ރައީސްގެ އާއިލީ މައްސަލަތައް ހައްލު ކުރާނީ ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެންނެއް ނޫން: ޔާމީން ރައީސްގެ އާއިލީ މައްސަލަތައް ހައްލު ކުރާނީ ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެންނެއް ނޫން: ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ މައްސަލަތައް ހައްލު ކުރާނީ ދައުލަތުގެ މުއައްސަސާތައް ބޭނުން ކޮށްގެން ނޫން ކަމަށާއި، އެކަން ހައްލު ކުރަން ޖެހޭނީ އާއިލާގެ ތެރެއިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން މިހެން ވިދާޅުވީ އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އާއި އެކްޓިވިސްޓަކު ރައީސް މުއިއްޒުގެ ދޮށީ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ބަލަހަން ފަށާފައި ވަނިކޮށެވެ.
އެ މައްސަލައިގައި ހުސައިން ވަހީދު އިއްޔެ ޕޮލިހަށް ހާޒިރުވާން އަންގާފައި އޮތަސް، ފަހުން އެ އަމުރު ކެންސަލްކުރި އެވެ.
ރައީސް އާއީ އެ މަނިކުފާނުގެ އާއިލާގެ ވާހަކަ ވެރިކަމަށް އަންނަ ހިސާބުން ފެށިގެން ދައްކާނެ ޔާމީން ރޭ ވިދާޅުވި އެވެ.
"ފަސްޓު ލޭޑީ އާއި ފަސްޓް ފެމިލީ އަކީ އެއީ ޕަބްލިކް ޑޮމެއިންއަށް އަންނަ ބައެކޭ ވެރިކަމަށް އަންނަ ހިސާބުން. އެހެންވީމާ އެ މީހުންގެ ސުލޫކީ އެއްވެސް ކަމެއް އުޅެންޏާ އެ ވާހަކަ ދައްކާނެ، އެ މީހުން ރުހުނަސް ނުރުހުނަސް އެއީ ދައްކާނެ ވާހަކަ. އެއީ ޕަބްލިކް އަތްޖެހޭ ހިސާބުގައި ތިބި ބަޔަކަށް ވާންޖެހެނީ،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ އެކަމަކާ ކަންބޮޑުވެގެން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ބޭނުންކޮށްގެނެއް ނޫނޭ [މައްސަލަ ހައްލު ކުރަން ޖެހޭނީ]. ރަނގަޅުވާނީ ގޭތެރެއިން ހައްލު ހޯދިއްޔާ. ގޭތެރެއިން ހައްލު ހޯދާފައި އެކަން ރަނގަޅު ކުރޭ. ރައްޔިތުން އެ ބުރަ އުފުލަން ޖެހޭނެ ކަމެއް ނެތް. ފުލުހުން ނުކުމެ އެކަން އުފުލަން ޖެހޭނެ ކަމެއް ނެތް. ގައިމު ގޭތެރޭގައި ކަންތައްތަކެއް އުޅޭތީދޯ އެ ބޭފުޅުން އެ ވާހަކަ ދައްކަވަނީ. އެބޭފުޅުން ނުދައްކައި ހިންދާލައިގެން ތިބި ނަމަ މާ ރަނގަޅުވީސް."
ރައީސްގެ ދަރިކަލުންގެ ކަރާމަތަށް އަރައިގަތް މައްސަލަ ފުލުހުން ބަލާތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، ފުލުހުންގެ ޒިންމާތަކުން ރެކި ކޫސަނި ކަންކަމުގައި މަޝްއޫލުވެގެން އުޅޭތީ ކަންބޮޑުވާ ކަމަށެެވެ.
ރައީސްގެ ދަރިކަލެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައެއްގައި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އިއްޔެ ވަނީ ދައުވާ ކޮށްފަ އެވެ.
މަރިޔަމް ޒުބައިރާއި ފައްޔާޒުގެ މައްސަލަތައް، ސާޖިދާ ޕޮލިހަށް ވެސް ހުށަހަޅާފައިވެ އެވެ.
ރައީސްގެ ދަރިކަލެއްގެ ކަރާމާތަށް އަރައިގަތް ކަމަށް ތުހުމަތު ކުރަނީ އެ ކުއްޖާ ދުންފަތު އިސްތިއުމާލު ކުރާ ކަމާއި ރާއްޖޭގައި ވޭޕު ބޭނުން ކުރުން މަނާކުރީ އެ ކުއްޖާ ވޭޕުކުރާތީ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެ ތުހުމަތުތައް ސާޖިދާ ވަނީ ދޮގުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ