ފުލުހުން ރޭ ބުނީ "ގާނޫނި ވަކީލު މަހްފޫޒު ސައީދަށް އިންޒާރު ދީފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" ކަމަށެވެ.
އެނގުން މުހިންމު - ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތްކުރެއްވި މަހްފޫޒަށް މީގެ ކުރިން ނުރައްކާތެރި ހަމަލާއެއް ދީފައިވެ އެވެ. އެގޮތުން:
މަހުފޫޒުގެ ބޮލަށް ވަޅިން ހަމަލާ ދިނީ ސެޕްޓެމްބަރު 2015ގައި، މާލޭ މަގެއްގެ މަތީގައި ސައިކަލެއް މަތީ އިށީނދެގެން އިންދައި
އެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރި
ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާކުރީ ރ. އިނގުރައިދޫ/ކަރަންކާގެ ހުސެއިން ޝަފްރާޒް އިބްރާހިމް އާއި ހުޅުމާލެ ލޮޓް ނަމްބަރު 11270 އަހުމަދު ރާއިދަށް
ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ދައުވާކުރީ ހ. ސެނާ ހާލިދު ނާފިއުގެ އާއި ދަފްތަރު ނަމްބަރު 6201 ފިރާޒް ޖައުފަރަށް
ކްރިމިނަލް ކޯޓުގައި މި ދައުވާތައް ސާބިތު ނުވާ ކަމަށް ޑިސެމްބަރު 2022ގައި ހުކުމްކުރި
މި ފަހުން ސުޕްރީމް ކޯޓުގައި ހިނގި އެންމެ ފާހަގަކޮށްލެވޭ ދުސްތޫރީ މައްސަލަތަކުގައި ވެސް މަހްފޫޒު ވަކާލާތުކުރައްވާފައިވެ އެވެ. އެގޮތުން:
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އޭރު ޖަލު ހުކުމެއް ދެމިއޮތުމުން އެ މަނިކުފާނަށް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި މައްސަލާގައި ސުޕްރީމް ކޯޓުގައި އެ ކޮމިޝަން ތަމްސީލްކުރެއްވި ވަކީލަކީ މަހްފޫޒު
ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ކުރީގެ މެންބަރު އަދި ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ވެސް އަލީއާއެކު އޭނާގެ ވަކީލެއްގެ ގޮތުގައި މަހްފޫޒު ވަކާލާތުކުރައްވާފައިވޭ
ގާނޫނީ ވަކީލު މަހްފޫޒަށް އިންޒާރު ދިން މައްސަލަ ފުލުހުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ