ރައީސަކު ހިސާބަށްވުރެ ބޮޑަށް އަނބިދަށުވުމުން ނުވެ ނުދާނެ ހުރިހާގޮތެއް މުއިއްޒު ސަރުކާރަށް ދަނީވަމުންނެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ފޭލިވެފައި ހުރި އަންނެނަކަށް މަހާ ރެހެންދިކަން ލިބުމުން މަތިއޮމާން ކުރަން އުޅެން ހަދައިގެން ބަރަހަނާވުންނޫން ކަމެއް ވަނީއެއް ނޫނެވެ. ދަނޑިދިގު އުނދުޅި ހެދިގެން ސަރުކާރުގެ ހުރިހާތާކަށް މެޑަމް ސާޖިދާ ފާޅުގައި ނުފޫޒު ފޯރުވަމުން ދާކަން ނޭނގޭ ކުޑަކުއްޖަކުވެސް ގައުމުގައި ނެތެވެ.
މުއިއްޒާ ގާތްވާން ސިހުރު ހެދިކަމުގެ ތުހުމަތުގައި ސާޖިދާގެ ނުފޫޒުން ޝަމްނާޒާއި އޭނާގެ ކޮއްކޮ ޖަލަށްލާ އަނިޔާވެރިކަން ދެއްކުމަށް ފަހު އެކަމާ ހަވާލުނުވެ އެފަހަރުވެސް އިތުބާރު ގެއްލުވާލީ ދިވެހި ފުލުހުންގެއެވެ. ދަރިފުޅު ވޭޕް ބުއިކަމަށް ބުނާ މައްސަލައިގައިވެސް ސާޖިދާ ގުރުބާން އެކޮށްލަނީ ރާއްޖޭގެ ކްރިމިނަލް ކޯޓާއި ފުލުހުންނެވެ.
އާއްމު އެއްވުމެއްގައި ލައިވް ޓީވީކުރި މަތީގައި މަންދި ޒުބައިރާއި މާޒް ސަލީމް، މުއިއްޒު ދަރިއަކު ވޭޕް ބުއިކަމަށް ބުނެގެން މުއިއްޒުގެ ދަރިއެއްގެ ކަރާމާތް ގެއްލިގެން މުޅި ސަރުކާރަށް ބިންހެލުމެއް އައިސްގެން އުޅޭކަހަލައެވެ. ފުލުހުން ލައްވާ އެދުވައިގެން ކޯޓަށް ނުފޫޒު ފޯރުވައިގެން މަންދި ޒުބައިރާއި މާޒް ސަލީމް ބަރަހަނާކޮށްގެން ފޮޓޯ ނަގަން ކޯޓް އަމުރެއް ހޯދައިގެން އުޅެގަތް ގޮތުން އަނެއްކާވެސް އެވެއްޓުނީ ހޫނުފެނަށެވެ. ފުލުހުން އުޅުނީ މަންދި ޒުބައިރާއި މާޒް ސަލީމް ބަރަހަނާކޮށްގެން ފޮޓޯ ނަގަން ނޫންކަމަށް މިހާރު ފުލުހުން މީޑިޔާގައި ބުންޏަސް އެކަމެއް އޮޅުވައެއް ނުލެވޭނެއެވެ. އެދެމީހުންގެ ފޮޓޯ ނެގުމަށްޓަކައި ކޯޓުން ހޯދާފައޮތް އަމުރުގައި ސާފުކޮށް ކަޅާހުދުން ލިޔެފައޮތް އިބާރާތް އެއޮތީ ފެންނާށެވެ. މާޒް ސަލީމަށް ފުލުހުން ފޮނުވި އަމުރުގައި އޮތީ "ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަޙުމަދު ސަލީމްގެ ޖިންސީ ގުނަވަން ފިޔަވާ ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށް" މިހެންނެވެ.
މީޑިޔާގެ ކުރިމަތީގައި ދެއްކި ވާހަކައަކާ ގުޅިގެން ކާކުކަން ނޭގިގެން މިވަރުން އުޅޭކަށް ނުޖެހޭކަމަށް މާޒް ސަލީމް ވިދާޅުވެއެވެ. އިތުރަށް ތަފްޞީލް ކުރައްވަމުން މާޒް ވިދާޅުވީ، މިއަދު ފުލުހުންގެ މުއައްސަސާއޮތީ ސިޔާސީކޮށް ފުލުހުންގެ އަތް އަނބުރާފާކަމަށެވެ. ރައީސް މުޢީއްޒުގެ އަންހެނުން ސާޖިދާގެ ނުފޫޒުގައި ފުލުހުން މިގޮތައް ކޯޓު އަމުރު ހޯދައިގެން ބަރަހަނާ ކޮށްގެން ފޮޓޯ ނަގާފައި އެފޮޓޯތައް ފުލުހުންގެ ތެރެއިން ލީކު ކުރާނެކަން އެއީ ޔަގީންވާ ކަމެެއްކަމަށާއި ބަރަހަނާ ފޮޓޯ ނަގަނީ އެމަގުސަދުގައިކަން މާޒް ސަލީމަށް ވަރަށް ސާފެވެ. އެހެން ނޫންނަމަ މިހިސާބަށް މިކަން ގެންދާކަށް ނުޖެހެއެވެ.
ފުލުހުންގެ މުޢައްސަސާއަކީ ކޮރަޕްޝަންގެ މަސްއަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވާ މުޢައްސަސާއެއްކަން މިއީ މިއަދު އެންމެން ދަންނަ ހަގީގަތެކެވެ. 2017 ގެތެރޭގައި ޑިފެންސް މިނިސްޓަރަކަށް ހުރި ނާޒިމް ގެޔަށް ކުއްލިޔަކަށް ވަނތްފިސްތޯލައަކީވެސް ކާކު އެގެޔަށް ވެއްދި ފިސްތޯލައެއްކަމާއި އެފިސްތޯލައިގައި ހުރި ފިންގަ ޕުރިންޓަކީ ކުރީގެ ނައިބު ރައީސް އެއްގެ ފިންގަރ ޕުރިންޓެއްކަން މިއީ މިއަދުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ހުރި މަޢުލޫމާތެވެ. އެހެންނަމަވެސް އޭރުގެ ޑިފެންސް މިނިސްޓަރ ނާޒިމް 12 އަހަރު ދުވަހުގެ މުއްދަތައް ޖަލަށް ލުމަށް ހުކުމްކޮށް ޖަލަށްލީތަން ދިވެހިން ދުއްޓެވެ. ނާޒިމް ފުރޭމްކޮށް ހައްޔަރު ކުރުމަށް އެގެޔަށް ފިސްތޯލަ ވެއްދީ ކޮންބައެއްކަން ވެސް ރައްޔިތުންނަށް ވަރަށް ސާފުކޮށް އޮތީ އެނގިފައެވެ.
މާޒް ސަލީމްމެންގެ ފޮޓޯ ނަގައިގެން ވެސް ހިންގަން އުޅެނީ އެކަހަލަ ޑުރާމާއެއްނޫން ދެވަނަ ދެކަމެއް ނޫނެވެ. ސުޕުރިމް ކޯޓަށް އަލީ ހުސައިން ވެއްދި މެމްބަރުންގެ ގޮނޑި ގެއްލޭ މަސްއަލައަކީ މުޢިއްޒާ ދެކޮޅަށް ނިމޭނެ މަސްެއަލައެއްކަން އެނގުނު ހިސާބުން މިރާއްޖޭގެ ގާނޫނާއި ހިލާފަށް މުޅި ސުޕުރިމްކޯޓު ހުއްޓުވާލާ އެތަނުގެ ފަނޑިޔާރުންނަށް ބިރުދައްކައިގެން އެފަނޑިޔާރުން ސަސްޕެންޑް ކޮށް މުޅި މިނިވަން މުޢައްސަސާތައް މުއިއްޒު ހިސޯރު ކޮށްފައި ވާއިރު މާޒް ސަލީމްމެންގެ ބަރަހަނާ ފޮޓޯނަގައިގެން އެފޮޓޯތައް ފުލުުންގެ ތެރެއިން ލީކު ވީމާ ދެން މިކަމުގެ ހައްގު ހޯދަން ދާން އޮންނާނީ ކޮންތަނެއްހެއްޔެވެ. ސުޕުރިމްކޯޓުގަ ރީތިކޮށް ތިބި ފަނޑިޔާރުން އެތަނުން ނެރެ ބޭރުކޮށްލުމުން އެފަނޑިޔާރުންނަށް ނުލިބުނު ހައްގެއް ލިބޭނީ އެހެން ކާކަށް ހެއްޔެވެ. ގާނޫނުން ބާރުލިބިދޭ ހުރިހާ މުއައްސަސާއެއް އޮތީ މުއިއްޒުއާއި ސާޖިދާއަށް އަމާންދީގެން ކަމަށް މާޒް ސަލީމް ވިދާޅުވެއެވެ.
ފުލުހުން ބަރަހަނާ ފޮޓޯ ނަގަންއުޅެނީ ލީކު ކުރަން: މާޒް ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ