ކަނޑައަޅަން ފެންނަ ކެރީން ކެޕޭސިޓީއަށްވުރެ މާލޭގައި 30،000 އުޅަނދު އިތުރު: ދިރާސާ
މާލޭ ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވަމުން އަންނަ ކަމަށް ދިރާސާ ރިޕޯޓުން ދައްކައިފިއެވެ. މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ، ނުވަތަ މި ސަރަހައްދަށް އެންމެ ގިނައިން ރެޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށް ޓަކައި ދިރާސާއެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ހަވާލުކުރިއެވެ. އެ ދިރާސާ ރިޕޯޓުގައިވާ ގޮތުން، މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ހިފަހައްޓަން ފެންނަނީ 89،413ގައެވެ. އެކަމަކު މިހާރު ވެސް މި ސަރަހައްދުގައި 119،472 އުޅަނދު ދުއްވައެވެ. މިއީ ކަނޑައަޅަން ފެންނަ ކަމަށް ދިރާސާގައި ބުނެފައިވާ އަދަދަށްވުރެ 30،059 އިތުރު އަދަދެކެވެ. އެ 119،472 އުޅަނދުގެ ތެރޭގައި ހިމެނެނީ 103،300 ސައިކަލާއި 7،505 ކާރެވެ. އެ ގޮތުން މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުގެ 92.7 އިންސައްތަ ހިއްސާކުރަނީ ކާރާއި ސައިކަލެވެ. ބާކީ 7.3 އިންސައްތައަކީ އިންޑަސްޓްރިއަލް އުޅަނދުތަކެވެ. ދިރާސާގައި ލަފާދީފައި އޮތީ ސައިކަލުގެ އަދަދު 76،518އަށް، އަދި ކާރުގެ އަދަދު 5،610އަށް މަދުކުރުމަށެވެ. މާލޭ ސަރަހައްދުގެ ޓްރެފިކު ތޮއްޖެހުމާއި ވައި ތަޣައްޔަރުވާ މިންވަރު ކުޑަކުރުމަށް ޓަކައި، ކަމާގުޅޭ ގަވާއިދުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރަންޖެހޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، މާލެއާއި ހުޅުމާލޭގައިވާ 132،230 ސައިކަލު ޕާކިން ސްލޮޓާއި 7،163 ކާރު ޕާކިން ސްލޮޓު މެނޭޖު ކުރުމަށް ޕާކިން ފީ ތައާރަފު ކުރަންޖެހޭ ކަމަށް ވެސް ދިރާސާ ރިޕޯޓުގައިވެއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ، މާލޭގެ ޓްރެފިކު ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި ކުރިޔަށް އޮތް 10 އަހަރު މާލެ ސިޓީ ކައުންސިލުން އިސްކަންދޭން ޖެހެނީ ސައިކަލާއި ކާރަށް ކަމަށެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި އޮންނަ ގޮތުން ރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައަޅަންޖެހެނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ. އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމާބެހޭ ގަވާއިދަށް މިދިޔަ މާރިޗްމަހު ގެނައި އިސްލާހުގެ ދަށުން، ރަށްރަށާއި ސިޓީތަކުގެ ކެރީން ކެޕޭސިޓީ ކަނޑައަޅާނީ ކައުންސިލްތަކުން އެސެސްމަންޓެއް ހެދުމަށް ފަހުގައެވެ. އެހެން ކަމުން މި ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމާމެދު ގޮތް ނިންމާނީ މާލެ ސިޓީ ކައުންސިލުންނެވެ. އަދި އެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލުކުރަން ފަށާނީ ޓްރާންޕޯޓު މިނިސްޓްރީގެ މަޝްވަރާގެ މަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ