ޓެލެވިޒަން ސީރީސް 'ސީއައިޑީ'އިން ވަކިވާން ނޫޅޭކަމަށް ޝިވާޖީ ބުނެފި
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސޮނީ އެންޓަޓެއިންމެންޓްގެ މަގުބޫލު ސީރީސް "ސީއައިޑީ"ގައި ކުޅޭ އޭސީޕީ ޕްރަދިއުމަންގެ ރޯލްއިން ވަކިވާން ނޫޅޭ ކަމަށް އެކްޓަރު ޝިވާޖީ ސަތަމް ބުނެފިއެވެ. ވަރަށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އޭސީޕީގެ ރޯލް ކުޅޭ ކެރެކްޓާއަށް ކުރިއަށްހުރި އެޕިސޯޑުތަކުގައި ވަރަށް އެހެންކަހަލަ ކަންތައްތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ބައެއް ބެލުންތެރިން ވަނީ ބުނެފައެވެ. އެހެންކަމުން އޭސީޕީގެ ރޯލް ކުޅޭ ޝިވާޖީ މި ސީރީސްއިން ވަކިވަނީތޯ ވަރަށް ގިނަބަޔަކު ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް ޝިވާޖީ ބުނެފައި ވަނީ އޭނާގެ ރޯލް ކުޅޭ ކެރެކްޓާ އެ ސީރީސްއިން ވަކިވާ ކަމުގެ މައުލޫމާތު މިހާތަނަށް އެއްވެ ގޮތަކަށް އެނގިފައި ނުވާ ކަމަށާއި އެ ސީރީސްގެ ކުރިމަގާ މެދު އެއްޗެއް ބުނަންވެސް ނޭނގޭކަމަށެވެ. 'ސީއައިޑީ'ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ ޝިވާޖީ އިތުރަށް ބުނެފައި ވަނީ "ސީއައިޑީ"ގެ ކުރިއަށްހުރި އެޕިސޯޑުތަކުގެ ޝޫޓިންގް ކުރިއަށްދާ ޝެޑިއުލްއާ ބެހޭ މައުލޫމާތު ޕްރޮޑަކްޝަން ހައުސްއިން ހިއްސާކޮށްފައި ނުވާތީ އާ އެޕިސޯޑުތަކުގެ މަސައްކަތް ފެށޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށެވެ. މިހާރު ނެޓްފްލިކްސް މެދުވެރިކޮށް ވެސް ސްޓްރީމްކޮށްލެވޭ "ސީއައިޑީ"ގައި ޝިވާޖީ ކުޅޭ އޭސީޕީ ޕްރަދިއުމަންގެ ރޯލަކީ އެ ސީރީސްގެ އެންމެ މަގުބޫލު ރޯލެވެ. މި ސީރީސްގެ ފުރަތަމަ ސީޒަން ނިމުމަށްފަހު ގިނަދުވަސްތަކެއް ވަންދެން "ސީއައިޑީ" ބެލުންތެރިންނަށް ނުގެނެސްދީ އޮތުމަށްފަހު މީގެ ދެވަނަ ސީޒަން ރިލީޒްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައެވެ. މި ސީރީސްގެ އެޕިސޯޑުތައް ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ