ރާއްޖޭގެ މަތީ ތައުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ޝެއިހް އިސްމާޢީލަށް

ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ފުރަތަމަ ފަހަރަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފި އެވެ.
މި ޝަރަފް އެރުވީ ފަޟީލަތުއްޝައިހް އިސްމާއިލް މުހައްމަދަށެވެ. ޝެއިހަށް މި ޝަރަފުއެރުވީ އިސްލާމީ އިލްމު ފެތުރުއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
ޝެއިހަށް މި ޝަރަފު އެރުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން އިން އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ.
Advertisement
ޝެއިހް އިސްމާއީލަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުން 
ޝެއިހަށް މި ޝަރަފު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ޝެއިޚް އިސްމާއީލަކީ ރާއްޖެ ދުށް ވަރުގަދަ ޢިލްމުވެރިއެކެވެ. އެއީ އެތައް ޢިލްމުވެރިންނެއް އުފެއްދެވި ހިތްވަރު ގަދަ ލީޑަރެކެވެ.
ޝެއިޚް އިސްމާއީލަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވައި ނިންމި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. ޝައިޚު އިބްނު ބާޒްގެ ދަރިވަރެކެވެ. ވަރަށް ބޮޑު ޢިލްމުވެރި އެކެވެ. ވަރަށް ގިނަ ޢިލްމީ ފޮތްތައް ލިޔުއްވާފައިވެ އެވެ.
އެކިއެކި މައުލޫތަކަށް ވަރަށް ޢިލްމީ ދަރުސްތައް ދެއްވާފައިވެ އެވެ. 
ޝައިޚުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ އިލްމުވެރީން ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އިބްން ބާޒުގެ ފަރާތުން މަންދޫބެއްގެ ގޮތުގައި 27 އަހަރު ޕާކިސްތާނުގައި ތައުލީމް ދެއްވަން ހުންނެވި އެވެ.
އެ ފުރުސަތުގެ ބޭނުން ހިއްޕަވާ ދިވެހި ދަރިވަރުން އެ ގައުމަށް ގެންދަވާ ޢިލްމު އުނގެނުމުގެ ފުރުސަތު ދެއްވި އެވެ. ރާއްޖޭގެ ދަޢުވަތުގެ މައިދާނުން މިއަދު ފެންނަން ތިބި ވަރަށް ގިނަ ބޭފުޅުންނަކީ ޝެއިޚްގެ އެހީތެރިކަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. އެފަދަ އެތައް ބޭފުޅުންނެއްގެ ބެލެނިވެރިއެއް ކަމުގައި ވެވަޑައިގެން ޢިލްމީ ދަތުރުގައި ކުރިއަށް ވަޑައިގަތުމުގެ ފުުރުސަތު ދެއްވި އެވެ.
ދ. މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އިސްމާއީލް, ތަޢުލީމީ ހަޔާތަށް ފަހު ރާއްޖެ ވަޑައިގެން ޠައިބާ ސުކޫލު ބިނާކުރެއްވި އެވެ. ދިވެހީންނަށް ދީނީ ތަޢުލީމު ފޯރުކޮށް ދިނުމުގައި އެ ސުކޫލު އަދާކޮށްފައި ވަނީ ފާހަގަކޮށްލެވޭ ފަދަ ދައުރެކެވެ. 
ދީނީ ޢިލްމުވެރިޔާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމަކީ ވެސް އެ ސުކޫލުގެ މުދައްރިސެކެވެ.
ޝެއިހް އިސްމާއީލް ވަނީ ރައީސް ނާސިރުގެ ވެރިކަމުގައި ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.
އަދުލްއިންސާފު ގާއިމު ކުރެއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްތަކީ ތާރީޚު ހެކިދޭ މަސައްކަތްޕުޅު ތަކެކެވެ. މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ އަދުލަށް ޙުކުމް ކުރެއްވުމަށް ގޮންޖެހުންތައް ކުރިމަތިވާން ފެށުމުންނެވެ.
މަޤާމަށް އިސްކޮށް ވަކި ބަޔަކު އަންގާހާ ގޮތަކަށް ޙުކުމް ކުރެއްވުމަށް ހުންނަވަން ބޭނުންފުޅު ނޫން ކަމުގައި ވިދާޅުވުމަށް ފަހު އެވެ. އޭގެ ފަހުން ދެން ކުރިމަތިވެވަޑައިގަތީ އުނދަގޫ / އެހާމެ ދަތި ދުވަސްތަކަކާ އެވެ.
ޝެއިހް އިސްމާއީލް 
އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުގައި ޝެއިހަށް ބޮޑެތި އަނިޔާތަކާއި ކުރިމަތިކުރުވި އެވެ. ޠައިބާ ސުކޫލުން ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކޮށް އެ ސުކޫލު ބަންދުކުރި އެވެ. އަދި ޝެއިޚްގެ އަމިއްލަފުޅު ބިން ދައުލަތަށް ނެގި އެވެ. އެ ނޫންވެސް އެކި ގޮތްގޮުތުން ފިއްތުންތައް ކުރިމަތި ކުރުވި އެވެ. އަނިޔާވެރި ކަން އިސްކޮށް ދަތިކުރުމުގެ އެތައް އަމަލެއް ހިންގި އެވެ.
ނަމަވެސް އެ ހުރިހާ ކަމަކާ ކުރިމަތިލެއްވީ ކެތްތެރިކަމާ އެކު އެވެ. އެންމެ ފަހުން ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގަތެވެ.
ބޭރުގައި ހުންނެވި ނަމަވެސް ދިވެހި ދަރިވަރުންގެ ބެލެނިވެރިއެއްގެ ގޮތުގައި ވެވަޑައިގެން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ