މިނިސްޓަރު ޝަފީއު އެދިވަޑައިގަތީ ތައުލީމު ދިނުމުގައި ސްކޫލުތައް ވާދަވެރި ނުވަން

ތައުލީމަކީ ވާދަވެރި މުބާރާތަކަށް ހަދައި ތައުލީމު ދިނުމުގައި ސްކޫލުތައް ވާދަވެރިނުވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ޝަފީއު މިހެން ވިދާޅުވީ މިއަދު އާ އަހަރުގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީންނާއި ސްކޫލުތަކުން ވެފައިވާ ތައްޔާރީތަކާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ޝަފީއު ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިން ކުރަމުންދާން ޖެހޭނެ މަސައްކަތަކީ އެއް ސްކޫލު އަނެއް ސްކޫލުގެ މައްޗަށް ވާދަވެރިވުމެއް ނޫން ކަމަށެވެ. އެ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދަނީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދީނާ ގައުމުދެކެ ލޯބިވާ އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމެއް ބިނާކުރެވޭނެފަދަ މީހެއް ބިނާކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ:
އެ މަސައްކަތަކީ ސްކޫލުތައް މެދުވެރިކޮށް ޓީޗަރުން ލައްވައި އެކަނި ކުރުވޭނެ މަސައްކަތެއް ނޫން 
އެކަމުގައި މުޅި މުޖުތަމައު ބައިވެރިވާން ޖެހޭ 
އެފަދަ ކުއްޖަކު ބިނާކުރެވޭނީ ކުލުނާއި ލޯތްބާއި އަޅާލުމާއި އިހުތިރާމު ވެސް ކޮށްގެން 
"އަޅުގަނޑު ފަހު ބަހެއްގެ ގޮތުގައި ދަންނަވާލަން ބޭނުންވަނީ ތައުލީމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާ މުބާރާތެއް ނޫނޭ. އެއްކަލަ އެކަކު ވައްޓާލާފައި އެއް ސްކޫލު ބަލިކޮށްފައި އަނެއް ރަށް ފަހަތަށް ޖައްސައިގެން އެގޮތަށް ގެންދާ ކަމެއް ނޫނޭ،" ޝަފީއު ވިދާޅުވި އެވެ.
މިހާތަނަށް އައިރު ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތުން މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ތައުލީމީ ނިޒާމު މިހާރު ވަރަށް ރަނގަޅަށް ގާއިމުވެފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ. މީގެ 20 ނުވަތަ 30 އަހަރު ކުރިއަށް ގޮސް ބަލާއިރު މާލެއިން އެކަނި ރަނގަޅު ތައުލީމެއް ލިބޭނެ ކަމަށް އޮތްއޮތުން މިހާރު ބަދަލުވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ތައުލީމާ ތަޖުރިބާ ލިބިފައިވާ ފެންވަރު ރަނގަޅު އެތަށް ޓީޗަރުންނެެއް އަތޮޅުތެރޭގެ ސްކޫލުތަކުގައި މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ރަށްރަށުގެ ސްކޫލުތަކުގެ ނަތީޖާތައް މާލެއަށް ވަކި ދުލެއް ނުކުރޭ. ބައެއް ރަށްރަށުގައި ނަތީޖާ މާ ރަނގަޅު. ދަރިވަރުންނަށް މާ ރަނގަޅު ތައުލީމާއި މާ ރަނގަޅު، މާ އުފާވެރި ތައުލީމު ފޯރުކޮށްދެވޭ މާހައުލެއް ވެސް އަތޮޅުތެރޭގެ ސްކޫލުތަކުގައި މިހާރު ގާއިމުވެފައި އެބަހުރި،" ޝަފީއު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ